ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ބަލާނެ ކޮމިޝަނެއް ނެތުމަކީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދުމަކީ މިސަރުކާރުން ކުރާނެ ކަމެއްކަމަށެވެ. އަދި އެކަން ކުރުމުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ކުރާ ކަންކަމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވިނަމަވެސް އެމަސައްކަތް ހުއްޓާ ނުލާނެކަމަށެވެ.
ރައީސްގެ ވާހަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް، ޝިޔާމް ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގޭ އަމަލުތައް ބަލާން ކޮމިޝަނެއް މިއަދު ނެތްކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤާނޫނީ ހުސްކަމެއްގައި، ބާއްވާފައި މިފަދަ ބޮޑު އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރުމަކީ ބަލަންޖެހޭ މައްސަލައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދަޢުލަތުގެތެރޭ ވައްކަމާ ޙިޔާނާތް އިންތިހާއަށް އޮތްވަގުތެއްގައި އެކަންބަލަންއޮތް މުޢައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންވަކިކޮށް ޤާނޫނީ ހުސްކަމެއްގެ ތެރޭގައިބާއްވާ އަނެއްކާވެސް ދުލުކުރިޔަށް އައިހާ ވަޢުދެއްވަމުން އިންތިޚާބަށް ނުފޫޒުފޯރުވަން އުޅުއްވާއުޅުއްވުމަކީ ބަލަންޖެހޭ މައްސަލައެއް.
– ޝިޔާމް ވިދާޅުވިއެވެ.
އޭސީސީގެ 5 މެމްބަރުން ކޮމިޝަނުން އިސްތިއުފާ ދެއްވަފައިވަނީ އެ މެމްބަރުންގެ މަސައްކަތްތަކާއިމެދު ހިތްހަމަ ނުޖެހި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ތައްޔުކުރި ޕާފޯމަންސް އޮޑިޓަށްފަހު މެމްބަރުން ވަކި ކުރުމަށް ކޮމެޓީން ނިންމާފައި ވަނިކޮށެވެ.
އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ. ރައީސް އޮފީހުން ވަނީ މިހާރު އޭސީސީގެ މެމްބަރު ކަމަށް ހުޅުވާލާފައެވެ. އޭސީސީއަށް ދެން މެމްބަރުން އައްޔަން ކުރެވޭނީ އަންނަ މަހު މިދައުރުގެ މަސައްކަތް މަޖިލީހުން ފަށުމަށް ފަހުއެވެ.
ކޮމެންޓު ފޮނުވާ