ސައުތު ޕެސިފިކް ކަނޑު އަޑީގެ އަލިފާން ފަރުބަދައެއް ގޮވާ، މި ފަރުބަދައިން އަޅި ބޭރުވަމުން ދިއުމާ ގުޅިގެން، ޖަޒީރާ ގައުމެއް ކަމުގައިވާ ޓޮންގާއަށް ޓޮންގާގެ ބައެއް ސަރަހައްދުތަކަށް ސުނާމި އަރާ، އެމެރިކާއާއި ނިއުޒިލޭންޑް އަދި ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ދީފިއެވެ.
ހޮނިހިރު ދުވަހު، ސައުތު ޕެސިފިކްގެ ކަނޑު އަޑީގެ އަލިފާން ފަރުބަދަ އެއް ގޮވާ، ގުނަ އަދަދެއްގެ އަލިފާން އަޅި ބޭރުވަން ފެށުމާއެކު އުފެދުނު ސުނާމީ މިހާރުވަނީ ޓޮންގާގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޓޮންގާޓަޕޫއަށް އަރާފައި ކަމަށާއި އަދި ބިޔަ ރާޅުތަކުގެ ސަބަބުން ވެރިރަށުގައިވެސް ފެން ބޮޑުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މި އަލިފާން ފަރުބަދައިން އަރަމުންދާ އަޅިތަކުން ވަނީ އެތައް ކިލޯ މީޓަރު މަތީގައި ބޯ ދުމުގެ ވިލާތައް އުފެދިފައެވެ.
ޓޮންގާއަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، ސުނާމި އެޑްވައިޒަރީ މިހާރުވަނީ ނިއުޒީލޭންޑްގެ އުތުރުގެ ރަށްތަކަށާއި، އެމެރިކާގެ ހުޅަނގު އައްސޭރިފަށުން ކެލިފޯނިއާއިން ފެށިގެން އަލަސްކާއާއި އަދި ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ އިތުރުން ޖަޕާނުގެ ބައެއް ސަރަހައްދުތަކަށްވެސް ނެރެފައެވެ.
ޖަޕާންގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ ނެރެފައިވާ ސުނާމި އިންޒާރުގައި ވާގޮތުން އެގައުމުގެ ޕެސިފިކް ކަޑާއި އިންވެގެން އޮންނަ އެގައުމުގެ ހުރިހާ އައްސޭރިފަށުގެ ހިސާބުތަކުގެ އިތުރުން، ޖަޕާނުގެ ދެކުނުން އޮންނަ އަމާމީ އައިލޭންޑާއި، ކަގޮޝީމާ ޕްރީފެކްޗަރގައި ގުޅިފައި އޮންނަ ޓޮކާރާ ރަށްތައްވެސް މި އިންޒާރުގައި ހިމަނާފައި ވެއެވެ. މި އިންޒާރުގައި ވާގޮތުން، މި ރަށްތަކަށް 3 މީޓަރުގެ ސުނާމީއެއް އަރާނެއެވެ.
ހުންގާ-ޓޮންގާ-ހުންގާ ހައާޕައި ނަމަކަށް ކިޔާ މި އަލިފާން ފަރުބަދަ އެންމެ ފުރަތަމަ ގޮވަން ފަށާފައިވަނީ ހުކުރު ދުވަހުއެވެ. ރޭޑިއޯ ނިއިޒީލޭންޑުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހުކުރުދުވަހު މި އަލިފާން ފަރުބަދައިން އަރަންފެށި އަޅިތައް ޖައްވުގެ ތެރެއަށް 20 ކިލޯ މީޓަރު މައްޗަށް އަރާފައި ވެއެވެ.
ރޭޑިއޯ ނިއުޒީލޭންޑުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އަލިފާން ފަރުބަދަ އަލުން އަނެއްކާވެސް ވަނީ، ހޮނިހިރު ދުވަހުގެ ހަވީރު 5:26ގައި އަލުން ގޮވަން ފަށާފައެވެ.
މި ފަރުބަދަ ގޮވަމުންދިޔައިރު ނަގާފައިވާ ސެޓްލައިޓް ފޮޓޯތަކުންވަނީ، ބޯދުމުގެ ވިލާތައް މަތީގައި އުފެދިގެން ގޮސްފައި ވަނިކޮށް ފެނިފައެވެ.
ޓޮންގާގެ ވެރިރަށަށް ސުނާމީ އަރަން ފެށުމާއެކު، އެގައުމުގެ ރަސްގެފާނު، ކިންގ ޓޮޕޫ VI ވަނީ ރޯޔަލް ޕެލަސްއިން ރައްކާތެރި ހިސާބަކަށް ގެންދެވިފައެވެ. ޓޮންގާގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕޮލިހުންނާއި އަދި އަސްކަރިއްޔާގެ ކޮންވޯއިއަކުންވަނީ، ރަސްގެފާނު މަޓާ ކި އުއާގެ ވިލާއަކަށް ބަދަލު ކޮށްފައެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަސްގެފާނުގެ ގަނޑުވަރު ހުންނަ ސަރަހައްދުގެ މައި މަގުތަކަށް ސުނާމީ އަރަން ފެށުމާއެކު، އެސަރަހައްދުގައި ދިރިއުޅޭ މީހުންވަނީ އުސް ހިސާބުތަކަށް ބަދަލު ވާން ފަށާފައެވެ.
1.14.2022: (correction on date) Large volcanic eruption near Tonga (Hunga Tonga-Hunga Ha'apai volcano) today as seen from outer space. Shown on visible imagery using the Himawari satellite. #hiwx #tsunami #earthquake pic.twitter.com/Y18W7wvXl9
— NWSHonolulu (@NWSHonolulu) January 15, 2022
މި އަލިފާން ފަރުބަދައަކީ ޓޮންގާގެ އިރު ދެކުނުން، ފޮނައުފޯ އައިލޭންޑުގެ 30 ކިލޯ މީޓަރު ދުރުގައި ހުންނަ އަލިފާން ފަރުބަދައެކެވެ. އަދި މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ނެރެފައިވާ ސުނާމީގެ އިންޒާރުގެ އިތުރުން ޓޮންގާގެ މީޓިއޮރޮލޮޖިކަލް ސާވިސްއިންވަނީ، އެގައުމުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އާދަޔާ ޚިލާފަށް ވައިބާރުވެ އަދި އޭގެ އިތުރުން ފެން ބޮޑުވާނެކަމުގެ އިންޒާރުވެސް ދީފައެވެ.
އަދި މީގެ އިތުރުން، ޓޮންގާގެ އަވައްޓެރި ގައުމެއް ކަމުގައިވާ ފިޖީންވެސް ވަނީ އެގައުމުގެ ރަށްތަކުގެ ތެރެއިން ބިންގަޑު ތިރި ހިސާބުތަކުގައި ދިރިއުޅޭ ރަށްތަކަށް ބޮޑެތި ރާޅުތައް އެރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ، މި ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން އުސްތަންތަނަށް ބަދަލުވުމަށް އިލްތިމާސް ކޮށްފައެވެ.
ރޭޑިއޯ ނިއުޒިލޭންޑުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އަލިފާން ފަރުބަދައިގެ ހަރަކާތްތައް ވަނީ ފާއިތުވެދިޔަ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހުން ފެށިގެން އިތުރުވާން ފަށާފައެވެ. އެހެންނަމަވެސް ޖެނުއަރީމަހުގެ 11 ވަނަ ދުވަހުން ފެށިގެން އަނެއްކާވެސް މި ފަރުބަދައިގެން ހަރަކާތްތައް ހުއްޓިފައިވާކަމަށް ވަނީ މައުލުމާތު ދީފައެވެ.