ރައްޔިތުން ރުޅި އެރުވުން ހުއްޓާލާ، ޤައުމު ހިންގެވުމަށް ޝިޔާމް ސަރުކާރަށް ގޮވާލައިފި

ރައްޔިތުން ރުޅި އެރުވުން ހުއްޓާލާ، ޤައުމު ހިންގެވުމަށް ޝިޔާމް ސަރުކާރަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2021 10:08
0

ދިވެހި ރައްޔިތުން އިތުރަށް ރުޅި އެރުވުން ހުއްޓާލައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ސަރުކާރަށް ގޮވާލައިފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލް ކުރުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އުންމީދު ގުޅިފައިވާ ލީޑަރަށް އަނިޔާ ކުރުމަށް އަނެއްކާވެސް އުޅުއްވުމަކީ ހިތޔާމަ ހުރި ކަމެއްކަމަށެވެ.

މިހާރު ހިނގަމުން މިދާ ވެރިކަމުގެ ހަމައެކަނި މަސައްކަތަކީ ރައީސް ޔަމީނަށް އަނިޔާ ކުރުންކަމަށްވާނަމަ އެކަން އެބަ ކުރެވޭކަމަށާއި، ނަމަވެސް ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި ރައްޔިތުން ބިކަ ހާލުގައި ޖެހިގެންދާކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ.

އަޅެ ރައްޔިތުންގެ ހައްގުގައި ކުރާނެ ކަމެއް ހަމަ ނެތީބާއޭ ހިތައް އަރާ!! 5 އަހަރުގެ ދައުރެއް ރައްޔިތުން ސަރުކާރަށް ދިނީމާ ދައުލަތް ޕާޓީ ކުދިންކޮޅު ލައިގެން ހިސޯރުކޮށްގެން ރައީސް ޔާމީނުން ނެއްޓެން ނޭނގި ދައުރު ނިމެނީ. އިތުރަށް ރައްޔިތުން ރުޅި އެރުވުން ހުއްޓާލާ ޤައުމު ހިންގަވާ.

– ޝިޔާމް ވިދާޅުވިއެވެ.

މާދަމާ ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ތާވަލްކޮށްފައިވަނީ ހެދުނު 9:00 އަށެވެ. މާދަމާގެ އަޑު އެހުމަކީ ރ.ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެކެވެ.

މަނީލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. އިތުރު މައްސަލަތަކެއްގެ ޝަރީއަތް ކޯޓުތަކުގައި ހިނގާތީ އެމަނިކުފާނު ފުރުން މަނާކޮށް 7 ދުވަހުގެ އަމުރެއް ވަނީ ނެރެފައެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.