ސްޕެނިޝް ލީގުގައިި ވެލެންސިއާއިން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވެލެންސިޔާގެ ކާލޯސް ސޮލާ ވަނީ ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ރެއާލުންނެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ. ރެއާލުގެ ލޫކަސް ވަޒްކުއޭޒުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ވަނީ ވެލެންސިއާއަށް ޕެނަލްޓީއެއް ދީފައެވެ. ސޮލާ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރި ނަމަވެސް، ރިބައުންސް ބޯޅަ ވެލެންސިއާގެ ޔޫނުސް މޫސާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ސޮލާ ޕެނަލްޓީ ޖެހުމުގެ ކުރިން މޫސާ އޭރިއާ ތެރެއަށް ވަނުމާ ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ އަލުން ޕެނަލްޓީ ޖެހުމަށް ނިންމާފައެވެ. އެއާއެކު ދެވަނަ ފަހަރަށް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށް ސޮލާ ވަނީ ވެލެންސިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގައި ވެލެންސިއާއިން ފަހަތުން އަރައި ލީޑު ނަގާފައިވަނީ ރެއާލުގެ ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ވެލެންސިއާގެ މެކްސީ ގޮމޭޒަށް ރެއާލުގެ މާސެލޯ ކުރި ފައުލަކަށް އިތުރު ޕެނަލްޓީއެއް ދިންއިރު، ސޮލާ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ވެލެންސިއާއަށް ލިބުނު ތިންވަނަ ޕެނަލްޓީއަކީ މެޗުގެ 62 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސޮލާ ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ.
މި މެޗުން ބަލިވުމުން ރެއާލް ވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ކުޅުނު އަށް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި ރެއާލް ބަލިކުރި ވެލެންސިއާ އޮތީ ތާވަލުގެ ނުވަވަނައިގައި ނުވަ މެޗުން 11 ޕޮއިންޓާއެކުއެވެ.