އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޞީ އަހުމަދު ހައިލަމްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒުވެއްޖެއެވެ.
ޓޫފޯވަން ކޮމިޓީގެ މުގައްރިރު، އަދި އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވަމުން ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިމައްސަލަ ކޮމެޓީން ވީހާވެސް އަވަހަކަށް ބައްލަވައި ދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ނަޝީދު ކޮމެޓީގައި މިކަން ބަލައި ދިނުމަށް އެދުނު އެދުމާއި ގުޅިގެން ހައިލަމް ވިދާޅުވީ ޚާރިޖީ ސިޔާސަތަށް ވަކި ބަޔަކު ފާޑުކިޔުން އެއީ މައްސަލައަކަށް ނުވެފައި، ވަކި ބަޔަކު އެކަމަށް ފާޑުކިޔުމުން އެއީ މައްސަލައަކަށްވެ، ޖަލު އަދަބު ކަނޑައެޅުމަކީ ކޮން އުސޫލަކުން ހަމަޖެހޭ ކަމެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިއީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ މަތީންވެސް ހަނދުމަފުޅު ނެތިގެން ކުރައްވާ ކަމެއްތީ ހައިލަމް ވަނީ ރައީސް ނަޝީދާއި ސުވާލު ކުރައްވާފައެވެ.
ވަކި ބަޔަކު ޚާރިޖީ ސިޔާސަތަށް ފާޑުކިޔުމުން އިޚްލާޞްތެރިވެފައި، އަނެއް ބަޔަކު ފާޑުކިޔުމުން ސިޔާސީވުން ކަމަށް ބަލައި ޖަލު އަދަބު ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއްތޯ؟ މިއަދު މާއްދާ 27 ހަނދުމަފުޅުނެތުނީތޯ؟
– ހައިލަމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
މިފަދަ ސިޓީއެއް ރައީސް ނަޝީދު ފޮނުއްވާފައި ވާއިރު، އެމަނިކުފާނުގެ ޕާޓީން ގެންދަނީ، އިންޑީއާ އައުޓް ގޮވާ ފަރާތްތަކުގެ އަޑު ކަނޑުވާލާ، ޖަލު ބަންދަށް ދާންޖެހިދާނެ ފަދަ އަދަބުތަކެއް ލިބޭ ބިލެއް މަޖިލީހަށް ހުށަހޅުމަށް ތައްޔާރު ވަމުންނެވެ.
އެމްޑީޕީން އިސްވެ އޮވެ ޚާއްސަކޮށް ރައީސް ނަޝީދު އިސްވެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ދެކޮޅަށް ކުރައްވާ މިފަދަ މަސައްކަތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މިއީ އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރަމންދިޔަ ޚިޔާލު ފާޅު ކުރުމުގެ ހައްގުތައް ނިގުޅައި ގަތުމަށް ކުރަމުންދާ ވަރަށް ހީލަތްތެރި މަސައްކަތްތަކެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ