ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން

ގިނަ މެމްބަރުންތަކެއް ޕާޓީ ދޫކޮށް ދިއުމާއިގުޅިގެން، އިމްރާންޚާނަށް ބޮޑުވަޒީރުކަން ގެއްލިދާނެކަމުގެ ބިރު ހީވެއްޖެ

ގިނަ މެމްބަރުންތަކެއް ޕާޓީ ދޫކޮށް ދިއުމާއިގުޅިގެން، އިމްރާންޚާނަށް ބޮޑުވަޒީރުކަން ގެއްލިދާނެކަމުގެ ބިރު ހީވެއްޖެ

އިމްރާންޚާނަށް ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލުހުގައި އޮތް މެޖޯރިޓި ގެއްލިއްޖެކަމަށް ބުނެ، ޕާކިސްތާންގެ އިދިކޮޅު މެމްބަރުންގެ އިއްތިހާދަކުން އެގައުމުގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނުހަދާ މަޖިލީހަށް ވައްދައިފިއެވެ.

ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިހުގެ ދަށުގޭގެ ރައީސް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ، އިމްރާން ޚާންގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމަށްޓަކާ މި ހަފްތާގެ ހުކުރުދުވަހު ގާނޫނުހަދާ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް މިހާރު ހަމަޖެހިފައި ވާކަމުގައެވެ.

އިދިކޮޅު މެމްބަރުންގެ އިއްތހާދުން އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ ކުރީކޮޅު ގާނޫނުހަދާ މަޖިލިހަށް ވައްދާފައި މިވަނީ، ޚާންގެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އޭނާއަށް އޮތް އިތުބާރު އަބުރާ ގެންގޮސްފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

ޕާކިސްތާންގެ ތާރީޚުގައި މިހާތަނަށް އެއްވެސް ބޮޑުވަޒީރަކަށް އިންތިޚާބީ ދައުރެއްގައި މަގާމްގެ މުއްދަތު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ޕާކިސްތާނުގެ ގާނޫނު އަސާސީގައި ވާގޮތުގެމަތިން، އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނުހަދާ މަޖިލީހަށް ވައްދާތާ 14 ދުވަހުގެ ތެރޭގައި، ގާނޫނުހަދާ މަޖިލިހުގެ ތިރިގޭގެ ރައީސް، ބޮޑުވަޒީރުގެ މައްޗަށް އިތުވާރު އޮތްތޯ ބެލުމަށްޓަކާ ވޯޓަށް އެހުމަށް ގާނޫނުހަދާ މަޖިލިސް އެއްކުރަން ޖެހެއެވެ. މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި މިމުއްދަތު ހަމަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހަށެވެ.

އެހެންނަމަވެސް، ގާނޫނުހަދާ މަޖިލިހުގެ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްއާބާދުގައި މާރިޗްމަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ސަބަބުން، އިތުބާރު ނެތްކަމުގެ މައްސަލަ ފަސްކުރަން ޖެހުނީކަމުގައެވެ.

އިމްރާން ޚާންގެ ޕާޓީން ހަދާފައިވާ ކޯލިޝަންގެ މެމްބަރުންނާއި، އަދި ޚިޔާލު ތަފާތުވެ ޕާޓީއާއި ދުރައް ގޮސްފައިވާ މެމްނަރުންނާއި ނުލާ، މަގާމްގައި ދެމި ހުރުމަށްޓަކާ ގާނޫނުހަދާ މަޖިލިހުގައި އިމްރާން ޚާންއަށް ބޭނުންވާ 172 ވޯޓު އޭނާގެ ޕާޓީއަށް ހަމައެއް ނުކުރެވޭނެއެވެ. ގާނޫނުހަދާ މަޖިލިހުގައި އިމްރާން ޚާންގެ ޕާޓީއަށް އެކަނި ލިބިފައިވަނީ 155 ގޮނޑިއެވެ.

ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިހުގައި އިދިކޮޅު އިއްތިހާދަށް ހަމަ ކުރެވިފައިވަނީ ޖުމްލަ 163 ގޮނޑިއެވެ. އެހެންނަމަވެސް އިމްރާން ޚާންގެ ޕާޓީއާއި ޚިޔާލު ތަފާތު ވެފައިވާ މެމްބަރުންގެ ތާއީދާއެކީ، އިދިކޮޅު އިންތިހާދަށް އިމްރާން ޚާންއާއި ދެކޮޅަށް ގޮޑިތަށް ހަމަ ކުރުމުގެ ފުރުސަތު ބޮޑެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިމްރާން ޚާން އެގައުމުގެ އިގްތިސާދާއި ޚާރިޖީ ސިޔާސަތު އޮޅުންބޮޅުން ކޮށްފައިވާ ކަމުގައެވެ.

މިހަފްތާގެ އާދިއްތަ ދުވަހު ބޭއްވި އެއްވުމެއްގައި، ޕާޓީއާއި ޚިޔާލުތަފާތުވެފައިވާ މެމްބަރުން އަލުން ޕާޓީއާއި ގުޅުމަށް އިމްރާން ޚާންވަނީ ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *