މިހާރު ދުނިޔޭގައި ބޭނުން ކުރަމުންދާ ވެކްސިންތަކުން، ނުވަތަ ކުރިން ބަލިޖެހުމުންވެސް، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓުން ފުރިހަމަ ރައްކާތެރިކަމެއް ފޯރުކޮށް ނުދީފާނެ ކަމުގެ އިންޒާރު ޖަޕާނުގެ ސައިންޓިސްޓުން ދީފިއެވެ.
ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ހިރޯޝީ ނިޝިއުރާގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންދާ ރިސާޗަރުންގެ ޓީމަކުން ޖަޕާނުގެ ހެލްތު މިނިސްޓަރީގެ އެޑްވައިޒަރީ ބޯޑަށް ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު މައުލޫމާތު ދީފައިވާ ގޮތުގައި، އޮމިކްރޯކްން ވޭރިއެންޓްގެ ރީޕްރޮޑަކްޝަން ނަމްބަރު ނުވަތަ ބަލި ޖެހިފައިވާ އެކެއްގެ ކިބައިން މިބަލި ފެތުރިގެންދާ އެވްރޭޖު މީހުންގެ އަދަދަށް ބަލާއިރު، މިއަދަދު އުޅެނީ އެތައް ގުނައެއް ޑެލްޓާ ވޭރިއެންޓަށްވުރެ މަތީގައެވެ.
މި ޓީމުގެ ހޯދުންތައް ބިނާ ކޮށްފައިވަނީ، އޮމިކްރޯން ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާގެ 200 ކޭސްއެއްގެ ނަތީޖާގެ މައްޗަށެވެ.
އޮމިކްރޮން ވޭރިއެންޓް އެޕިސެންޓަރ ކަމުގައިވާ އެގައުމުގެ ގުއޯޓެންގ ޕްރޮވިންސްގައި އެމިކްރޮން ވޭރިއެންޓްގެ ރީޕްރޮޑަކްޝަން ރޭޓް އުޅޭނީ ޑެލްޓާ ވޭރިއެންޓާ އަޅާ ބަލާއިރު 2 ގުނަ އަދި ބައެއް ހާލަތްތަކުގައި 4.2 ގުނައާއި ހަމައަށް މަތީގައެވެ.
ކިޔޯޓޯ ޔުނިވަރސިޓީގެ ޕްރޮފެސަރ ހިރޯޝީ ނިޝިއުރާގެ ޓީމުން ބުނެފައިވާ ގޮތުގައި މިޓީމަށް ހޯދުނު ހޯދުންތައް ހުއްޓިފައިވަނީ، އޮމިކްރޮން ވޭރިއެންޓަށް ލިބިފައިވާ، އެއްކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލްވުމުގެ ގާބިލްކަމާ ހަމާގައި ކަމަށެވެ. މި ޓީމުން އޮމިކްރޯން ވޭރިއެންޓާއި ޑެލްޓާ ވޭރިއެންޓް އަޅާ ކިޔާފައިވައިނީ މި ދެވޭރިއެންޓް ދެ ހާލަތެއްގައި ވަނިކޮށެވެ. އެއީ އޮމިކްރޮން ވޭރިއެންޓް ބާރަށް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުމުން ދަނިކޮށް، އަދި ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާ ރޭޓް ދަށްވަމުން ދަނިކޮށެވެ.
އެހެންނަމަވެސް ސައިންސްވެރިންގެ ޓީމުން ބުނެފައިވަނީ، މިހާރު އުފައްދާފައިވާ ވެކްސިންތަކުންވެސް އަދި އެއްފަހަރަށް ބަލި ޖެހުމުގެ ސަބަބުން ލިއްބައިދޭ ރައްކާތެރިކަންވެސް ފޫއަޅުވާލުމުގެ ގާބިލްކަން އޮމިކްރޮން ވޭރިއެންޓަށް ލިބިފައިވާ ކަމަށް މި ޓީމުގެ ހޯދުންތަކުގެ ނަތީޖާއިން ދައްކާފައި ވާކަމަށެވެ.
ދެކުނު އެފްރިކާގައި ވެކްސިން ދެމުންދާ ރޭޓް އާދަޔާ ޚިލާފަށް ދަށުގައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން (މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ %30އަށް) އެގައުމުގައި ގިނަ މީހުންނަށް ބަލިން ރައްކާތެރިކަން ލިބިގެން ގޮސްފައިވަނީ ބައްޔަށް ޕޮޒިޓިވް ވެގެންނެވެ.
ކޮމެންޓު ފޮނުވާ