ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކަށްފަހު އަނިޔާއިން ރަނގަޅުވެ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ކުޅެވޭނެ ކަމަށް މެންޗެސްޓާ ސިޓީން ބުނެފިއެވެ.
ހަތަރު މަސް ދުވަހަށް ފަހުން އަގުއޭރޯ ކުޅުމުގެ ތެރެއަށް އެނބުރި އައީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އޭގެ ފަހުން އިނގިރޭސިލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ 1-1 ން ސިޓީ އެއްވަރުވި މެޗުގައި އަގުއޭރޯގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ.
ސިޓީން ބުނެފަވަނީ މި މަހު ކުޅެން ތާވަލުކޮށްފައި ހުރި ބައިނަލްއަގުވާމީ މެޗުތަކަށްފަހު ސިޓީން ކުޅޭ މެޗުތަކުގައި އަގުއޭރޯއަށް ކުޅެވޭނެ ކަމަށެވެ. އަދި އޭނާއަށް މިފަހަރު ލިބުނު އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށެވެ. މީގެ ކުރިން އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާއަށް ގޮސް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ފޯވާޑް ގަބްރިއެލް ޖީސޫސް ވަނީ އަނިޔާއިން ރަނގަޅުވެ ސިޓީއަށް ކުޅުނު ފުރަތަމަ މެޗުގައި އިއްޔެރޭ އޮލިންޕިއާކޯސް ކޮޅަށް ލަނޑުވެސް ޖަހާފައެވެ.