ރާއްޖޭގެ ދަރަނީގެ މިންވަރު މިހާރު ހުރި ގޮތަށް ބަލާއިރު، މިސަރުކާރު ވެރިކަމުގައި ފަސް އަހަރު ދެމި އޮވެއްޖެނަމަ، ޤައުމު ހޯދާ ނުފެންނާނެކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ޝިފާއު ވިދާޅުވެފައިވަނީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ މާލިއްޔާ ރޭޕްކޮށް، ދަވާލާފައިވާކަން ނޭގޭ އެއްވެސް ރައްޔިތަކު މިޤައުމުގައި ނެތްކަމަށެވެ.
ރައީސް ޔާމީން މިޤައުމުގެ މާލިއްޔަތު ރޭޕްކޮށް ދަވާލިކަމާއިމެދު ހިތުގައި ޝައްކު އުފެދޭ ދިވެހި ރައްޔިތަކު ނެތް.
– ޝިފާއު ވިދާޅުވިއެވެ.
މިވާހަތަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިހާރު އޮތް ސަރުކާރަށް މިވީ ތިން އަހަރުގައި ލިބުނު އާމްދަނީގެ 64 ބިލިޔަން ރުފިޔާއަށް ހެދި ގޮތެއްވެސް ނޭގޭއިރު، ފެށުނު ތަރައްޤީގެ ޕްރޮޖެކްޓެއް އަދި ނިންމުނު މަޝްރޫޢުއެއްވެސް ފެންނާކަމަށް ނެތްކަމަށެވެ. މިހާތަނަށް ދަރަނި 40 ބިލިޔަނަށް އަރުވާލާފައިވާއިރު، ވެރިކަމުގެ ބާކީ އޮތް 2 އަހަރު ފުރިހަމަ ކޮށްފިނަމަ ޤައުމުގެ ދަރަނީގެ ހާލަތު ހޯދާ ނުފެންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރިކަމެއް ރައްޔިތުންނަށް ނުދައްކާ ދައުލަތަށް ލިބުނު އާމްދަނީ (64 ބިލިޔަން) ހިތުހުރި ގޮތަކަށް ޚަރަދުކޮށް އިތުރު 40 ބިލިއަނުން ރައްޔިތުން ދަރުވާލީ. އެވެސް އެންމެ ތިން އަހަރު ތެރޭ. މިވެރިންނަށް 5 އަހަރުގެ ވެރިކަމުގައި ތިބެއްޖެނަމަ ޤައުމު ހޯދާ ނުފެންނާނެކަން ޔަގީން.
– ޝިޔާމް ވިދާޅުވިއެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ދަރަނީގެ އަދަދަކީ 9.7 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރުމަށް 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. އޭގެތެރޭގައި ހިމެނެނީ ދަރަނީގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ހޯދަން ޖެހޭ ފައިނޭންސްގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ މީހުންގެ އަތުން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެތެރޭގެ މީހުންގެ އަތުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މިހާރު ހިމަނާފައި ޑެފިސިޓް [ދަރަނި] ލަފާކުރާ ވަރަށްވުރެ މަތިވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޑެފިސިޓް ބޮޑު ކަމަށާއި އަދި ބައެއް ކަންކަން ރަނގަޅަށް ތަންފީޒުނުވެ ހިނގައްޖެނަމަ ބަޖެޓު އިތުރަށް ޑެފިސިޓުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.