އެފްއޭކަޕް ކުއާޓަރ ފައިނަލުން ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށް، މިޑިލްސްބްރާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިމުބާރާތުގެ މިޑިލްސްބްރާ ވަނީ ޖާގަހޯދައިފައެވެ.
މިޑިލްސްބްރާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާޔާބު ކުރެވޭގޮތް ނުވުމުން ކުޅުނު އިތުރު ވަގުތުގެ ދެހާފްގައި ކާމިޔާބުކުރި ލަނޑާއެކު އެއްލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް މިޑިލްސްބްރާއެވެ. އަދި މިމެޗްގައި ސްޕަރސްއާއި އެއް ހަމައެއްގައި މިޑިލްސްބްރާ ވަނީ މުޅި މެޗްގައި ކުޅެފައެވެ. މިއީ މިޑިލްސްބްރާ އެޓީމްގެ ދަނޑުގައި ޖެހިޖެހިގެންމޮޅުވި އަށްވަނަ މެޗެވެ. ސްޕަރސްއަށް ތައްޓެއް ކާމިޔާބު ނުކުރެވި ގިނަދުވަސް ވެފައިވުމުން އެކަމަށް ހައްލެއް ގެނައުމުގެ މަޤްސަދުގައި ކްލަބަށް ގެނައި އިޓަލީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ބެލުމުގެ ދަށުން ކުޅުނު ފުރަތަމަ ސީޒަންގައި މިހާރު މިވަނީ ތައްޓެއް ނުލިބޭނެކަން ކަށަވަރުވެގެން ގޮސްފައެވެ.
އެހެންކަމުން ސްޕަރސްއަށް މިވަނީ އެހުވަފެން ހަގީގަތަކަށް ހެދުމަށް އަންނަ އަހަރަށް މަޑު ކުރާށެވެ. މިމެޗްގައި މިޑިލްސްބްރާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 107 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖޯޝް ކޯބަރންއެވެ.