ލިވަޕޫލް އެެއްވަރުވެ ލެސްޓާ ސިޓީ އެެއްވަނައަށް

ލިވަޕޫލް އެެއްވަރުވެ ލެސްޓާ ސިޓީ އެެއްވަނައަށް

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް 1-1 އިން އެއްވަރުވިއިރު، ވުލްވްސް އަތުން 1-0 އިން މޮޅުވި ލެސްޓާ ސިޓީ ލީގުގެ އެއް ވަނަ ދަމަހައްޓައިފި އެވެ.

ސިޓީ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ލީޑުނެގީ މެޗުގެ 13 ވަަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މިއީ ސިޓީގެ ކައިލް ވޯކާ ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 31 ވަނަ މިނިޓްގައި ސިޓީން އެއްވަރުކުރީ އަނިޔާ އަށް ފަހު އެނބުރި އައިސް މެޗުގައި ކުޅުނު ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ފުރަތަމަ ހާފުގައި ސިޓީ އަށް ލީޑުނަގައިދޭން އެ ޓީމުގެ ކެޕްޓަން ޑިބްރޭނާ އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒް އަތުގައި އޭރިއާ ތެރެއިން ޖެހުނު ބޯޅައެއްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީން ޑިބްރޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ލެސްޓާ ކުޅުނު މެޗުން އެ ޓީމު މޮޅުވުމުން އެ ޓީމަށް އެއް ވަނަ ލިބުނީ އެވެ. ލެސްޓާ އަށް އެއް ވަނަ ގެއްލެން އޮތީ ލިވަޕޫލުން ސިޓީ ބަލިކުރިނަމަ އެވެ. އެކަމަކު މެޗު އެއްވަރުވުމުން ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލާއިރު ލެސްޓާ އަށް އެއް ވަނަ ލިބުނީ އެވެ.

ލެސްޓާ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި ލިވަޕޫލަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ސައުތެމްޓަން އަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *