ސަލްޓަންސް އޮފް ދަ ސީސް ކުންފުނިން މީގެ 12 އަހަރުކުރިން އަގު އޮޅުވާލައިގެން ގެނައި ދެ ލޯންޗު މައްސަލާގައި 110 މިލިއަން ރުފިޔާ ދެއްކުމަށް އެކުންފުނީގެ މައްޗަށް ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
ސަލްޓްންސް ކުންފުނިން 2007 ވަނަ އަހަރާއި 2088 ވަނަ އަހަރު ރާއްޖެއަށް އެތެރކުރި ދެ ލޯންޗުތަކަކީ ކުރިން ބޭނުންކޮށްފައިވާ އުޅަނދުތަކެއް ކަމަށް ބުނާ މައްސަލާގައި އިމްޕޯޓް ޑިއުޓީއާއި ޖޫރމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދެއްކުމަށް އެކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. ސިވިލް ކޯޓުގެ އެޙުކުމް ހައިކޯޓުން ބާޔިލުކޮށް ވަނީ އެފައިސާ ދައްކަން ނުޖެހޭކަމަށް ހުކުމްކޮށްފައެވެ.
ނަމަވެސް އެމައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، އެކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ ސަލްޓަންސް އިން ރާއްޖެ އެތެރެކުރި ދެ އުޅަނދަކީވެސް އައު އުޅަނދުތަކެއްކަމަށާއި، އޭގެ އަގު އޮޅުވާލާފައިވާކަމަށް ސިވިލް ކޯޓުން ކުރި ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށެވެ. ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ މިހާރު ޤާނޫނު އޮންނަގޮތުން މުދާ އެތެރެކުރާ ތާރީޚުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތަކުގެ ތަޙްގީގު ނިންމުން ލާޒިމްކޮށްފައި ވީނަމަވެސް، މިހާދިސާ ހިނގިއިރު އެފަދަ މުއްދަތެއް ޤާނޫނުގައި ނެތްކަމަށެވެ. އަދި ސަލްޓަންސް އޮފް ދަ ސީސް އިން އަގު އޮޅުވާލިކަން ތަހުގީގަށް ސާބިތުވުމުން ފިޔަވަޅު އެޅުމުގެ ބާރު ކަސްޓަމްސްއަށް އޮންނަކަމަށްވެސް މިއަދު ކުރި ޙުކުމުގައިވެއެވެ.
އެހެންކަމުން ހައިކޯޓުގެ ޙުކުމަކީ ޝަރުއީ އަދި ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށާއި، ހައިކޯޓުގެ ޙުކުމް ބާޠިލުކުރީކަމަށް މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު ވަނީ ޙުކުމް ކޮށްފައެވެ.
މިމައްސަލަ ބެއްލެވި ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ރަޝީދު މުޙައްމަދާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.
ކޮމެންޓު ފޮނުވާ