ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހުޅުމާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ސްޓެލެކޯގެ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުކުރު ދުވަހު ހަވީރު ކުރިއަށްދިޔަ މިހަވީރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރު އަޅުމަށްޓަކައި ހިންގޭ ކެމްޕެއިންގެ ތެރެއިން އެއް ހަރަކާތެވެ.
ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ އެނާޖީސޭވިންގ ކެމްޕެއިންގެ ދަށުން ހުކުރު ބޭއްވި ކާމިޔާބު މިހަވީރުގައި ގައުމުގެ މުސްތަގުބަލް ކަމުގައިވާ ކުޑަ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ކުރުމުގެ މުހިއްމުކަމާއި، ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން، އެކުދިންގެ ހުނަރު ދައްކާލުމާއެކު، ތަފާތު އެކި ކުޅިވަރުތަކާއި ހަދިޔާތައް ވަނީ އެކުދިންނަށް މި ހަވީރުގެ ތެރެއިން ދެވިފައިވެއެވެ.
ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން އަޅުގަނޑުމެން ކުރިޔަށް ގެންދާ އެނާޖީސޭވިންގ ކެމްޕެއިންގެ ދަށުން ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭ ސެންޓްރަލްޕާކުގައި ބޭއްވި ކާމިޔާބު ކުޑަކުދިންގެ ހަވީރުގެ ތެރެއިން. pic.twitter.com/tfx0l0Xfi4
— STELCO (@STELCOMALDIVES) February 26, 2022
ހޫނު މޫސުމުގެ މަސްތަކުގައި ކަރަންޓު އިޤްތިޞާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން ވަނީ އިއުލާންކޮށްފައެވެ. ސްޓެލްކޯއިންވަނީ ކަރަންޓު ސަމަކާރަ(އިޤްތިޞާދު) ކުރުމުގެ ކެމްޕެއިނެއް ފަށާފައެވެ. މިއީ "ސޭވް އެނަރޖީ" ކެމްޕެއިން ކުރިއަށްގެންދާ 4ވަނަ އަހަރެވެ.
ސްޓެލްކޯގެ ސޭވް އެނަރޖީ ކެމްޕެއިންގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިކެމްޕެއިނާއެކު ވޭތުވެ ދިޔަ 2އަހަރު ކަރަންޓާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ. މުޣްނީ ވިދާޅުވީ ކަރަންޓު ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލްވުމާއި އަދި އިޤްތިޞާދުކުރުމުގެ ސަބަބުން ބައެއް ގޭގޭގެ ބިލް %15އަށްވެސް ކުޑަވާކަމަށެވެ. މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިޤްތިޞާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ދެން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދީ، އާއްމުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި ސްކޫލްތަކުގެ އިތުރުން، އޮފީސްތަކަށްވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. ސްޓެލްކޯއަކީ ގްރޭޓަރ މާލެ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދެމުންދާ ކުންފުންޏެވެ. މިއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ދެބައިކޮށްފައި އެއްބައި ދިރިއުޅެމުން އަންނަ ސަރަޙައްދެވެ.