ޗެމްޕިއަންސް ލީގުގައި އިނގިރޭސި ކުލަބް ޗެލްސީ އާއި ފްރާންސް ރެނެސް ވާދަކުރި މެޗު ޗެލްސީ ކާމިޔާބުކޮށް މުބާރާތުގެ ދެވަނަބުރާ ގާތައް ޗެލްސީ ޖެހިލައިފިއެވެ.
ޗެލްސީ ފުރަތަމަ ދެލަނޑު ކާމިޔާބުކޮއްދިނީ ފުރަތަމަހާފްގައި ލިބުނު ދެ ޕެނެލްޓީން ޓިމޯވާނާއެވެ. މެޗުގެ ފުރަތަމަހާފްގެ ފަހުކޮޅު ރެނެސްގެ ޑިލްބާޓް އަށް ވަނީ ދެރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރީ ދެވަނަހާފްގެ ކުރީ ކޮޅު ރީސް ޖޭމްސް ދިންބޯޅައަކުން ޓަމީ އަބްރަހަމްއެވެ.
ޗެލްސީ ވަނީ އެންމެ ފަހުން އެޓީމުން ކުޅުނު ތިންމެޗުގައި 10 ލަނޑު ކާމިޔާބުކޮއްފައެވެ. މިއީ އެޓީމު ބަލިނުވެ ހަމަކުރި ދިހަވަނަ މެޗެވެ. މި މުބާރާތުގައި އެންމެފަހުން ފްރާންސް ކުލަބާކާ ދެކޮޅަށް ކުޅުނު ފަސްމެޗުގެ ތެރެއިން ޗެލްސީ ވަނީ ހަތަރު މެޗު ކާމިޔާބުކޮއްފައެވެ. އިނގިރޭސިވިލާތުގައި މިހާތާނަށް އިނގެރޭސި ކުލަބާ ދެކޮޅަށް ކުޅުނު ތިންމެޗުން ވެސް ރެނެސް ވަނީ ބަލިވެފައެވެ.
ރޭ މި ގުރޫޕްގައި ސްޕެއިންގެ ސެވިއްޔާ އާއި ރަޝިޔާގެ ކްރަސްނޯޑާ ވާދަކުރި މެޗު ކްރަސްނޯޑާ ލަނޑެއް ދެލަނޑު ޖަހައި ކުރި ހޯދައިފަވަނކޮށް ފަހަތުން އަރައި ތިންލަނޑުޖަހައިގެން ސެވިއްޔާއިން ވަނީ މެޗު ކާމިޔާބުކޮއްފައެވެ. މި ނަތީޖާއެކު ޗެލްސީ އާއި ސެވިއްޔާ އަށް ވެސް ލިބުނީ ތިންމެޗުން 7 ޕޮއިންޓެވެ. ލަނޑުގެތަފާތުން ޗެލްސީ ގުރޫޕް ލީޑްކުރާއިރު ކްރެސްނޯޑާއި ރެނެސް އަށް ލިބޭނީ އެންމެ ޕޮއިންޓެކެވެ.