މޫނުމަތި ރީތިކޮށް ބެހެއްޓުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ ކަމެކެވެ. ސާފު ބިއްލޫރި ކޮޅެއްފަދަ ހަންގަނޑެއްވެސް ނިކަން ބޭނުންވެއެވެ.
ނަމަވެސް ސެލޫން ތަކުގައި ހުންނަ ފާޑުފާޑުގެ ޓްރީޓްމެންޓާއި ތާފާތު މާސްކު ތަކަކީ އަތްލެވޭ ވަރަށްވުރެ އަގުބޮޑެތި އެއްޗިއްސެވެ. އެހެންކަމުން ގޭގައި އާންމުކޮށް ލިބެންހުރި އެއްޗެހި ބޭނުންކޮށްގެން މޫނުގެ ހަންގަނޑު އޮމާން ކަމާއި ރީތިކަން މަތީ ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.
ބޭކިންގ ސޯޑާ
2 ސަމުސާ ބޭކިންގ ސޯޑާއަށް 2 ސަމުސާ ފެން ގިރުވާށެވެ. އަދި މި މިކްސްޗަރ މުޅި މޫނުގައި އުނގުޅައި 10 ވަރަކަށް މިނިޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ރަނގަޅަށް މޫނު ދޮވެ ހިއްކާލުމަށްފަހު މޮއިސްޗަރައިޒާ އެއް އުނގުޅާލާށެވެ.
ލުނބޯ
ސާފު ހަންގަނޑެއް ބޭނުން ނަމަ ބޭނުން ކުރާން އެންމެ ރަނގަޅު އެކައްޗަކީ ލުނބޮއެވެ. ލުނބޯގައި ހުންނަ ސިޓްރިކް އެސިޑަކީ ހަމުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީވެދޭ ބާވަތެކެވެ. އަދި ލުނބޯގައި ހުންނަ ވިޓަމިން ސީ އިން ހަމުގައި އުފެދިފައި ހުންނަ ކަޅު ލައްތައް ފިލުވައި އާ ސެލް ތައް އުފައްދާން އެހީތެރިވެދެއެވެ.
1 ސަމުސާ މާމުޔަށް 1 ސަމުސާ ލުނބޯ ދިޔަ އެއްކޮށްލުމަށްފަހު މުޅި މޫނުގައި އުނގުޅައި 10 ވަރަކަށް މިނިޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ރީތި ފޮތިކޮޅަކުން ފޮހެލުމަށްފަހު ނުވަތަ މޫނު ދޮވެ ހިއްކާލުމަށްފަހު މޮއިސްޗަރައިޒް ކޮށްލާށެވެ.
ރީނދޫ
ރީނދުލަކީ ޖަރާސީމު ފަދަ އެއްޗެހީން ހަންގަނޑު ރައްކާތެރިކޮށް ދިނުމުގެ އިތުރަށް ހަމުގެ ކުލަ އަލިކޮށްދޭ ބާވަތެކެވެ. ހަމުގައި ހުންނަ ލައްތަކާއި ލަކުނު ފިލުވައިދިނުމަށް އެހީތެރިވެދޭ ބާވަތެއްވެސްމެއެވެ. އަދި ހަމުގެ ދިރުން ނަގާލާ ފަދަ ހަމަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދީ ހަމަށް ދިރުން ގެނެސްދޭ ބާވަތެއްވެސް މެއެވެ.
1 ސައިސަމުސާ ރީނދޫގެ ތެރެއަށް ކިރުފޮދެއް އަޅާ އެއްކޮށްލާށެވެ. މިގޮތަށް ޕޭސްޓަކަށް ވަންދެން ކިރުފޮދު އަޅާނީއެވެ. އެއަށްފަހު މި ތައްޔާރު ކުރެވުނު ޕޭސްޓް، މޫނުގައި އުނގުޅާލުމަށްފަހު 10 މިނިޓް ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.
މާމުއި
މޫނުގައި މާމުއި އުނގުޅައި ހިކެންދެން ބަހައްޓާށެވެ. އެއީ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓެވެ. މޫނުގައި ހުރި މާމުއި ހިކުމުން ސާފު ފެނުން މޫނު ދޮވެލާށެވެ. މާމުއިގައި ހުންނަ ފެނުން ހަންގަނޑުގެ ތެތްކަން އިތުރުކޮށްދީ ހަންގަނޑު މަޑުކޮށް ހަންގަނޑަށް އާރޯކަން ގެނެސްދޭނެއެވެ. މިއީ ކޮންމެ ދުވަހަކު ނުވަތަ ދެ ދުވަހުން އެއް ދުވަހު ދެވިދާނެ ފަރުވާ އެކެވެ.
މި ކަންކަމުގެ އިތުރަށް ހުސް ފެން ފޮދަކުން ދޭތެރެ ދޭތެރެއިން މޫނު ދޮވެލުންވެސް ކޮންމެ ދުވަހެއްގެ ޝެޑިއުލް ގައި ހިމަނާލާށެވެ.