ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ދައުލަތް ހިންގުމަަށް ހުރަސްއެޅުންކަން އެނގިވަޑައި ނުގަންނަވަތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފިއެވެ.
ހައިލަމް މިފަދައިން ސުވާލު ކުރެއްވީ އިންޑިއާ ސިފައިން ބާލަން ގޮވާލާ، "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވައިފިނަމަ، ފަނޑިޔާރުން ވަކިކުރާނެކަމުގެ އިޝާރާތެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ދެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ޤާނޫނު އަސާސީގައި އެކަން އޮންނަ ގޮތް ހާމަކޮށްދެއްވައި ކުރެއްވި ޓުވީޓުގައެވެ.
ހައިލަމް ވިދާޅުވީ ޖުޑީޝަރީ ރިފީމް ކުރަން އައި މީހުންގެ ހާލަތު މިދަރަޖައަކަށް ވެއްޓުމަކީ ދެތަކަމެއްކަމަށެވެ. ކަނޑައެޅިގެން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ދައުލަތް ހިންގުމަަށް ހުރަސްއެޅުންކަން އިއްޒަތްތެރި މެންބަރަށް ނޭނގުމަކީ ހިތާމަ ހުރި ކަމެއްކަމަށް ހައިލަމް ވިދާޅުވިއެވެ.
މިއީ ޖުޑީޝަރީ ރިފޯމް ކުރަން އައި މީހުންގެ ހާލު. ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ދައުލަތް ހިންގުމަަށް ހުރަސްއެޅުންކަން އިއްޒަތްތެރި މެންބަރަށް ނޭނގެނީތޯ؟
– ހައިލަމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ހަވަނާ ބާބުގެ (ނ)ގައި ބުނެފައިވަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެކަމަށެވެ. ހައިލަމް ވަނީ ވަނީ ޤާނޫނު އަސާސީގެ މިމާއްދާ އާޒިމްގެ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައި ހިއްސާ ކުރައްވާފައެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްހަކީމް ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިއުމަަކީ ރައްޔިތުން އެމްޑީޕީ ބަލައިގަނެފައިވާކަން ދައްކުވައިދޭކަމެއްކަމަށެވެ. އެ އިންތިޚާބުން އެނގުނީ އަދިވެސް ތާއީދު އޮތީ އެމްޑީޕީއަށްކަންކަމަށް ޢާޒިމް ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ތާހިރު ދިރިއުޅުމެއް އެމްޑީޕީން ހޯދައިދޭން ޖެހޭކަމަށާއި، އެފަދަ ތާހިރު ތަނަކަށް ރާއްޖެ ހަދަން ތިބީ ފަނޑިޔާރުން ކަމަށާއި އެހެން ނަމަވެސް ފަނޑިޔާރުންގެ އަމަލުތަކާމެދު ސުވާލު އުފެދޭކަމަށެވެ.
އާޒިމް ވަނީ ރައީސް ޔާމީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނިންމެވި ނިންމުމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އާޒިމް ވިދާޅުވީ، އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމެވި އެ ނިންމެވުމަކީ ދެކޮޅު ނުޖެހޭ ނިންމުމެއްކަމަށެވެ. އޭނާ ސިފަކުރެއްވީ އެއީ "އަޖައިބެއް ކަހަލަ" ނިންމުމެއްގެ ގޮތުގައެވެ.
ޢާޒިމް ވަނީ، ދައުލަތުގެ 100 މިލިއަނަށް ވުރެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވާއިރު ސުޕްރީމް ކޯޓުގެ ހުކުމަކީ އަޖައިބުވެ އަންތަރީސް ވާވަރުގެ ހުކުމެއްކަމަށް ވިދާޅުވެ، ދައުލަތުން އިންތިހާއަށް ފައިސާ ނަގާފައި ހުރި މީހަކު ހަމަދޫކޮށްލަންވީ ކަމާމެދު ސުވާލު އުފައްދަވާފައެވެ.
ޢާޒިމް ވިދާޅުވީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓްގައި ހުރިކަމާއި، ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ބޭރު ފުށުުން ފެންނަން ހުރި އެއްޗަކަށް ބަލައިގެންކަމަށެވެ. އެހެންކަމުން މުއައްސަސާތަކުގެ ވެރިން ބަދަލު ކޮށްގެންވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭކަމަށް ޢާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ