ޖަޕާންގެ ޝާހީ އާއިލާ، "އިމްޕީރިއަލް ފެމިލީ"ގެ ބޭފުޅަކު ފުރަތަމަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިގޮތުން މިހަފްތާގެ ބުދަ ދުވަހު ޝާހީ އާއިލާއިން ވަނީ، އުމުރުން 38 އަހަރުގެ ޕްރިންސެސް ޔޮކޯ ކޯވިޑަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާކަން ހާމަކޮށްފައެވެ.
ޕްރިންސެސް ޔޮކޯއަކީ ނިޔާވެފައިވާ ޕްރިންސް ޓޮމޮހިޓޯގެ ހަނގު ދަރި ކަނބަލުންނެވެ. ޕްރިންސް ޓޮމޮހިޓޯއަކީ ޖަޕާންގެ ކުރީގެ އެމްޕެރަރގެ ދެބޭންގެ ދެދަރި ބޭފުޅެކެވެ.
ޖަޕާންގެ ޝާހީ އާއިލާއިން ހާމަ ކޮށްފައިވާ ގޮތުގައި ޕްރިންސެސް ޔޯކޯ އެންމެ ފުރަތަމަ ކަރުގައި ރިއްސާތީ އެކަން ރިޕޯޓު ކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. އަދި ކޯވިޑަށް ޓެސްޓު ކުރުމުން އަންގާރަ ދުވަހު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދައްކާފައެވެ. އަދި ޕްރިންސެސްއަށް މިހާރު ފަރުވާ ދެވެމުން ދަނީ، އިމްޕީރިއަލް ޕެލެސްގައި ހުންނަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ކަމަށްވެސް އިމްޕީރިއަލް ހައުސް ހޯލްޑް އޭޖެންސީން މައުލޫމާތު ދީފައި ވެއެވެ.
ޕްރިންސެސް ޔޯކޯ ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އުމުރުން 40 އަހަރުގެ އޭނާގެ ދައްތަ ޕްރިންސެސް އަކިކޯވެސް ކޯވިޑަށް ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެމީހުން ވަނީ މީގެ ދުވަސްތަކެއް ކުރިން ބައްދަލު ވެފައެވެ.
އިމްޕީރިއަލް ހައުސް ހޯލްޑް އޭޖެންސީން ޖަޕާނުގެ ލޯކަލް މީޑިއާތަކަށް މައުލޫމާތު ދީފައި ވާގޮތުގައި، ޕްރިންސެސް ޔޯކޯ ކެއުމާއި ބުއިމުގެ ޚިދުމަތް ދޭ އެއްވެސް އެއްވުމަކަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން އޭނާ ކޯވިޑަށް ޕޮޒިޓިވް ވީގޮތެއް އަދި ވަނީ ނުހޯދިއެވެ. އެހެންނަމަވެސް ފާއިތުވި ޖެނުއަރީމަހު 30ވަނަ ދުވަހު، ކުރީގެ އެމްޕެރަރގެ ހަދާނުގައި ޝާހީ ގަނޑުވަރުގައި ބޭއްވުނު އެއްވުމަކަށް ޕްރިންސެސް ހާޒިރުވެފައި ވާކަމަށް އިމްޕީރިއަލް ހައުސް ހޯލްޑް އޭޖެންސީން މައުލޫމާތު ދީފައި ވެއެވެ.
ޕްރިންސެސް ޔޯކޯ ކޯވިޑަށް ޕޮޒިޓިވް ވެފައިވި ނަމަވެސް، އޭނާގެ އެއްވެސް މުވައްޒިފަކު އަދި މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އައި އެއްވެސް މުވަޒިފަކު އެއްވެސް އަލާމާތެއް ފެންނަ ކަމަށް ރިޕޯޓު ކޮށްފައި ނުވާކަމަށްވެސް އޭޖެންސީން މައުލޫމާތު ދީފައި ވެއެވެ.
ޕްރިންސެސް ޔޯކޯއަކީ ޓޯކިޔޯގެ ސޯޝަލް ވެލްފެއަރ ކޯޕަރޭޝަން، ޔުއާއި ޖުޖިކާއިގެ އެންމެ އިސްވެރިޔާއެވެ. އަދި އޭގެ އިތުރުން އޭނާއަކީ ޖަޕާން ޔުނިވާރސަލް ސައުންޑް ޑިޒައިން އެސޯސިއޭޝަންގެ އޮނޮރަރީ ރައީސްވެސްމެއެވެ. މި އެސޯސިއޭޝަންއަކީ އަޑު އިވުމުން މަހުރޫމް ވެފައިވާ ފަރާތްތަކަށް އެހީތެރިވެދޭ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
ކޮމެންޓު ފޮނުވާ