ރެސިޕީ: ސިނަމަން ރޯލްސް

ރެސިޕީ: ސިނަމަން ރޯލްސް

Author
ފާތިމަތު ނާވީ
10 އޭޕްރިލް 2022 09:27
0

ސިނަމަން ނުވަތަ ފޮނިތޮށްޓަކީ ގިނަ ގުނަ ފައިދާ ތަކެއް ލިބިދޭ އެއްޗެކެވެ. މިއަދުގެ ރެސިޕީއަކީ ސިނަމަން ރޯލްސްއެވެ.

ހަށިގަނޑަށް ފައިދާ ލިބުމުގެ އިތުރުން މިއީ އަނގަޔަށް މީރު އަދި ތައްޔާރު ކޮށްލުމަށް ވެސް އެހާމެ ފަސޭހަ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

ފުށްގަނޑަށް:

  • 1 ޖޯޑު ކިރު
  • 3 މޭޒުމަތީ ސަމުސާ އީސްޓް
  • 2 މޭޒުމަތީ ސަމުސާ ބަޓަރު
  • 4 މޭޒުމަތީ ސަމުސާ ހަކުރު
  • 3 ޖޯޑު ފުށް

ފިލިގްސްއަށް: 

  • 6 މޭޒުމަތީ ސަމުސާ ބަޓަރު
  • ބައި ޖޯޑު ބްރައުން ޝުގާ
  • 2 މޭޒުމަތީ ސަމުސާ ސިނަމަން ޕައުޑަރު

އައިސިންއަށް:

  • 4 މޭޒުމަތީ ސަމުސާ ބަޓަރު
  • 1 ތަށި ނުވަތަ މެދުސައިޒުގެ 1 ފުޅި ކްރީމް ޗީޒް
  • 1 ސައި ސަމުސާ ވެނީލާ އެސެންސް
  • 2 ޖޯޑު އައިސިން ޝުގާ

ތައްޔާރު ކުރާނެ ގޮތް: 

އެންމެ ފުރަތަމަ ފުށްގަނޑު މޮޑެލުމަށް ކިރު، އީސްޓް، ބަޓަރު އަދި ހަކުރު ރަނގަޅަށް ގަށައިލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ވުމުން ފުށް އަޅައިގެން އެއްކޮށްލާށެވެ. އެއަށް ފަހު ބައިގަޑި އިރު ރެސްޓް ކުރުމަށް ބައިންދާށެވެ.

ފުށްގަނޑު ޑަބަލް ސައިޒަށް ބޮޑުމުން ހަތަރެސްކަނަށް އެއް ވަރަކަށް ދަމައިލާށެވެ. އެއަށް ފަހު ފިލިގްސްއަށް ފުރަތަމަ ރަނގަޅަށް ބަޓަރު އުނގުޅާލާށެވެ. އަދި ބަޓަރުގެ މައްޗަށް ބްރައުން ޝުގާ، އެއްވަރަކަށް އެޅުމަށްފަހު ސިނަމަން ކޮޅުވެސް އަޅާލައި އެއްވަރަކަށް ފަތުރާލާށެވެ.

އެއަށް ފަހު ފުށްގަނޑު އޮޅާލާށެވެ. ރީތިކޮށް އޮޅުމުން ބަރަނީގެ ރޮދި ކޮޅަކުން އެއްވަރަކަށް ބުރިކޮށްލާށެވެ. ފިހަންލާ ޓްރޭގައި ރޯލްސްތައް އެތުރުމަށްފަހު ގަޑިއެއްގެ އިރު ވަންދެން ރެސްޓް ކުރަން ބަހައްޓާށެވެ.

ގަޑިއެއްގެ އިރު ވުމުން ހުރިހާ ރޯލްސްތަކުގެ މަތީގައި ބަޓަރު ކޮޅެއް އުނގުޅާލުމަށް ފަހު ފިހެލާށެވެ. ވަރަށް އަވަހަށް ފިހެވޭނެއެވެ. އެހެންކަމުން އަވަން ޗެކްކުރަމުން ގެންދަން ވާނެއެވެ. ރޯލްސްތަކުގެ މައްޗަށް ގޯލްޑަން ބްރައުން ކުލަ އެރުމުން އަވަނުން ނަގައި ހިހޫކުރުމަށް ބަހައްޓާށެވެ.

އައިސިންގ ހެދުމަށް ބަޓަރާއި ކްރީމް ޗީޒް އަދި ވެނީލާ އެސެންސް ކޮޅު ރަނގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު އައިސިންގ ޝުގާ އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ރޯލްސްތަކުގެ މަތީގައި އެއް ލެވެލަކަށް ހާކައިލާށެވެ. މިހާރު ހުންނާނީ ސިނަމަން ރޯލްސް ނިމިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.