ދެކުނު ކޮރެޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
އަންގާރަ ދުވަހަކީ، ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 54 އަހަރު ފުރުނު މުނާސަބަތު ކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމުގައެވެ. އަދި، މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުޞުތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕުރޮގުރާމުތައް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވިއެވެ.
ދެކުނު ކޮރެޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ހުސްވި ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލާޒްގޯގައި ބޭއްވި އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް26) ގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ތަޢުރީފު ކުރެއްވިއެވެ. މި ދާއިރާއިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ އެއް މައްސަލަ ކަމުގައެވެ. އަދި، ތިމާވެށީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ މެދު ދެ ބޭފުޅުން އިތުރަށް މަޝްވަރާ ކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ނޮވެންބަރު 30 އެވެ.