ބަޢުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ހަމަލާތަކެއް ދީފި

ބަޢުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ހަމަލާތަކެއް ދީފި

އިރާގުގެ ވެރިރަށް ބަޢުދާދުގައި އޮންނަ ގްރީން ޒޯން ސަލާމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ އެމްބަސީ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

މި ހަަލާތަކުގައި އެމެރިކާ އެމްބަސީއަށް 4 ރޮކެޓް ހަމަލާއެއް ފޮނުވާލާފައިވާއިރު، މި ހަމަލާތަކުގައި އިރާގުގެ ދެ ސެކިއުރިޓީ އޮފިޝަލަކު ޒަޚަމް ވެފައިވާކަމަށް އިރާގު ސަރުކާރުގެ އޮފިޝަލުންވަނީ ހާމަކޮށްފައެވެ. ބަޢުދާދުގައި އޮންނަ ގްރީން ޒޯނަކީ އެގައުމުގައި ހުންނަ ބޭރުގެ އެމަބަސީތަކުގެ އިތުރުން އިރާގުގެ ގާނޫނުހަދާ މަޖިލިސްވެސް ހުންނަ ސަރަހައްދެވެ.

އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި، މި ހަތަރު ހަމަލާގެ ތެރެއިން 3 ރޮކެޓް ވެއްޓިފައިވަނީ އެމެރިކާގެ އެމްބަސީ ގާއިމް ކުރެވިފައި ހުންނަ ސަރަހައްދަށެވެ. އަދި 4 ވަނަ ރޮކެޓް އަމާޒުވެފައިވަނީ، ކަރީގައި ހުންނަ، މީހުން ދިރިއުޅޭ އިމާރާތެއްގައި ހިންގަމުންދާ ސްކޫލަކަށް ކަމަށްވެސް އޮފިޝަލުން މައުލޫމާތު ދީފައި ވެއެވެ.

މި ހަމަލާއާއި ގުޅިގެން އިރާގުގެ އަސްކަރިއްޔާއިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިހަމަލާގެ ސަބަބުން އަންހެނަކާއި އަންހެން ކުއްޖަކު ޒަޚަމް ވެފައިވާ ކަމުގައެވެ. އިތުރު މައުލޫމާތެއް އިރާގުގެ އަސްކަރިއްޔާއިން ހާމަ ކޮށްފައެއް ނުވެއެވެ.

މިހަމަލާ ލޮލުން ދުށް މީހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަމަލާ ދިންވަގުތު އެމެރިކާ އެމްބަސީގައި ގާއިމް ކޮށްފައިވާ C-RAM ސިސްޓަމްގެ އަޑު އިވިފައި ވެއެވެ. މި ސިސްޓަމަކީ ގްރީން ޒޯންގައި ހުންނަ އެމެރިކާގެ އެމަބްސީއަށް އަމާޒުކުރެވޭ ރޮކެޓް އަދި މޯޓަރު ހަމަލާތައް ދެނެގަނެ، އަންނަ ރޮކެޓްތަކާއި މޯޓަރުތައް ހަލާކު ކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ސިސްޓަމްއެކެވެ.

މި ހަމަލާއަކީ އާ އަހަރު ފެށުމާއެކު، އަދި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަވަހާރަ ކޮށްލާފައިވާ އިރާންގެ އަސްކަރީ ކޮމާންޑަރު ގައްސާމް ސުލާމާނީ އަވަހާރިވިތާ ދެއަރު ފުރުނު އަހަރީ ދުވަހަށްފަހު، ބަޢުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ދެމުންދާ ރޮކެޓް އަދި ޑްރޯން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދީފައިވާ ހަމަލާއެވެ.

ފާއިތުވެދުޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް ހަގުރާމަވެރިންވަނީ އިރާގުގައާއި ސީރިއާގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން ބައެއް ރޮކެޓްތައް ވެއްޓިފައިވަނި އިރާގުގެ ހުޅަނގުގެ އަންބާރު ޕްރޮވިންސާއި އަދި ވެރިރަށް ބަޢުދާދުގައި އެމެރިކާ ސިފައިން ގާއިމްވެ ތިބޭ ބޭސްތަކަށެވެ.

އިރާގުގައި ހަރަކާތްތެރި ވަމުން އަންނަ، އީރާނަށް ތާޢީދުކުރާ ޝިއާއިންގެ ޖަމާއަތްތަކުން ވަނީ އެމެރިކާއިން އަވަހާރަކޮށްލި ގައްސާމް ސުލާމާނީގެ މަރުގެ ބަދަލު ހިފާނެކަމަށް ބުނެފައެވެ. މި ޖަމާއަތްތަކުން ބުނެފައިވަނީ އެމެރިކާ ސިފައިންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުޓުމަކަށް އަންނާނީ އެމެރިކާގެ ހުރިހާ ސިފައިން އިރާގު ދޫކޮށް ދިއުމުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *