މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސްޕްރީން ކޯޓުން ކޮށްފައިވާ ހުކުމުން ހާމަވެގެން ދިޔައީ، ރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަން އޮތް މިންވަރު ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.
ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ކުރި ހުކުމާއި ގުޅިގެން އެކި ބޭފުޅުން ދަނީ އެބޭފުޅެއްގެ ޚިޔާލު ފާޅު ކުރައްވަމުންނެވެ. ޝައިޚު އިޔާޒު ވިދާޅުވީ ސްޕްރީމް ކޯޓުގެ ނިންމުމަކީ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާކަން ހާމަވި ކަމެއްކަމަށެވެ. އަދި މިއީ މިނިވަން ކަމާއިއެކު އަދުލު އިންސާފު ގާއިމްކުރުމުގެ ފުރުސަތު ޖުޑިޝަރީއަތް އޮތްކަން ހާމަވާ ކަމެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގެނީ ފަނޑިޔާރުގެ މިނިވަންވެފައިވާކަން. އަދި ސަރުކާރަށް ޝަރީޢަތުގެ ތެރެއަށް ނުވަދެވޭނެކަން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ރާއްޖޭގެ ޖުޑީޝަރީއާއިމެދު ގިނަ ސުވާލުތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ދަނޑިވަޅެއްގައި ސްޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރުމަށް ކުރިހުކުމާއިއެކު އިދިކޮޅު ފަރާތްތަކުގެ ތައުރީފްވެސް ވަނީ ސްޕްރީމް ކޯޓަށް ލިބިފައެވެ. އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިންތިހާއަށް ޖުޑީޝަރީ ނުފޫޒު ފޯރުވަމުންދާ ދުވަސް ވަރެއްގައި މިފަދަ ނިންމުމެއް ނިންމުމުގެ ހިތްވަރު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި ހުރިކަމީ އުފާ ކުރައްވާ ކަމެއްކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ޖުޑީޝަރީ މިނިވަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮޕްޕޮޒިޝަން ބަދަލު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށްޓަކައި ޤާނޫނު އަސަސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް އިދިކޮޅުން ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.