މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގެ ޚިޔާނާތް ބެލޭ ވަރަށްވުރެ ސަރުކާރު އޮތީ އެޚިޔާނާތުގައި ތާށިވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ބަލައި އެކަމުގައި ފިޔަވަޅު އަޅާނެކަމުގެ ވައުދާއިއެކު މިސަރުކާރުން ވެރިކަމަށް އައިނަމަވެސް ވެރިކަމުގެ ފަހު ދެ އަަހަރާއި ކުރިމަތިލާފައިވާއިރު މިމައްސަލައިގައި މިހާތަނަށް ރައީސް ޔާމީންގެ ފަހަތުން ދުވުން ފިޔަވައި އިތުރު ކަމެއް ނުފެނެއެވެ.
އެމްއެމްޕީއާރުސީ މައްސަލަ ނުބެލިއްޖެނަމަ ދައުލަތް ފެއިލްވާނެކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ނަޝީދުގެ ވާހަކަތާއި ގުޅިގެން ވާދަވެރި ސިޔާސީ ފަރާތްތަކުން ދަނީ ރައީސް ނަޝީދަށް ރައްދު ދެއްވަމުންނެވެ. އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ބެލޭވަރަށް ވުރެ ސަރުކާރުގެ ބައިވެރިވުން އެކަމުގައި ބޮޑުކަމަށެވެ. އަދި މިމައްސަލާއި އެންމެ ބޮޑު މޭސްތިރިޔާ އަދީބުއާއިއެކު ހަދާފައިވާ ޑީލްތައް އުވާނުލަނީސް މިމައްސަލައަށް އިންސާފެއް ނުލިބޭނެކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް މިސަރުކާރަށް ނުބެލޭނެ. ސަރުކާރު އޮތީ އެއަށްވުރެ މާބޮޑަށް އެޚިޔާނާތުގައި ތާށިވެފަ. މަޖިލިސް ގައިވެސް ތިޔަ ވާހަކަ ދެއްކެނެ ތިބީ އިމްތިޔާޒު ފަދަ މަދު އެމްޕީއެއް. އެދީބާއިއެކު ހެދި ޑީލްސް އުވާނުލާހާ ހިނދަކު އަލިމަގެއް ނުފެންނާނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ތަޙްޤީޤް އެކަށީގެންވާގޮތެއްގައި ކުރެވި ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅިގެން އެކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރެވި ލަސްވާތީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުންގެ ފާޑުކިޔުން ސަރުކާރަށްވެސް އަމާޒުވެފައިވަނިކޮށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން ބަލައި އެކަމުގައި ބައިވެރިވުން އޮތްކަމަށް ބުނާ މީހުންގެ ލިސްޓެއް ޢާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި މިސަރުކާރުގައި އިސްކޮށް އުޅުއްވާ ބައެއް ވަޒީރުންނާއި އެނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ.
ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވި އަނެއްބައި މީހުންނަށް ދައުވާ ނުކޮށް އޮތުމުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ 267 މީހަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަންގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވާކަމަށްވެސް ތަހުގީގީ އިދާރާތަކުން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަޙްޤީގު އިދާރާތަކުން ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށްވުރެ ބޮޑެވެ.