އައްޑޫ ސިޓީގައި ހިންގާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ލިބެމުންދާ ގެއްލުމުގެ ބަދަލަށް ނަގާ ލޯނަށް ސަރުކާރުން 65 މިލިއަން ޑޮލަރު ނުވަތަ އެއް ބިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ.މައުސޫމް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އޮތް ދެ ރިޒޯޓުކަމަށްވާ ހެރެތެރެއާއި ޝަންގްރިއްލާ ، ކޮވިޑް-19 ފެށުނުއިރު ބަންދުކުރި ގޮތަށް މިހާތަނަށް ހުޅުވާފައި ނުވާތީ ސުވާލު ކުރެއްވިމަށް މަޖިލީހަށް ހާޒިރުކުރެއްވުމުން ދެއްކެވި ވާހަކަފުޅުފައެވެ.
ޝަންގްރިއްލާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، އެ ރިސޯޓުގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮވެ ހުޅުވުން ލަސްވުމަކީ ރައްޔިތުންގެ ގިނަ ސުވާލު ތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ރިސޯޓް ނުހުޅުވި ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ އަގަށް ސަރުކާރުން 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލަސް ފައިނޭންސް ކުރަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ. އެ އަގަށް 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވީމަ. ދައުލަތުން ވެސް ބޮޑަށް ބޭނުން ވަނީ ހިއްސާ ދޫކޮށްލަން..
– ޑރ.ޢަބްދުﷲ މައުސޫމް
ޝަންގްރިއްލާއަކީ 284 އެނދުގެ ރިސޯޓެކެވެ. ސަރުކާރުގެ ހިއްސާ ދޫކޮށްލަން ޓޫރިޒަމް ގާނޫނަށް ސަރުކާރުން އެންމެ ފަހުން ގެނައި އިސްލާހުގެ ސަބަބުން ލިބިގެން ދިޔަނަމަވެސް، ހިއްސާ ބަދަލުކުރުމަށް 80 މިލިއަން ވަރަކަށް ރުފިޔާ ޚަރަދުވާނެކަމަށެވެ.
މިނިސްޓަރ ވިދާލުވީ ޝަންގްރިއްލާ ހުޅުވުމަށް ފިނޭންސް މިނިސްޓްރިއާއި މަޝްވަރާކޮށް އެކަން އަވަހަށް ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
އައްޑޫގެ ދެރިސޯޓު ކަމުގައިވާ ޝަންގްރިއްލާ އަދި ކެނެރީފް ބަނދު ކުރެވިގެން ދިޔައީ ކޯވިޑް-19 އިގެ ސަބަބުންނެވެ. އޭގެ ސަބަބުން ގިނަ ބައެއް ވަޒީފާ ގެއްލިފައިވާއިރު، އެރިސޯޓުތައް އަލުން ހުޅުވޭނެ ދުވަހެއް ނޭނގުމަކީ ގިނަ ބައެއް ކަނބޮޑުވުމެކެވެ. މިދެ ރިސޯޓުގެ އިތުރުން އައްޑޫގައި ސައުތު ޕާމްގެ ނަމުގައި ރިސޯޓެއް އަންނަނީ އޮޕަރޭޓް ކުރުމުންނެވެ.
ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ މިއަހަރު ދެކުނުގެ ފަތުރުވެރިކަމަށް އިސްކަމެއް ދެއްވާނެ ކަމަށް މީގެ ކުރީންވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތުގެ މައިގަނޑުގެ ހަރަކާތްތައް އައްޑޫގައި ބޭއްވުމަށް ނިންމާފައިވާކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.