ކޮރަޕްޝަންގެ ކުށް ސާބިތުވެ 22 އަހަރަށް ޖަލަށް ލާފައިވާ، ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާރކް ގުއެން-ހައި އަށް އެގައުމުގެ މިހާރުގެ ރައީސް މޫން ޖައި މާފް ދެއްވައިފިއެވެ.
މިހާރު އުމުރުން 69 އަހަރުގެ ޕާކް ދެކުނު ކޮރެއާގެ ވެރިކަމުން 2017ވަނަ އަހަރު ދުރުކުރެވުމަށްފަހު އޭނާގެ މައްޗަށް ކުރެވިގެންދިޔަ ތުހުމަތު ތަކަކީ، މަގާމުގެ ބޭނުން ނުހަމަ ގޮތުގައި ކުރުމާއި ބާރުގެ ބޭނުން ކޮށްގެން ގާތް ފަރާތްތަކަށް މަންފާ ހޯދާދިނުމުގެ ތުހުމަތުތަކެވެ.
ޕާރކްއަކީ ދެކުނު ކޮރެއާގެ ތާރީޚުގައި، ޑޮމިކްރަސީގެ އުސޫލުން މަގާމަށް އިންތިޚަބު ކުރެވިފައި ވަނިކޮށް މަގާމުން ދުރުކުރެވުނު ފުރަތަމަ ރައީސްވެސް މެއެވެ.
ޖަލުގައި ހައްޔަރު ކުރެވިފައި ވަނިކޮށް، ކޮނޑު ހުޅު ނައްޓައިގެންނާއި އަދި މައިބަދައިގަ ރިއްސާތީ ޕާރކް ތިން ފަހަރަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައެވެ.
ދެކުނު ކޮރެއާގެ ލޯކަލް ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ، އާއަހަރަށް މާފް ދިނުމަށް އެގައުމުގެ ރައީސް އެކުލަވާފައިވާ ލިސްޓުގައި ޕާރކްގެ ނަން ހިމެނިފައިވަނީ އޭނާގެ ސިއްޙި ހާލަތަށް ރިއާޔަތް ކޮށް ކަމުގައެވެ.
ދެކުނު ކޮރެއާގެ ރައީސް މޫން ޖައި ޕާރކްއަށް މާފް ދެއްވުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުއި ކަމަކަށެވެ. ސަބަބަކީ ޕާރކްއަށް މާފް ދެއްވުމަށް މީގެ ކުރިން އޭނާ ދެކޮޅު ހައްދަވާފައިވާތީއެވެ. މޫން ދެކުނު ކޮރެއާގެ ރައީސްކަމަށް ވަޑައިގެންނެވީ އެގައުމުން ކޮރަޕްޝަން ނައްތަވާލައްވާނެ ކަމުގެ ވައުދުތަކާއެކީއެވެ.
ކުރީގެ ރައީސް ޕާރކްގެ މައްޗަށް ކުރެވުނު ޝަރީއަތުގައި އޭނާ މައްޗަށް ކުރެވުނު 18 ދައުވާގެ ތެރެއިން 16 ދައުވާއެއް 2018ވަނަ އަހަރު ވަނީ ސާބިތު ވެފައެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ދައުވާތަކަކީ ކޮރަޕްޝަނާއި ރިޝްވަތު ދިނުމާއި ގުޅުންހުރި ދައުވާތަކެވެ.
ކޯޓުން ހުކުމް ކޮށްފައިވާ ގޮތުގައި، ޕާކްވަނީ އޭނާގެ ގާތް ރައްހުމަތްތެރިއެއް ކަމުގައިވާ ޗިއޯ ސޫން ސިލް އާއި ގުޅިގެން، ޗިއޯގެ ފައުންޑޭޝަންއަކަށް، އިލެކްޓްރޯނިކް ދާއިރާގައި މަޝްހޫރު ސެމްސަންގ އާއި އަދި ރީޓެއިން ވިޔަފާރީގައި މަޝްހޫރު ލޮއްޓޭއިން އެތައް މިލިއަން ޑޮލަރެއް ދިނުމަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައެވެ.
އަދި މީގެ އިތުރުން ޕާކަވްނީ އޭނާގެ ގާތް ރަހުމަތްތެރިއާއަށް، ދެކުނު ކޮރެއާގެ ރިޔާސީ ބޮޑެތި ސިއްތައްވެސް ހާމަ ކޮށްފައިކަމަށްވެސް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.
އެހެންނަމަވެސް، މި ހުރިހާ ތުހުމަތު ތަކަށްވެސް ކުރީގެ ރައީސް ވަނީ އިންކާރު ކުރައްވާފައެވެ.