ސްވިފްޓް އިންޖިނިއަރިންގެ 3 ހިއްސާދާރުން, ކުންފުންޏާއި ގުޅުންހުރި މައުލޫމާތު ޙިއްސާ ކުރައްވަނީ

ސްވިފްޓް އިންޖިނިއަރިންގއިން ކުރި، ގޮންޖެހުން ބޮޑު، ކާމިޔާބު، ދިގު ދަތުރުގެ ވާހަކަ، ޙިއްސާދާރުންގެ ދުލުން

ސްވިފްޓް އިންޖިނިއަރިންގއިން ކުރި، ގޮންޖެހުން ބޮޑު، ކާމިޔާބު، ދިގު ދަތުރުގެ ވާހަކަ، ޙިއްސާދާރުންގެ ދުލުން

ސްވިފްޓް އިންޖިނިއަރިން އަކީ، ރާއްޖޭގައި ފާއިތުވެދިޔަ މާޒީގައި، ފަހަކަށް އައިސް ޚާއްސަކޮށް ކޮންޓްރަކްޝަންގެ ދާއިރާގައި ނަންހިގާފައިވާ ވަރުގަދަ ކުންފުންޏެކެވެ. އަދި ފާއިތުވެދިޔަ ތަނުގައި ވިޔަފާރީގެ ތަފާތު އެކި ދާއިރާތަކުގައު މަސައްކަތް ކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ، އުމުރުން ދުވަސްވީ ވިޔަފާރި ކުންފުންޏެއްވެސް މެއެވެ.

އެހެންނަމަވެސް، ރާއްޖޭގެ ގިނަ ކުންފުނިތަކެކޭ އެއްފަދައިން މި ކުންފުންޏަކީވެސް، ވިޔަފާރީގައި ފާއިތުވެދިޔަ ތަނުގައި ބޮޑެތި ގޮންޖެހުންތައް ގިރާކޮށް، އަދި ކުންފުނީގެ އަގުވައްޓާކުމަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ކުރިމަތި ކުރުވި ގޮންޖެހުންތަކާއިވެސް ކުރިމަތިލާން ޖެހިފައިވާ، އެހެންނަމަވެސް، ހިއްސާދާރުންގެ ބުރަ މަސައްކަތުން މިހުރަސްތައް ގިރާކޮށް ކުއަރައިގެން އައިސްފައިވާ ކާމިޔާބު ވިޔަފާރި ކުންފުންޏެކެވެ.

 

ކުންފުންޏާއި ގުޅޭގޮތުން ދެކެވޭ ހަގީގަތާއި ޚިލާފް ވާހަކަތައް!

ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަކީ، ވަކި މީހެއްގެ އަތުން ފޭރިގެންފައިވާ ކުންފުންޏެއްގެ ގޮތުގައި، އަޑުތައް ފަތުރައި، ކުންފުނީގެ އަގު ވައްޓާލުމުގެ ގޮތުންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އިއްޒަތާއި އަބުރު ގެއްލޭ ގޮތަށް ސިޔާސީ މަޤްސަދުތަކެއް ހާޞިލްކުރުމަށް، ވަކިބަޔަކު އަޑީގައި ތިބެ ހިންގާ ނާތަހުޒީބު އަމަލު ކުށްވެރިކޮށް، ރައްޔިތުންނަށް ހަޤީޤަތް އޮޅުންފިލުވައިދިނުމަށް ކުންފުނީގެ ފަރާތުން ހިއްސާދާރުން ވަނީ ނިންމާފައެވެ.

މިގޮތުން ސްވިޓް އިންޖިނިއަރިންއާއި ގުޅޭގޮތުން ދެކެވުމުންދާ ހަގިގަތާއި ޚިލާފް ވާހަކަތަކުގެ ހަގީގަތްތައް ސާފުކޮށްދީ، އަދި އޭގެ އިތުރުން ފާއިތުވެދިޔަ މަޒީގައި ކުންފުންފުނި ތަރައްގީވެ ކުރިއަރައިގެން އައި ގޮތާއި، ކުންފުނީގެ ކާމިޔާބީތަކާއި ގުޅޭ ގިނަގުނަ މައުލޫމާތު، ކުންފުނީގެ 4 ހިއްސާދާރުންގެ ތެރެއިން 3 ހިއްސާދާރުން ކަމުގައިވާ ސަޢުދުﷲ ޙިލްމީ އާއި މުޙައްމަދު ޒުބައިރު އާއި ޙަސަން ފަޔާޒް ވަނީ، ކަމާއިގުޅުންހުރި ލިޔެކިޔުންތަކާވެސް އެކީ މިނޫހާ ހިއްސާކޮށްފަ އެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އުފެދުނު ގޮތާއި ކުރިއަރައިގެން އައިގޮތް

ސްވިޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމެޓެޑަކީ ތިނަދޫއަށް ނިސްބަތްވާ ޒުވާނުންކޮޅެއް ގުޅިގެން ފެއްޓި މަސައްކަތެއް ކަމަށާއި ތަފާތު މަސައްކަތް ކުރާ މީހުން ހިމަނައިގެން ކުންފުންޏެއް ހެދުމުގެ ވިސްނުން އޭރު މިޒުވާނުން ގެންގުޅުނު ކަމަށް ހާމަކުރިއެވެ.

އެގޮތުން ރެފްރިޖެރޭޝަން މަސައްކަތް ކުރާ މީހަކަށް މުހައްމަދު ހަސަންދީދީ (ދައްތުބޭ)، ވަޑާންކުރާ މީހަކަށް ފޭރުމާގޭ މުހައްމާދީ، ވެލްޑިން މަސައްކަތް ކުރާ މީހަކަށް މުޙައްމަދު ޒުބައިރު، ލޭތުކުރުމުގެ މަސައްކަތް ކުރާ މީހަކަށް އަޙްމަދު ރަމީޒު، އިލެކްޓްރީޝަނެއްގެ ގޮތުގައި ހަސަން ފަޔާޒު އަދި ވާދޫ އަހައްމާދީވެސް ހިމަނައިގެން ކުންފުންޏެއް ހެދުމުގެ ވިސްނުން މިޒުވާނުން 1992 ގައި ހަޤީޤަތަކަށް ހެދިއެވެ.

މިދެންނެވި ކުންފުނި ރަޖިސްޓްރީ ކުރުމަށް ހިއްސާދާރުންނާއެކު ހެކިވެރިންގެ ގޮތުގައި ފޯމްގައި ސޮއިކުރީ ސައުދުﷲ ހިލްމީ އާއި އޭނާގެ އަންހެނުން މިލްނާ ރަޝީދުއާ ދެމީހުންނެވެ. އޭރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ، ޒުބައިރު، ރަމީޒު، ހަސަން ފަޔާޒު، ދައްތުބޭ، މުހައްމާދީ އަދި އަހައްމާދި 6 މީހުންނެވެ. ސްވިފްޓް އިންޖިނިއަރިންގ މިނަން ކުންފުންޏަށް ކިޔުނީ، ތަފާތު މަސައްކަތް ކުރުމަށް ވޯކްޝޮޕެއް ރަށުގައި ހިންގުމުގެ މަޤްސަދުގައެވެ.

އޭރު އެއްވެސް ވަރަކަށް މިހާރު ކުރަމުން އަންނަ ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއަށް ވަނުމުގެ އެއްވެސް ވިސްނުމެއް އޭރު ނުގެންގުޅެއެވެ. ނަމަވެސް ވަކިހިސާބަކުން، ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ފެށުމުން ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއަށް މިކުންފުނި ވަދެގެން ދިޔަކަމަށްވެއެވެ.

ކާޑެއްދޫ އެއަރާޕޯޓުގެ ޕެސެންޖަރ ވެއިޓިން ހޯލް: މިއީ ސްވިފްޓް އިންޖިއަރިންގ އިން ކޮސްޓްރަންގެ ދާއިރާގައި ކުރި އެންމެ ފުރަތަމަ އެއް މަސައްކަތް

ސްވިފްޓުން ފުރަތަމަ ކުރި މަސައްކަތަކީ މާލޭގެ އަމިއްލަ މީހެއްގެ ގޭގައި ގުދަނެއް ހެދުމުގެ މަސައްކަތެވެ. މިމަސައްކަތް ފެށީ މަސައްކަތުގެ އެޑްވާންސް ފައިސާ ހޯދައިގެންނެވެ. އެމަސައްކަތުން ލިބުނު ފައިސާއިން ގަނެފައިވަނީ، ކަޓްއޮފް މެޝިނަކާއި ވެލްޑިން ޕްލާންޓެކެވެ. މިއީ ސްވިފްޓުގެ މަސައްކަތް ފެށުނު ގޮތެވެ. މިމަސައްކަތް ނިމުނު ތަނާހެން ކާޑެއްދޫގެ މަސައްކަތް އިއުލާންކުރުމުން، ކާޑެއްދޫގައި ދެ އިމާރާތެއް ހެދުމުގެ ދެ ޕްރޮޖެކްޓް ލިބިގެން ދިޔައެވެ. ސްވިފްޓަށް އޮންނަ އިތުބާރުގެ ސަބަބުން ތިނަދޫގެ ގިނަ ފިހާރަތަކުން އޭރުވެސް ފަހުން ފައިސާ ދައްކާ ގޮތަށް ސްވިފްޓަށް މުދާ ދޫކުރާތީ މަސައްކަތަށް ބޭނުންވާ ސަމާނު ދަތިކަމެއްނެތި ލިބޭކަމުގައި ކުންފުނިން ފާހަގަކުރެއެވެ. އަދި މީގެ ތެރެއިންވެސް ވަކިން ޚާއްސަކޮށް، މަސައްކަތަށް ބޭނުންވާ ސާމާނާއި ފައިސާ ހޯދުމުގައި ކުންފުނީގެ އެއް ޙިއްސާދާރެއް ކަމުގައިވާ ޙަސަން ފަޔާޒުގެ ބޭބެ ގުޑްފެއިތް ޒުބެއިރު، ވަރަށްބޮޑު އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކުރެއެވެ.

 

ކުންފުނި އުފެއްދި ބައެއް ހިއްސާދާރުން ކުންފުނި ދޫކޮށްލުމާއި ސައުދުالله ހިލްމީ ކުންފުންޏާއި ގުޅުން

ކުންފުނި އުފެދި ވަކިހިސާބަކުން ސިޔާސީ މައްސަލައެއްގައި، ކުންފުނި އުފެއްދި އެއް ހިއްސާދާރު ކަމުގައިވާ އަހަންމާދީ ބަންދުވުމުން، އަހަންމާދީ އޭނާގެ ހިއްސާ ދޫކޮށްލީއެވެ. އަދި އޭގެފަހުން އިތުރު ހިއްސާދާރެއް ކަމުގައިވާ ފޭރުމާގޭ މުޙައްމަދީ، ބައްޕަގެ ބަހަށް އަމިއްލަ ވިޔަފާރިއެއްގައި އުޅެންވެގެން ކުންފުނިން އަމިއްލަޔަށް ވަކިވުމުން ކުންފުނީގައި ތިބީ ޒުބައިރު، ރަމީޒު، ހަސަންފަޔާޒު، އަދި ދައްތުބޭ އެވެ.

ކުރިން ސްވިފްޓް ކުންފުނީގައި ނުއުޅުނު ކަމުގައި ވީނަމަވެސް އަބަދުވެސް ސްވިފްޓް ކުންފުންޏާއި ގާތްގުޅުމެއް އޮންނަކަމުގައި ސައުދުﷲ ބުނެފައި ވެއެވެ.

އޭރުވެސް ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ހުރިހާ އެސްޓިމޭޓް ހަދައި ލިޔެކިޔުން ތައްޔާރުކުރަމުން ގެންދިޔައީ ސައުދު އެވެ. ސައުދު ސްވިފްޓް އިންޖިނިއަރިންގ އާއި ގުޅުމުގެ ހުށަހެޅުން ސްވިފްޓްގެ ހިއްސާދާރުންގެ ފަރާތުން އޭނާއަށް އައުމުން، ސްވިފްޓާއި ގުޅުނީ 1998 ހާ ހިސާބުގައެވެ.

އަދި އޭގެފަހުގައި ކުންފުނީގައި އެއިރުތިބި 4 ހިއްސާދާރުން ތިބިއިރު ކޮންމެ ހިއްސާދާރަކު އެއްވަރަކަށް ހިއްސާ (12 ޙިއްސާ) ސައުދުﷲ ހިލްމީއަށް ބަދަލުކޮށް ޖުމްލަ 48 ހިއްސާދީ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ކުންފުނީގެ ބޯޑުން ނިންމައިގެން ހަމަޖެއްސިއެވެ. ހިއްސާ ބަދަލުކުރި ފޯމްގައި، އޭރުގެ އެއް ޙިއްސާދާރު ދައްތުބޭ ލައްވައި ސޮއިކުރުމަށް ގެންދިޔައީ ޒުބައިރު ކަމަށާއި، ދައްތުބޭ ހިއްސާ ބަދަލުކުރި ފޯމުގައި ސޮއިކުރީ، އޭރު ޔޫކޭއަށް ދިޔުމަށް އެއާޕޯޓް ފެރީއަށް އަރައި އިދެކަމުގައި ޒުބައިރު ބުނެފައިވެއެވެ.

ސުވިފްޓް އިންޖިނިއަރިންގެ އެއް ހިއްސާދާރު ޒުބައިރު

ކުންފުންޏާއި ގުޅުނު އިރުވެސް ސަޢުދު މާލޭގައި ހުރުމުން، ކުންފުނީގެ ތަފާތު މަސައްކަތްތައް ފުޅާކޮށް، ކުންފުނީގެ އިދާރީ ހުރިހާ މަސައްކަތެއްހެން މާލެއަށް ބަދަލުވެގެން ދިޔައެވެ. މާލޭގައި ޓެންޑަރ ބޯޑަށް މަސައްކަތްތަކަށް އެސްޓިމޭޓް ލައި ކުންފުނީގެ މަސައްކަތް މާލޭގައި ކުރަން ފެށި ރާއްޖޭގެ އެކިއަތޮޅުތަކުން މަސައްކަތް ލިބެންފެށުމުން މުޅި ކުންފުނީގެ މަސައްކަތް މާލެއަށް ބަދަލުވެގެން ދިޔައެވެ. ވަކި ހިސާބަކުން ކުންފުނީގެ ތަނަވަސްކަން އިތުރުވެ، ޕްރޮޖެކްޓަށް ބޭނުންވާ މުދާ ބޭރުން ގެނައުމުގެ ކަންތައްވެސް ކުރިޔަށް ގެންދެވުނު ކަމަށާއި، މުދާގަތުމަށް ބޭރަށްގޮސް، އެޖެންޓުން ހޯދައި، ހުރިހާކަމެއްގައި އުޅުނީ ސައުދު އަމިއްލަޔަށް ކަމުގައި ޒުބައިރު ބުނެއެވެ.

 

ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަސަންދީދީ (ދައްތުބޭ) ކުންފުނިން ވަކިވުން

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޑް ލިމެޓެޑަކީ، ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ހަސަންދީދީ (ދައްތުބޭ) އަތުން އެ ކުންފުނީގެ މިހާރު އެމްޑީ، ކުރީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރެއްވި ސައުދުﷲ ހިލްމީ ފޭރުނު ކުންފެންޏެއްގެ ގޮތުގައި ސިފަކޮށް ސިޔާސީ މަންފާއަށްޓަކައި ދައްކާ ވާހަކައަކީ ކޮންމެ ސިޔާސީ ކެމްޕެއިނަކާއި ގުޅުވައިގެން، ސްވިފްޓްގެ މިހާރު އެމްޑީގެ އަބުރު ކަތިލައި ކުންފުނީގެ އަގު ވައްޓާލުމަށް ރާވައިގެން ހިންގާ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސްވިފްޓް ކުންފުނީގެ ހިއްސާދާރުން ފާހަގަ ކޮށްފައި ވެއެވެ.

އަދި މިގޮތުން ދެކެވެމުންދާ ވާހަކަ ތަކުގެ ގިނަ ހަގީގަތްތަކެއް ކުންފުނީގެ އެމްޑީ ސައުދުالله ހިލްމީގެ އިތުރުން، އެއް ހިއްސާދާރު ކަމުގައިވާ މުހައްމަދު ޒުބައިރުވަނީ މި ނޫހާއި ހިއްސާ ކޮށްފައެވެ.

މިގޮތުން ކުންފުންޏާއި ދުރަށް ދާންޖެހު ޖެހުމާއި ގުޅޭގޮތުން މިހާރުގެ އެމްޑީ ސައުދުﷲ ބުނެފައިވަނީ، ކުންފުނީގެ ވަކި ފަރުދަކަށް ނުވަތަ އެއް ހިއްސާދާރަކަށް، އެހެން ހިއްސާދާރުންގެ ބަހެއް ނެތި، ކުންފުނީގެ ހިއްސާދާރެއް ވަކި ނުކުރެވޭނެ ކަމަށާއި އެކަމަކީ އެންމެނަށްވެސް އެނގޭނެ ކަމެއް ނަމަވެސް މުޙައްމަދު ހަސަންދީދީ (ދައްތުބޭ) ސްވިފްޓް އިންޖިނިއަރިންގ އިން ވަކިކުރުމުގެ އިލްޒާމް ވަކި މީހަކު ނުވަތަ ބަޔަކު ތަކުރާރުކޮށް ހަމައެކަނި އޭނާގެ ބޮލުގައި އަޅުވަނީ ޒާތީ ހަސަދައެއް ފިލުވައި ސިޔާސީ ބޭނުމަކަށް އޭނާގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމުގައެވެ.

ސައުދުﷲ އިތުރަށް ބުނެފައިވަނީ، މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައިހުރެ އެއްވެސް ސަބަބެއްނެތި ދައްތުބޭ އޮފީހަށް ނުނުކުންނަށް ފެއްޓުމުން ސައުދު އަމިއްލަޔަށް ދައްތުބޭ ދިރިއުޅޭ ގެޔަށް ގޮސް އޮފީހަށް ނުނުކުންނަ ސަބަބެއް ބެލި ކަމަށާއި، ވަޒީފާއަށް ނުނިކުންނަ ސަބަބަކީ އަންހެނުން ވަޒީފާއަށް ދާތީ ދަރިފުޅު ބަލަންޖެހުމުން އޮފީހަށް ނުކުތުމަށް އުދަނގޫ ވުމުން ކަމުގައި ދައްތުބޭ ބުނެފައިވާކަން ސައުދު ފާހަގަ ކޮށްފައި ވެއެވެ.

އެހެންނަމަވެސް، ދައްތުބެއަށް ފަސޭހަ ގަޑިއެއްގައި އޮފީހަށް އައިސް، ސައިޓް ތަކަށްވެސް ގޮސް ހެދުމަށްވެސް ސައުދު އެދުނު ކަމަށާއި، އަދި ގޭތެރޭގެ ކަންތައްތައް ހަމަޔަކަށް އެޅެންދެން މަސައްކަތް ނުކުރި ނަމަވެސް މުސާރަ އާއި، އެހެނިހެން އިނާޔަތްތަށްވެސް ބަރާބަރަށް ދޭނެކަމަށް ތައްދުބޭގެ ގާތުގައި ބުނިކަމަށް ސައުދު ސައުދު މައުލުމާތު ދިފައި ވެއެވެ. ނަމަވެސް ސައުދު ފާހަގަ ކޮށްފައިވާ ގޮތުގައި، މި ކަންކަމަށް ބީރު ކަންފަތެއް ދިނުމަށް ފަހު ދައްތުބޭވަނީ އަމިއްލަޔަށް ކުންފުންޏާއި ދުރަށް ޖެހިފައެވެ.

ފެށުނީއްސުރެ މިއަދާއި ހަމައަށްވެސް ކުންފުނީގެ އެއް ހިއްސާދާރުގެ ގޮތުގައި ހުންނެވި އަހުމަދު ރަމީޒު

އެހެންނަމަވެސް އޭގެ ފަހުންވެސް ދައްތުބޭ ކުންފުންޏާއި ދުރަށް ޖެހިފައިވާތީ، ކުރިމަތިވެގެން އުޅޭ މައްސަލައެއް ހައްލުކުރުމަށް އެއަށްފަހުވެސް ކުންފުނީގެ ހިއްދާރުންވަނީ މަސައްކަތަކެއް ކޮށްފައެވެ.

މިގޮތުން، ކުންފުނީގެ މަސައްކަތަށް ނުނިކުމެ ކުންފުންޏާ ދުރުގައި އުޅޭތީ މައްސަލައެއް އޮތްނަމަ އެކަމެއް ހައްލުކުރުމަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް ހުރި މަސީހު އާއި އެސްޓީއޯ ސަލީމް ދުނިޔޭގައި ހުންނެވި އިރު ސަލީމް އާއި ފޫޅުމާގޭ މުޙައްމަދު ޒުހައިރު މެދުވެރިކޮށް ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް، މަޝްވަރާކޮށް ދިމާވި މައްސަލައެއް ހައްލުކުރުމަށް އެއްވެސް ގޮތަކަށް ދައްތުބެ ބައްދަލުކޮށްފައި ނުވާކަން ކުންފުނީގެ އެއް ހިއްސާދާރު ޒުބައިރު ފާހަގަކުރެއެވެ. އަދި ކުންފުނީގެ ހުރިހާ ހިއްސާދާރުންނާއި އެއްކޮށް އެއްވެސް ގޮތަކަށް ބައްދަލުކުރަން ދައްތުބޭ އެއްގޮތަކަށްވެސް ބޭނުންނުވި ކަމަށްވެސް ޒުބައިރު ބުނެފައިވެއެވެ. ލަފާކުރެވޭ ގޮތުން ދައްތުބޭ އޮފީހަށް ނުނުކުމެ ހުއްޓާލީ، ޒުބައިރު އާ ރަމީޒު ދެކެ ހިތްހަމަނުޖެހިގެން ކަމުގައި ބެލެވެއެވެ. އޭރުވެސް ދައްތުބެއާއި ސައުދު އާއި އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމަށް ކުންފުނީގެ ހިއްސާދާރުން ފާހަގަ ކުރެއެވެ.

ޒުބައިރު ފާހަގަ ކޮށްފައިވާ ގޮތުގައި، ސައުދުﷲ ހިލްމީ ކުންފުނީގެ ޗީފް އެގްޒެކްޓިވް ކަމާއި ޙަވާލުވެ މަސައްކަތްކޮށްފައި ވާނީ، ކުންފުނީގެ ހިސާބު ކިތާބުތައް ހަމަމަގަށް އަޅުވައި ރެކޯޑުތައް ބެލެހެއްޓުމުގައެވެ. އަދީ އޭނާ ކުންފުނީގެ ޗީފް އެގްޒެކެޓިވް ކަމާއި ޙަވާލުވުމުގެ ކުރިން ކުންފުނީގެ ހިސާބުކިތާބު ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަންވެސް ޒުބައިރު ފާހަގަ ކުރެއެވެ. މިގޮތުން ކުންފުނީގެ ޓޫލްސްތައް ކުންފުނީގެ ކޮންމެ މީހަކު ބޭނުންކުރިކަމުގައި ވިޔަސް، ނަގާ ކޮންމެ އެއްޗެއް ނެގިކަމުގައިވިޔަސް ލިޔެކިޔުން ތައްޔާރުކޮށް ނޯޓްކޮށް ރެކޯޑް ބެލެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށެވެ. ނަމަވެސް މިކަން މިގޮތަށް ގެންދަން ވަރަށް ބޮޑަށް ދަތިވި ކަމަށާއި ފެށުނީއްސުރެވެސް ކުންފުނީގެ ޓޫލްސްތަކާއި ތަކެތީގެ ރިކޯޑް އަދި ބޭނުންކުރާ ފަރާތްތައް އެގޭނެ ގޮތެއް ނޯންނަ ކަމަށާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުންވެސް ހުރީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. އެހެންކަމުން ސަޢުދުގެ އިރުޝާދުގެ މަތިން ކުންފުންޏަށް ގެނެވުނު ހެޔޮބަދަލުވީ ދައްތުބެއަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ.

ދައްތުބެއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމިގޮތް އާންމު ޖަލްސާއަށް ހުށަހަޅާ އެޖަލްސާއަށް ދައްތުބެއަށް ދައުވަތު ދީ ފޮނުވި ސިޓީ

އެއާއެކު 2001 ހިސާބުގައި އެސްޓީއޯ އާއި އެމްޓީސީސީ އިން ސްވިފްޓް ކުންފުންޏަށް ދީފައިވާ ކްރެޑިޓް އެއިރު ކުންފުނި ހިންގުމުގައިތިބި ފަރާތްތަކަށް ނުވަތަ ހިއްސާދާރުންނަށް ނާންގާ ކުންފުނީގެ ލެޓަރހެޑް ވަގަށް ބޭނުންކޮށް ދައްތުބޭ ސޮއިކޮށް އެސްޓީއޯ އާއި އެމްޓީސީސީ އަށް ސިޓީފޮނުވައިގެން ކްރެޑިޓް ކެންސަލްކޮށް ކުންފުންޏަށް ބޮޑުގެއްލުމެއް ދީފައިވެއެވެ. މިގޮތަށް ކަންކަން ކުރިއިރު ދައްތުބޭ ހުރީ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމުގައި ނަމަވެސް އޭރު ދައްތުބޭ އޮފީހަށްވެސް ނުނުކުންނަތާ ދުވަސްތަކެއްވަނީ ފާއިތުވެފައެވެ. ކުންފުނީގެ ހިންގުމަށް ދަތިވާފަދަ ގޮތްގޮތަށް ދައްތުބޭގެ ޢަމަލުތައް ހުރުމާއިއެކު، މެނޭޖިންގ ޑިރެކްޓަރުކަމުން ދައްތުބޭ ވަކިކުރަން ދައްތުބޭ ފިޔަވާ ހުރިހާ ހިއްސާދާރުން ނިންމާ ދައްތުބޭ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކުރުމަށްފަހު މެނޭޖިންގ ޑިރެކްޓަރުކަމަށް މުހައްމަދު ޒުބައިރު އައްޔަން ކުރެވުނެވެ. އޭރު ސައުދު ހުރީ ކުންފުނީގެ ޗީފް އެގްޒެކެޓިވްގެ މަޤާމްގައެވެ.

މައްސަލަތައް ދިމާވެގެން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ލިޔެކިޔުންތަކަށް ބަލާއިރު ދައްތުބޭ ކުންފުންޏަށް ފޮނުވި ސްޓޭޓްމަންޓެއްގައި ވާގޮތުން ކުންފުނި އުފެދުނު ތާރީޚުން ފެށިގެން ވަކިވުމާއި ހަމަޔަށް، އެއްވެސް މަހެއްގެ މުސާރަ ދައްތުބޭ ނުނަގާ ކަމަށާއި، ކުންފުނީގައި ހޭދަކުރި މުއްދަތުގައި ދޭންޖެހޭ މުސާރަ ހޯދުމަށް އެ ސްޓޭޓްމަންޓުގައި އެދިފައިވެއެވެ.

އިދާރީގޮތުން އެންމެ އިސްކޮށްހުރި އަދި ކުންފުނީގެ ފައިސާ ގެންގުޅުނު ފަރާތުން ކުންފުނިން އޭނާއަށް ލިބެންޖެހޭ މުސާރަ އެއްގޮތަކަށްވެސް ނުނަގައި ހުންނަންޖެހުނު ސަބަބަކާމެދު ސުވާލު އުފެދެއެވެ. ކުންފުނީގެ ބޯޑު ބައްދަލުވުމުގައި މިވާހަކަ ދެކެވުމުންވެސް ސުވާލު އުފެދިގެން ދިޔައީ، ދިރިއުޅުމަށް އެއްވެސް އިތުރު މަސައްކަތެއް ދައްތުބޭ ކޮށްފައި ނުވާއިރު، އެއްވެސް އާމްދަނީއެއް ނުލިބި ދިރިއުޅުމުގެ ކަންތައް ދައްތުބޭ ހަމަޖެއްސި ގޮތަކާއިމެދުއެވެ. މިއިން ދޭހަކޮށްދެނީ ކުންފުނީގެ ހިސާބުކިތާބު ދައްތުބެއަށް ރަނގަޅަށް ބެލެހެއްޓިފައި ނެތުން ނުވަތަ ކުންފުނީގެ ފައިސާއަށް ޚިޔާނަތްތެރިވުމެވެ. ލޮޖިކަލީ ވިސްނާލާ އިރުވެސް އަހަރުތަކަކަށް އެއްވެސް ލާރިއެއް ނުނަގައި އިތުރު އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅެވޭނެ ކަމަކަށް ޤަބޫލު ނުކުރެވެއެވެ.

ހަސަން ފަޔާޒް ބުނެފައިވާގޮތުން ކުންފުނީގެ މަސައްކަތް ފެށުނުހިސާބުން އޭނާ ފިޔަވައި ކޮންމެ ހިއްސާދާރަކަށް 1500 ރ ގެ އެލަވަންސެއް ދިންކަމަށާއި، އަދި އެ އެލަވަންސް ބަރާބަރަށް ލިބުނު ކަމުގައި ޒުބައިރުވެސް ބުނެއެވެ. އަދި ދައްތުބޭ މިއެލަވަންސް ނުނަގާކަން އެނގިފައިނުވާކަމަށާއި އަދި ނުނެގިނަމަ ނުނެގި ސަބަބެއް ނޭގޭ ކަމަށެވެ. މުސާރަ ނުނަގާކަމަށް ބުނި ނަމަވެސް، ޗެކްފޮތުގެ ކައުންޓަރ ފޮއިލްތަކުގައި، ދައްތުބެ ނެގި ކަމަށް ލިޔެފައި ތަފާތު އެކި އަދަދުތަކުގެ ޗެކްތައް ދޫކުރެވިފައި ވާކަމަށް ޒުބައިރު ބުނެފައިވެއެވެ.

ދައްތުބެ ކުންފުނިން ވަކިވާން އެދުމުން، ދައްތުބެ ކުންފުނި ހިންގުމާއެކު ހިސާބުތައް ބެލެހެއްޓިއިރު، ކުންފުނީގެ ހިސާބުތައް ޗެކްއިރު، ޔޫޓީއެމް ކުންފުންޏަށް ފައިސާދެއްކުމަށް ޗެކު ޙަވާލުކޮށްފައިވާ =/50,000 ރުފިޔާގެ ޕޭމަންޓެއްގެ ފައިސާ ނުލިބޭކަމުގައި އެފަރާތުން ބުނުމާއިގުޅިގެން ޗެކްގެ ކައުންޓަރ ފޮއިލް ބެލިއިރު =/50,000 ރުފިޔާގެ ގެ ޗެކެއް ދޫކޮށްފައިވާކަން އެގުނު ކަމަށެވެ. ދައްތުބޭ ކައިރިން މިކަން އޮޅުންފިލުވަން ކުރި މަސައްކަތުން އޭނާގެ އެއްބާރުލުން ނުލިބުމުން މިޗެކް ޖަމާކޮށްފައިވާ އެކައުންޓެއްގެ ތަފްޞީލް ބެންކުން އޮޅުންފިލުވުމުން، އެޗެކް ޖަމާކޮށްފައި ވަނީ ދައްތުބޭގެ އަމިއްލަ އެކައުންޓަށްކަން އެނގިގެން ގޮސްފައިވެއެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި ޙިއްސާދާރުންގެ ޢާންމު ޖަލްސާއިން ނިންމި ނިންމުން ދައްތުބެއަށް އަންގާ ކުންފުނިން ފޮނުވި ކިޔުން

މިއީ ވަރަށް ބޮޑު ގޯހެއްކަމަށާއި، ބެންކުގެ ލިޔުން މިހާރުވެސް އޮންނާނެ ކަމުގައި ބުނެ އެލިޔުންވަނީ މިނޫހާއި ހިއްސާކޮށްފައެވެ. މިނޫނަސް މިފަދަ އެތައްކަމެއް ކުންފުންޏަށް ގެއްލުންދިނުމަށް ދައްތުބޭ ކޮށްފައިވާ ކަމުގައި ހިއްސާދާރުން ބުނެއެވެ.

ހުރިހާ ހިއްސާދާރުން ބުނެފައިވާގޮތުގައި، ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޑް ލިމެޓެޑުން ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ހަސަންދީދީ (ދައްތުބޭ) ވަކިވީ މައްސަލަތަކެއް ޖެހި ހައްލުކުރަން ސަޢުދު އާއި އަދި އެކުވެރިންތަކެއް ކުރި މަސައްކަތުން ދައްތުބޭގެ ފަރާތުން އެއްބާރުލުން ނުލިބިފައި ވަނިކޮށް ދައްތުބޭ އަމިއްލަޔަށް އެދިގެންނެވެ. ދައްތުބޭ އަމިއްލަޔަށް ވަކިވާން އެދި ފޮނުވާފައިވާ ސިޓީވެސް ވަނީ މި ނޫހާއި ހިއްސާކޮށްފައެވެ. ދައްތުބެ ސީދާ ހިތްހަމަނުޖެހި ކުންފުންޏާއި ދުރުވި ސަބަބެއް އަދި މިހާތަނަށްވެސް ހިއްސާދާރުންނަށް ޔަޤީންކަމާއެކު އެނގިފައި ނުވާކަމުގައި އެފަރާތްތަކުން ބުނެއެވެ. ދައްތުބޭ ކުންފުނިން ވަކިވާން އެދި ފޮނުވި ސިޓީ ސޯޝަލްމީޑިޔާގައިވެސް މިހާރު ދައުރުވަމުންދާއިރު، އެއީ ދައްތުބޭ އަމިއްލަޔަށް ކުންފުނިން ވަކިވާން ފޮނުވި ސައްހަ ސިޓީއެއްކަމަށް ކުންފުނީގެ ހިއްސާދާރުން ބުނެއެވެ.

އަހުމަދު އަބީރު އާއި، މުޙައްމަދު ޝިރުހާން މެދުވެރިކޮށް ކުންފުނީގެ ހިސާބުތައް ބަލައި، ކުންފުނިން ވަކިކޮށްދިނުމަށް ދައްތުބޭ އަމިއްލަޔަށް ސްވިފްޓް އިންޖިނިއަރިންގއަށް ސިޓީ ފޮނުވުމުން، އަބީރާއި ޝިރުހާނާއި ދެމީހުންގެ ކިބައިން ކުންފުނީގެ ހިސާބުތައް ބެލުމަށް އެދިފައި ވާނެކަމަށާއި ނަމަވެސް އެ ފަރާތްތަކުގެ ވަގުތާއި ކަންކަން ހުރިގޮތުން އެކަން ކުރުމަށް އުޒުރުވެރި ވެފައިވެއެވެ. އެހެންކަމުން ކުންފުނީގެ ބޯޑު ޖަލްސާގައި ބައިވެރިވެ ޖަވާބުދާރީވުމުގެ ފުރުޞަތު ދައްތުބެއަށް ދެވުނުކަމަށާއި މިގޮތުން 4 ވަރަކަށް ޖަލްސާ ބޭއްވުނުކަމަށެވެ.

މި 4 ޖަލްސާއަށްވެސް ދައުވަތުދިން ނަމަވެސް ދައްތުބޭ އެއްވެސް ޖަލްސާއެއްގައި ބައިވެރި ނުވާކަމަށާއި ދައްތުބޭ ކުންފުންޏަށް ކޮށްދީފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުންފުނީގައި ބަހައްޓަން ބޭނުންވާތީ ސްލީޕިންގ ޕާޓްނަރެއްގެ ގޮތުގައި ހުންނަންވެސް ފުރުޞަތު ދިން ނަމަވެސް އެފުރުޞަތުވެސް ދައްތުބޭ ބޭނުން ނުކުރި ކަމަށްވެސް ހިއްސާދާރުން ބުނެފައިވެއެވެ. އަދި ދައްތުބޭ އެދުނު ގޮތަށް ކުންފުނިން ވަކިކުރި ޢާއްމު ޖަލްސާއަށް އަންނަންވެސް ދައުވަތު ދެވުނުކަމަށާއި، އެބައްދަލުވުމަށް ޕޯސްޓްގެ ޒަރީޢާއިން ދައުވަތު ދިނުމުންވެސް އެބައްދަލުވުމުގައިވެސް ބައިވެރިވެފައި ނުވާކަމަށެވެ. އަދި ދައްތުބޭ ވަކިކުރަން އާންމު ޖަލްސާއަށްވެސް ހުށަހަޅައި ފާސްވެގެން އިކޮނޮމިކް މިނިސްޓްރިއަށް ހުށަހެޅީ އޭގެފަހުން ކަމަށެވެ. މިހުރިހާ ލިޔެކިޔުމެއް ކުންފުނިންވަނީ މިނޫހާއި ހިއްސާކޮށްފައެވެ. ކުންފުނިން ވަކކިކުރުމަށްފަހު ކުންފުނިން ދައްތުބެއަށް ދޭންޖެހޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓެއް ނުވަތަ ޙަވާލުކުރަންޖެހޭ ފަރާތެއް އެންގުމަށްވެސް ކުންފުނިންވަނީ ދައްތުބެއަށް ސިޓީއަކުން އަންގާފައެވެ.

ދައްތުބެއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ނިންމުން

ސައުދު ޤަބޫލުކުރާ ގޮތުގައި، ދައްތުބޭ އޭނާދެކެ ހިންހަމަނުޖެހުނީ، ދައްތުބޭ ބޭނުންވިގޮތަށް ކުންފުނީގެ 2 ހިއްސާ ދާރުން ކަމުގައިވާ، މުހައްމަދު ޒުބައިރު އަދި އަހުމަދު ރަމީޒު ކުންފުނިން ވަކިކުރުމަށް ދައްތުބެގެ ބަސް ޤަބޫލުކޮށް ސަޢުދު އެއްބާރުލުން ނުދިނުމުން ކަމަށެވެ. ދައްތުބޭ ހިތްހަމަ ނުޖެހުނު އިތުރު ސަބަބުތަކުގެ ތެރޭގައި، ކުންފުންޏަކީ ހިސާބު ކިތާބު ބަލަހައްޓަންޖެހޭ ތަނަކަށް ވެފައި، ޗީފްއެގްޒެކްޓިވްގެ ހައިސިއްޔަތުން ކުންފުނި ޤަވާޢިދާ އެއްގޮތަށް ހިންގުމުގެގޮތުން ސައުދު ނިންމަންޖެހޭ ބައެއް ނިންމުންތައް ނިންމުމާއި ކުރިން ބަލަހައްޓަމުން ނުދާ ކުންފުނީގެ ހިސާބު ރަނގަޅަށް ބަލަހައްޓައި އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

ކުރިން ދައްތުބެއަށް ހީވެފައި އަދި ޢަމަލުކުރަމުން ދިޔައީ،  ސްވިފްޓް ކުންފުންޏަކީ އޭނަގެ އަމިއްލަ ކުންފުންޏެއް ކަމަށާއި ކުންފުނީގެ ހިއްސާދާރުން ކަމުގައިވާ ރަމީޒު އަދި ޒުބައިރު އަކީވެސް އޭނާގެ ސްޓާފުން ކަމުގައެވެ. ނަމަވެސް އެންމެންނަކީވެސް އެއްވަރެއްގެ ހިއްސާދާރުން ކަމުގައި ވިނަމަވެސް ދައްތުބޭ ޢަމަލުކުރަމުން ދިޔައީ އެގޮތަށް ނޫންކަމަށާއި ދައްތުބޭ ކުންފުނީގެ ހިސާބުކިތާބު އެއްވެސް ގޮތަކަށް ބަލަހައްޓާފައި ނުވާކަމަށާއި އަދި އެކަންއެގޮތަށް ކުރަން ބޭނުންވެސް ނުވާކަމަށް ހިއްސާދާރުން ބުނެފައިވެއެވެ.

ހަސަން ފަޔާޒު: ސްވިފްޓް އިންޖިނިއަރިންގެ އެއް ހިއްސާދާރު

ސައުދުﷲ ހިލްމީ ކުންފުންޏާ ހަވާލުވުން

ދައްތުބޭ ކުންފުނިން ވަކިވުމަށްފަހު މެނޭޖިންގ ޑިރެކްޓަރ ކަމަށް ޑިރެކްޓަރުންގެ ބޯޑުން ސަޢުދު އައްޔަންކުރި ހިސާބުން މިއަދާހަމަޔަށްވެސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމް ފުރަމުންދަނީ ސަޢުދުﷲ އެވެ.

ސަޢުދުﷲ ވަނީ ސްވިފްޓް އިންޖިނިއަރިންގ އަކީ ޢިމާރާތް ކުރުމުގެ ދާއިރާގައި ޤައުމީފެންވަރުގައި ނަންކިޔާލެވޭ ވަރުގެ ހަރުދަނާ ކުންފުންޏަކަށް ހަދާފައެވެ. އެގޮތުން ހިއްވަރުދިނުމުގެ ޤައުމީ އިނާމު 2010 ވަނައަހަރު ސްވިފްޓަށް ލިބިފައިވެއެވެ. ހިއްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައިވާ އަތޮޅުތެރޭގެ ކުންފުންޏަކީ ސްވިފްޓް ކަމަށް ވެދާނެކަމަށާއި އަދި އަތޮޅުތެރޭގެ ކުންފުނިތަކަށް ބަލާއިރު އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏަށް ސްވިފްޓް އިންޖިނިއަރިންގ ވާނޭކަމަށް ސައުދު ބުނެއެވެ. ސަޢުދުގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެދަށުން ސްވިފްޓްއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކު ހިންގައި ގައުމީފެންވަރުގެ އިތުބާރު ހޯދާފައެވެ. އަދި ދިގުމުއްދަތަކަށް އެކިތަންތަން ކުއްޔަށް ހިފައިގެން ޢިމާރާތްކޮށްފައިވާއިރު ސްވިފްޓް އަށް މާލެއިން ބިމެއްގަނެ ޢިމާރާތްވެސް ކޮށްފައިވެއެވެ.

އެއްވެސް އިރެއްގައި ސްވިފްޓްގެ ޑިރެކްޓަރުންގެ މެދުގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނޯންނަ ކަމަށާއި، އޭރަކު ހިންގަން ޙަވާލުވެ ހުންނަ ވެރިޔަކު ބޭނުން ގޮތަކަށް ކުންފުނި ހިންގުމަށް އެއްވެސް ހުރަހެއް ހިއްސާދާރުންގެ ފަރާތުން ކުރިމަތި ނުވާކަމުގައި ޒުބައިރު ބުނެއެވެ. ކުންފުނި ކުރިއަރައި ދިޔުމުގެ މައިގަނޑު ސިއްރަކީ ކުންފުނީގެ ހިއްސާދާރުން އޮންނަ ހަރުދަނާ ގުޅުމާއި، އެކަކު އަނެކަކަށް ކުރާ އިތުބާރުކަމުގައި ކުންފުނީގެ ހިއްސާދާރުން ދެކެއެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވައިގެން ތިނަދޫ އުތުރު ދާއިރާގެ މެމްބަރުކަން ސައުދު ކުރެއްވި ދުވަސްވަރު ސިޔާސީގޮތުން ސައުދުއަށް ކުރިމަތިކުރުވި ގޮންޖެހުންތަކުގެ ތެރޭގައި ސްވިފްޓުން ހަވާލުވެފައިވާ ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް އެއްފަހަރާކަހަލަ ގޮތަކަށް ހުއްޓުވުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުالله ހިލްމީ: ސައުދުއަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެއް

މިފަދަ ގޮތަކަށް މަސައްކަތް ހުއްޓުވުމުން ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވީއިރުވެސް، އެދަތި ދަނޑިވަޅުގައިވެސް، ކުންފުނީގެ ހިއްސާދާރުން ސައުދު އަށް ފުރިހަމަޔަށް އިތުބާރުކުރައްވައި، އަދި ލިބުނު މާލީ ގެއްލުމަކީ ސީދާ ސައުދުއާއި ގުޅިފައިވާ ސިޔާސީ ކަމެއްކަން އެގުނު އިރުވެސް ސައުދުއަށް ފުރިހަމަޔަށް އެއްބާރުލުން ދީފައިވެއެވެ. އޭރު ޕްރޮޖެކްޓްތަކުން ލަފާކުރެވޭގޮތުން 23 މިލިޔަން ރުފިޔާ ކުންފުންޏަށް ގެއްލުންވި ކަމަށް ސައުދު ބުނެއެވެ. މިއިންވެސް އެނގިގެންދަނީ ހިއްސާދާރުންގެ އޯގާތެރިކަމާއި، އެކަކު އަނެކަކަށް ކުރާ އިތުބާރެވެ.

ކުންފުންނާއި ކުންފުނީގެ އެމްޑީ ބަދުނާމުވާގޮތަށް ދައްކާ ވާހަކަތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަ ތަކެއްކަމުގައި ކުންފުނީގެ ހިއްސާދާރުން ބުނެފައިވެއެވެ.

އަދި މިހާގިނަ ދުވަސްވީއިރުވެސް، ދައްތުބޭވެސް އޭނާގެ ހައްޤެއް ހޯދުމަށް ކަމާބެހޭ އެއްވެސް މުޢައްސަސާއަކަށް ނުވަތަ ކޯޓެއްގައި ދައުވާ ކޮށްފައި ނުވުމުން އެނގިގެންދަނީ މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމެވެ. ސައުދުﷲ ހިލްމީއަށް ހަމަ އެކަނި ނިސްބަތްކޮށް މިދެކެވޭ މިވާހަކަތަކަކީ، ކޮންމެ ސިޔާސީ ކެމްޕެއިނަކާއި ދިމާކޮށް އަބުރު ކަތިލުމަށް ދައްކާ ވާހަކަތަކެއްކަމުގައި ސްވިފްޓްގެ ހިއްސާދާރުން ތަކުރާރުކޮށް ބުނެއެވެ.

 

ކާމިޔާބު، ނަމޫނާ ކުންފުންޏެއް

ސުވިފްޓް އިންޖިނިއަރިންގ އާއި ގުޅޭގޮތުން، ކުންފުނީގެ އަގު ވައްޓާލުމުގެ މަގުސަދުގައި ތަފާތު ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން އައިނަމަވެސް، ކުންފުނީގެ ހިއްސާދާރުންގެ ފާހަގަ ކުރާ ގޮތުގައި، މިއަދާއި ހަމައަށް ކާމިޔާބު ކަމާއެކު 26 އަހަރުގެ ދިގު ތާރީޚެއް ވިޔަފާރީގައި އެކުންފުންނަށް ކަޑަައްތު ކުރެވުނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި މެނޭޖްމަންޓުން، ކުންފުނީގެ މުވައްޒިފުންނާއިމެދު ބެހެއްޓި އޯގާތެރިކަމާއި، ހިއްސާދާރުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި ވިޔަފާރީގެ އެކި ދާއިރާތަކުގައި، އެކުންފުނިން ސާބިތު ކޮށްދިން ހަގީގަތަކީ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައި ގަތުމުގައި، ހިއްސާދާރުންގެ ދައުރާއި، ވެރީންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި، ގުޅުންތެރިކަމެވެ.

އެހެންނަމަވެސް، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މިބީދައިން، ކާމިޔާބު ކަމާއެކު ދިގު ޒަމާންތަކެއް ވަންދެން ގިނަ ހިއްސާދާރުން އެއް އޮޑިއެއްގައި ދަތުރު ކުރުމަކީ މަދުން ނޫނީ ފެންނާން ނެތް މަންޒަރެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެހެންކަމުން، ސްވިފްޓް އިންޖިއަރިންގެ، ގޮންޖެހުން ބޮޑު، އެހެންނަނަމެވެސް ވިޔަފާރީގައި ކުރި ކާމިޔާބު ދަތުރަކީ، ރާއްޖޭގެ އެހެނިހެން ވިޔަފާރިތަކަށާއި ކުންފުނިތަކަށް ނަމޫނާ ދަތުރެއް ކަމުގައި ފާހަގަކުރަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *