އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2022 10:23
0

ފޮރިން މިނިސްޓަރ ޝާހިދުގެ ދަޢުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ދިވެހިރާއްޖެ ވަޑައިގެންފިއެވެ.

އައްޑު ގަމުގެ އިންޓަނޭޝަނަލް އެއަރޕޯޓުން މިނިސްޓަރ ޖައިޝަންކަރަށް މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރ ޝާހިދު އާއި، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދުއާއެކު މަޝްވަރާތައް ބާއްވަވައި، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ. އަދި ދެޤައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ، ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގަމުންދާ ދެޤައުމާ ގުޅުން ހުރި އެކި ކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާނެއެވެ.
މަޝްވަރާތަކަށްފަހު، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ޤާއިމްކުރެވޭ އެއްބަސްވުމުގައި ސޮއިކުރެވޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ދެ ވަޒީރުން މި ނެޓްވޯކް ލޯންޗްކޮށްދެއްވާނެއެވެ.

މީގެ އިތުރުން ދެޤައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ޤައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައިވެސް މި ދަތުރުފުޅުގައި ސޮއިކުރެވޭނެއެވެ.

އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި، އިންޑިއާގެ އެހީގައި އައްޑޫގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫގައި އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ އެހީގައި ޤާއިމްކޮށްފައިވާ ރީހެބިލިޓޭޝަން ސެންޓަރާއި، ޓޫރިޒަމް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައާއި، އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އިފްތިތިޙްކުރުމުގެ ރަސްމިއްޔާތާއި، އައްޑުގެ ބިން ހިއްކުމުގެ މަޝްރޫޢު ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ޑރ ޖައިޝަންކަރު މާދަމާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ހަމައެއާއެކު އިންޑިއާގެ އެހީގައި ޤާއިމްކޮށްފައިވާ އެކްސްޕޭންޑަޑް ކޯސްޓަލް ރޭޑަރ ސިސްޓަމްވެސް އިފްތިތާޙްކޮށްދެއްވާނެއެވެ.

މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ. އަދި އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޑރ ޖައިޝަންކަރު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.