ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް އާސެނަލް އާއި ޑެންމާކުގެ މޯލްޑޭ މައްޗަށް ކުރި ހޯދާ ގުރޫޕްގެ އެއްވަނައިގަ ތިންޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފިއެވެ.
އާސެނަލް ދަނޑުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ މޯލްޑޭއިންނެވެ. މެޗުގެ 22 ވަނަމިނިޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓީން އެލިންގްސަންއެވެ. ފުރަތަމަ ހާފްނިމުމުގެ ކުރިން އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ މޯލްޑޭ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތްލަނޑެކެވެ.
އާސެނަލްއަށް ފަހު ދެލަނޑު ކާމިޔާބުކޮށްދިނި ނިކޮލަސް ޕެޕޭގެ އިތުރުން ޖޯ ވިލްލޮކެވެ. މިއީ ޕެޕޭ ޔޫރޮޕާ ލީގުގައި އާސެނަލްއަށް ކުޅުނު ނުވަމެޗުން ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. ޔޫރޮޕާ ލީގުގައި އާސެނަލް ގުރޫޕް ސްޓޭޖުގައި މިހާތަނަށް މިސީޒަންގައި ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި ލަނޑުޖަހައިގެންނެވެ. އާސެނަލްއިން ވަނީ އެންމެފަހުން މި މުބާރާތުގައި ކުޅުނު 21 މެޗުގެ ތެރެއިން 15 މެޗު ކާމިޔާބުކޮށްފައެވެ.
މިގުރޫޕްގައި ރޭ ރެޕިޑްވިއެނާއި ޑަންޑޯކް ވާދަކުރި މެޗު 4-3 ލަނޑުން ކާމިޔާބުކުރީ ރެޕިޑުންނެވެ. މި ނަތީޖާ އެކު އާސެނަލް ގުރޫޕްގެ އެއްވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ. ދެވަނާގައިވާ މޯލްޑޭ އޮތީ 6 ޕޮއިންޓާއެކުއެވެ. ރެޕިޑަށް ތިންވަނަ ލިބެނީ ތިންމެޗުން ތިންޕޮއިންޓް ހޯދައިގެންނެވެ. ފުލުގައކި އޮތް ޑަންޑޯކަށް ޕޮއިންޓެއް ނުލިބެއެެވެ.