ދޮން މަންމައަކީ ދޮން ނިޔަނދުރެއް ފަދަ މީހެކޭ ބުނާ އަޑު އެންމެ ކުރީންސުރެ އިވެއެވެ. އެހެން ބުނަނީ ސަބަބުތަކެއް ހުރެގެން ކަމަށް ވެއެވެ.
އޭގެ މާނައެއް ކަމަށް ގިނަ މީހުން އިއްތިފާގުވަނީ ނިޔަނދުރަކީ ބަލާލުމަށް ރީތި އެހެނަސް ރަހަ ވަރަށް ކަމުނުދާއެއްޗަކަށް ވުމުންނެވެ. މިކަމާ ދިރިއުޅުމާގުޅޭ ހިސާބަކީވެސް އެއީއެވެ.
ނަމަވެސް ޒަމާން ބަދަލުވަމުން އައިސް ގިނަ ކަންކަމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި ހަމަ އެހެންމެ މިހާރު ގިނަ މީހުން ބުނަނީ ދޮން މަންމައިންނަކީ ވެސް އަސްލު މަންމައިން ފަދައިން ދޮންދަރިންނަށް އަޅާލާ ބައެއް ކަމަށެވެ. ނަމަވެސް އަސްލު މަންމައެއްގެ އެ ކުލުނާއި ލޯބި, ދޮން މަންމައަށް ދެވިދާނެ ކަމަށް އަދިވެސް ގަބޫލު ކުރާ މީހުން މަދެވެ.
ކޮންމެއަކަސް ދޮންދަރިންނާ މެދު އޮންނަ ގުޅުން ބަދަހި ކުރުމާއި އަަޅާލުމާއި އޯގާތެރިވުން އަދި ލޯބި ވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ކިޔާލަދޭނެމެވެ.
ރަނގަޅު ގުޅުމެއް ގާއިމް ކުރުން
މިއީ މި ފަދަ ގުޅުމެއް ފެށުމަށް އެންމެ ފުރަތަމަ މަރުހަލާއެވެ. ބައެއް ކުދިންނަކީ ދޮންމަމައިން އަދި ކިތަންމެ ރަނަގޅު ކަމުގައިވިޔަސް ދޮންމަންމަ އިން ބޭނުން ނުވާ ކުދިންނެވެ. އެހެންކަމުން އެންމެ ފުރަތަމަ ދޮން ދަރިފުޅާ މެދުގައި ރަނގަޅު ގުޅުމެއް އުފައްދާށެވެ. ރަހުމަތްތެރި ކަމުގެ ގުޅުން މަޑުމަޑުން ވަރުގަދަ ކުރަމުން ގެންގޮސް ދޮން ދަރިފުޅުގެ ހިތް އަތުލާށެވެ.
ވަގުތު ހޭދަކުރުން
ކުދިންނާއި މެދު ގުޅުމެއް އުފައްދަން އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ އެކުދިންނާއި އެކުގައި ވަގުތު ހޭދަކުރުމެވެ. ކޮންމެ ދުވަހެއްގެ ވެސް ކޮންމެސް ވަގުތެއް ކުދިންނާއި އެކު ހޭދަކުރާށެވެ. އެކުދިންގެ ވާހަކަ އަޑުއަހާށެވެ. އެކުދިން ބޭނުންވާ ކަންކަން ކޮށްދޭށެވެ. އެކުދިންނާއެކު ބޭރަށް ނުކުމެ އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ.
ގަވައިދު ތަކެއް ހެދުން
މިއީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ކުޖަކަށްވެސް އެކުއްޖަކު ކުރަންޖެހޭ ކަންކަމާއި ކުރަން ނުޖެހޭ ކަންކަން އޮޅުން ފިލުވައިދީ ގަވައިދު ތަކެއް ހަދާށެވެ. އެކަމުގެ ސަބަބުން އެކުދިން ބޮޑުވަމުން އަންނަ ވަރަކަށް ދިރިއުޅެން ދަސްވެ އަމިއްލަ ފައިމަށްޗަށް ކޮޅަށް ތެދުވުމަށް ހިތްވަރަކަށް ވެގެން ދެއެވެ.
ދޮންމަންމައިންގެ ގޯސް ވާހަކައަކީ ފިލްމު ތަކުންވެސް އާންމުކޮށް ފެންނަ ކަންކަމެވެ. އަޅާނުލުމާއި ލޯބި ނުދިނުމުގެ ވާހަކަ އަކީ އާންމު ވާހަކަ ތަކެވެ. އެހެން ކަމުން ތިބާއީ ތަފާތު ދައްކާ މީހެއް ކަމުގައިވާށެވެ. ދޮން ދަރިންނަކީ އަމިއްލަ ދަރިން ފަދައިން ބަލައި، ބޮޑު ކުރާށެވެ.