ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މިނިވަންކަން ބަލައިގަނެ، އަސަރަހައްދުތަކަށް ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ރަޝިއާގެ އަސްކަރިއްޔާ ފޮނުވުމަށް އެގައުމުގެ ރައީސް ލާޑިމިރު ޕުޓިން އޯޑަރު ކުރުމާއި ގުޅިގެން، ރަޝިއާގެ ގުދުރަތީ ގޭސް ޖާރމަނީއަށް ސަޕްލައި ކުރުމަށްޓަކާ ރަޝިއާއިން އަޅާފައިވާ ގޭސް ހޮޅީގެ އަގުބޮޑު ނޯޑް ސްޓްރީމް ޕްރޮޖެކްޓަށް ހުއްދަ ދިނުން ޖާރމަނީން ހުއްޓުމަކަށް ގެނެސްފިއެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އުދުވާނީ ހަމަލާދީ އެގައުމަށް އަރައިފިނަމަ، ރަޝިއާއަށް އިގްތިސާދީގޮތުން އަދަބު ދިނުމުގެ ގޮތުން، 11 ބިލިއަން ޑޮލަރުގެ މި އަގުބޮޑު ޕްރޮޖެކް ހުއްޓުމަކަށް ގެންނާނޭކަމުގެ އިންޒާރު ފާއިތުވެދިޔަ ފަހްތާތަކުގައި ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާއަށް ދެމުން ގޮސްފައެވެ.
ކަނޑުއަޑިން ރަޝިއާއި ޖާމަރނީ ގުޅުވާލާ، ގުދުރަތީ ގޭސް ޖާރމަނީއަށް ސަޕްލައި ކުރުމަށްޓަކާ ރަޝިއާގެ ބޮޑެތި ގިނަ ކުންފުނިތަކަކުން ސްޕޮންސަރ ކޮށްގެން، ފާއިތުވެދިޔަ 5 އަހަރުދުވަހުގެ މަސައްކަތުން އަޅާފައިވާ މި ގޭސްހޮޅި މިހާރުވަނީ ހުއްދަ ދިނުމުގެ މަރުހަލާގައެވެ. އެހެންނަމަވެސް، ޔޫކުރެއިންގެ މިނިވަންކަމަށް ރަޝިއާއިން އަރައިގެންފިނަމަ، ހުޅަނގުގެ ގައުމުތަކުން ރަޝިއާއި ދެކޮޅަށް އަޅާނެކަމަށް އިންޒާރު ދެމުން އައިސްފައިވާ ހަރުކަށި އިގްތިސާދީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، އަދި ރަޝިއާގެ އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ދަތިކުރުމުގެ އެއް ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ބެލެވިފައިވަނީވެސް ރަޝިއާގެ ބޮޑެތި ގިނަ ކުންފުނިތަކަކާއި ގުޅުންހުރި މި ޕްރޮޖެކްޓެވެ.
އިރުމަތީ ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެގައުމުގެ ދެސަރަހައްދު ކަމުގައިވާ ޑޮނެސްކްއާއި ލުހާންސްކައަކީ މިނިވަން ދައުލަތެއް ކަމުގައި ކަނޑައަޅާ، މި ދެ ސަރަހައްދުގެ މިނިވަންކަން ރަސްމީކޮށް ރަޝިއާއިން ބަލައިގަތްކަމުގެ ރިޔާސީ ގަރާރުގައި ރަޝިއާގެ ރައީސް ސޮއިކުރައްވާ، އެގައުމުގެ އަސްކަރިއްޔާ މި ދެސަރަހައްދުގެ ސުލަހް ބެލެހެއްޓުމަށް ޕުޓިން އޯޑަރު ކުރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ޖާމަނީގެ ޗާންސެލަރ އޮލާފް ސްކޯލްޒް ވަނީ، ނޯޑް ސްޓްރީމް 2 ޕްރޮޖެކްޓަށް ހުއްދަ ދިނުން އެގައުމުން ހުއްޓުމަކަށް ގެނެސްފައިވާކަން އިއުލާން ކުރައްވާފައެވެ.
2018ވަނަ އަހަރުގެ މޭމަހު، މަސައްކަތް ފެށުމު މި ޕްރޮޖެކްޓަކީ ރަޝިއާގެ އައްސޭރިފަށުން ފެށިގެން ބޯލްޓިކް ކަނޑުގެ އަޑިން ދަތުރުކޮށް އުތުރު ޖަރުމަނާއި ގުޅުވާލުމަށް އަޅާފައި ގޭސް ހޮޅި ލައިނެކެވެ. އަދި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްވަނީ ފާއިތުވެދިޔަ އަހަރު ނިމުމަކަށް އައިސްފައެވެ. އަދި މި ހޮޅިލައިން އޮޕަރޭޓްކުރަން ފެށުމަށްޓަކާ ޖާރމަނީގެ ރެގިއުލޭޓަރީ އޮތޯރިޓީތަކުން އެއަށްފަހު ވަނީ މަސައްކަތް ފަށާފައެވެ. އަދި ކުރިން ބެލެވެމުން އައިސްފައިވާ ގޮތުގައި، މިއަހަރުގެ މެދަކާއި ހަމައަށް ދާއިރު ބޭނުންވާ ހުއްދަތައް ޖާރމަނީއަށް ދޫކުރެވޭ ވަރު ވެގެންދާނެއެވެ.
މި ޕްރޮޖެކްޓު އަމާޒަކީ، މިހާރުވެސް ރަޝިއާއިން ޖާރމަނީއަށް ސަޕްލައިކުރަމުންދާ ގުދުރަތީ ގޭހުގެ މިންވަރު ދެގުނަ ކުރުމެވެ. އަދި އާންމުކޮށް ސަޕްލައިކުރާ މަގުތަށް ހުރަސްކޮށް، ކަނޑުއަޑިން ސީދާ ރަޝިއާއިން ޖާރމަނީއަށް ގުދަރަތީ ގޭސް ސަޕްލައި ކުރުމެވެ.
ރަޝިއާއިން ޔޫކުރެއިންގެ މިނިވަންކަމަށް އަރައިގަނެއް، އެގައުމުގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އިރުމަތީ ސަރަހައްދުތަކުގެ މިނިވަންކަން ބަލައިގަތުމާއި ގުޅިގެން، އިނގިރޭސިވިލާތުން މިހާރުވަނީ ރަޝިއާގެ ބައެއް ބޭންކުތަކާއި އަދި ވަކިވަކި ފަރުދުންނާއި ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
އަދި އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ، ރަޝިއާއިން މިވަން ދައުލަތުގެ ގޮތުގައި އިއުލާން ކޮށްފައިވާ ޔޫކުރެއިންގެ އެއްވެސް ސަރަަހައްދެއްގައި އެމެރިކާގެ އެއްވެސް ކުންފުންޏަކުން އިންވެސްޓުކުރުން މަނާކުރުމުގެ ގޮތުން ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އަދި މިސަރަހައްދުތަކުގައި ކުރެވޭ ވިޔަފާރިތަކާއި ގުޅުހުން ހުރި ފަރާތްތަކާއި ދެކޮޅަށްވެސް މި ގަރާރުގެ ދަށުން ދަތިކުރުމުގެ ފިޔަޅު އެޅުމުގެ ފުރުސަތުވެސް މިހާރު އޮންނާނެއެވެ. އަދި މީގެ އިތުރުންވެސް ރަޝިއާއި ދެކޮޅަށް އަޅާނޭ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައްވެސް މިއަދު އެމެރިކާއިން އިއުލާން ކުރުމަށްވަނީ ހަމަޖެހިފައެވެ.