ތިލަމާލެ ބްރިޖްގެ އެންމެ މުހިންމު ސަރވޭތަކާއި މަސައްކަތްތަކަށް ބޭނުންވާ ބާޖު ރާއްޖެ ގެނެސްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މި ބާޖަކީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތުގައިވެސް ބޭނުންކުރާނެ އުޅަނދެއްކަމަށެވެ. މި ޖެކްއަޕް ބަރޖްއަކީ ބްރިޖްގެ މަސައްކަތަށް ކަނޑުގެ ސަރަޙައްދުގެ މުހިންމު ސަރވޭތަކެއް ކުރިއަށްގެންދިއުމަށް ބޭނުންކުރާނެ ބާޖެއްކަމަށެވެ. އެގޮތުން ކަނޑު އަޑީގެ އޮއިވަރާ ގުޅޭ ސަރވޭތަކާއި، އަދި ކަނޑުގެ އަޑިއަށް ޖަހާ ތަނބުތަކާއި ގުޅޭ ސަރވޭތައް ހިމެނެއެވެ.
މި ބާޖަކީ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމުން، ތަނބުތައް ޖެހުމުގެ މަސައްކަތުގައިވެސް ބޭނުންކުރާނެ ބާޖެކެވެ. އަދި ސަރވޭއަށް ބޭނުންވާ މެޝިނަރީތައް ކަނޑުމަތީގައި ގެންގުޅުމަށް ބޭނުންކުރާނެ ޕްލެޓްފޯމަކަށްވެސް މި ބާޖު ބޭނުންކުރާނެއެވެ. މި ބާޖުގައި ހެލިކޮޕްޓަރު ޖެއްސޭގޮތަށް ހެލިޕެޑްއެއްވެސް ހިމެނެއެވެ.
ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16ވަނަ ދުވަހުއެވެ. އަދި އެއަރއެކު ބްރިޖްގެ މުހިންމު ސަރވޭގެ މަސައްކަތްތައް ފަށައިގެންދަނީ ކުރިއަށެވެ. މިހާރުވެސް މާލެއާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ބްރިޖްގެ މަސައްކަތްތަކަށް ބޭނުންވާ މާލޭގެ ސައިޓާއި ގުޅީފަޅު ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ސައިޓްތައް ތައްޔާރުކުރަނީ މަސައްކަތްކުރާ މީހުން ތިބުމަށް އެކަމަޑޭޝަން ބްލޮކާއި އިދާރީ އޮފީހާއި މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓޭނެ ސަރަޙައްދުތައް ހިމެނޭހެނެވެ.
The jack up barge which will be used for the deep water works of Greater Male' Connectivity – Male' to Thilafushi Link project has arrived to Male'. pic.twitter.com/NKuKM30UPK
— Min.of National Planning, Housing & Infrastructure (@MoNPHImv) March 30, 2022
މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށްކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭމަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމާގޮތަށްކަމަށެވެ.
ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ