އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅޭ މުހައްމަދު ސަލާހް އެކްލަބާއި އެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް އޭނާ ބޭނުންވާކަމަށް މިސްރުގެ ކުޅިވަރާއި ބެހޭ ވަޒީރު އަޝްރަފް ސޮބްހީ ހާމަކުރައްވައިފިއެވެ.
ސޮބްހީ ހާމަކުރެއްވިގޮތުގައި އޭނާ ސަލާހް އަށް ލަފާދެއްވީ ލިވަޕޫލް ދޫކޮށްލުމަށްކަމަށާއި ނަމަވެސް ސަލާހްވަނީ އޭނާ ލިވަޕޫލްގައި މަޑުކުރަން ބޭނުންވާކަމަށް ބުނެފައިކަމަށެވެ. މިސްރުގެ ކުޅިވަރާ ބެހޭ ވަޒީރު ސޮބްހީ ވިދާޅުވިގޮތުގައި އޭނާ ސަލާހްއާއި މިކަމާއި ބެހޭގޮތުގް ވާހަކަ ދެއްކެވީ ވޯލްޑް ކަޕް ކޮލިފައިންގައި ސެނެގާލް އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހުއެވެ. އަދި ވެދިޔަ ކަމެއް ހަނދާން ނައްތާލާ ކުރިމަގަށް ވިސްނުމަށް ދެންނެވިން ކަމުގައި ސަބްހީ ވިދާޅުވިއެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްވެސް ހާމަކޮށްފައިވާގޮތުގައި ސަލާހްގެ އެއްބަސްވުން އާކުރުމުގެ ވާހަކަ ދާގޮތާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކަމާބެހޭ ހުރިހާ ފަރާތްތަކުންވެސް އަންނަނީ ވާހަކަ ދައްކަމުން ކަމަށާއި އެހެންކަމުން އޭނާ ހުރީ ހިތްހަމަ ޖެހިގެންކަމަށެވެ. މިއަހަރުގެ ޖެނުއަރީ މަހު ސަލާހް ހާމަކުރިގޮތުގައި އޭނާ ބޭނުންވަނީ ލިވަޕޫލްގައި މަޑު ކުރަން ކަމަށާއި ނަމަވެސް އެކަން ބިނާވެގެންވަނީ ކްލަބްގެ މައްޗަށް ކަމަށެވެ. އަދި ލިވަޕޫލަށް އޭނާ ބޭނުންވަނީ ކޮންކަމެއްކަން އެނގޭނެ ކަމަށާއި އަދި އޭނާ ގަބޫލް ނުކުރެވޭވަރުގެ ކަމަކަށް އެދިފައި ނުވާނެކަމަށެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ސަހާލް މިހާރުވަނީ ހަތަރު އަހަރު އިތުރަށް ލިވަޕޫލްގައި މަޑުކުރުމަށް އެއްބަސްވުމަކަށް އައުމާއި ގާތައެް ގޮސްފައެވެ. އަދި އޭނާ އެއްބަސްވެފައިވަނީ ހަފްތާއަކު ހަތަރު ސަތޭކަ ހާސް ޕައުންޑްގެ މުސާރައަކަށް ކަމަށްވެސް މަޢުލޫމާތުލިބެއެވެ. އަދި މިއަގަށް އެއްބަސްވެފައިވަނީ ގިދު މުއްދަތުގެ އެއްބަސްވުމެއް ލިބޭތީ ކަމަށްވެސް ހަބަރު ލިބެއެވެ. ކުރިން ހަބަރުތައް ފެތުރުނު ގޮތުގައި ސަލާހް ލިވަޕޫލްގައި މަޑުކުރާނީ ފައްސަތޭކަ ހާސް ޕައުންޑްގެ މުސާރައެއް ދޭކަމަށްވާ ނަމައެވެ.