16 އަހަރަށްފަހު، ޖާމަނީގެ ޗާންސެލަރުކަމުން އެންޖެލާ މާރކެލް ދުރަށް ވަޑައިގަތުމަށް ނިންމެވުމާއި ގުޅިގެން ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި، ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (SPD)ގެ ލީޑަރު އޮލާފް ޝޯލްޒް ޖާރމަނީގެ ޗާންސެލަރު ކަމުގެ މަގާމުގެ ހުވާ ކުރައްވާއިފިއެވެ.
ފާއިތުވެދިޔަ ސެޕްޓެމްބަރުމަހު ޖާމަނީގައި ބޭއްވުނު ފެޑެރަލް އިލެކްޝަން ޝޯލްޒްގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ވަރަށް ހަނި އަޢުލަބިއްޔަތަކުން ކާމިޔާބު ކުރުމަށްފަހު، ފާއިތުވެދިޔަ 2 މަސްދުވަހު ވަނީ، ކޯލިޝަން ސަރުކާރެއް ގާއިމް ކުރުމަށްޓަކާ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ. އަދި ކުރިންވެސް ބެލެވިފައި ވާގޮތަށް، ބޮޑުވަޒީރަކު އައްޔަން ކުރުމަށް ގާނޫނުހަދާ މަޖިލިހުގައި މިއަދު ނެގުނު ސިއްރު ވޯޓު ޝޯލްޒް މިއަދު ވަނީ ކާމިޔާބު ކުރައްވާފައެވެ.
ގާނޫނުހަދާ މަޖިލިހުގައި މިއަދު ބޭއްވުނު ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ޝޯލްޒްވަނީ ޖަރުމަނު ރައީސް ފްރޭންކް ވާލްޓަރ ސްޓެއިންމިއަރގެ އަރިހަށް ޒިޔާރަތް ކޮށްފައެވެ. އެއަށްފަހު ރައީސްވަނީ އޭނާ ޖާމަނީގެ އާ ޗާންސެލަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އެއަށްފަހު، ޝޯލްޒްވަނީ ގާނޫނުހަދާ މަޖިލިހުގައި ޗާންސެލަރުކަމުގެ ހުވާ ކުރައްވާފައެވެ.
މުޅި ޙަޔާތުގައިވެސް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، އުމުރުން 63 އަހަރުގެ އޮލާފް ޝޯލްޒްވަނީ، އެންޖެލާ މާރކެލްގެ ޗާންސެލަރު ކަމުގެ ފުރަތަމަ ދައުރުގައި، ދެހާހުގެ އަހަރުތަކުގެ ފަހުކޮޅު ލޭބަރ އެންޑް ސޯޝަލް އެފެއަރޒް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
2011ވަނަ އަހަރު އޭނާވަނީ ޖާމަނީގެ ހަމްބާގްގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންފައެވެ. އެ މަގާމުގައި އޭނާވަނީ 2018ވަނަ އަހަރާ ހަމައަށް ހުންނަވާފައެވެ. އެއަށްފަހު އޭނާވަނީ، މާރކެލްގެ ގްރޭންޑް ކޯލިޝަންގެ ވައިސް ޗާންސެލަރ އަދި ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. މި މަގާމަކީ ޖާމަން ޕޮލިޓިކްސްގެ ނުފޫޒު ގަދަ މަގާމެކެވެ.
ޗާންސެލަރު ކަމުން ވަކިވެ ވަޑައިގެންނެވި އެންޖެލާ މާރކެލްއާއި، އޮލާފް ޝޯލްޒްއަކީ ވާދަވެރި ދެ ޕާޓީއަށް ނިސްބަތްވާ ދެބޭފުޅުން ނަމަވެސް، ދެބޭފުޅުންނަކީ ސިޔާސީ ގޮތުން ވަރަށް އެއްގޮތްކަން ހުރި ދެބޭފުޅުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ޗާންސެލަރުކަމަށް ވަޑައިގަތުމަށްޓަކާ ޝޯލްޒް އުފެއްދެވި ކޯލިޝަނައަކީ 3 ޕާޓީއެއްގެ މައްޗަށް އެކުލެވޭ ކޯލިޝަންއެކެވެ. ކޯލިޝަން އޭނާ ހެއްދެވީ އެއީ ގްރީންސްގެ އިތުރުން ޕްރޯ-ބިޒްނަސް ޑިމޮކްރޭޓްސް (FDP) ޕާޓީއާއެކުއެވެ.
ޝޯލްއަކީ، މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.