މިސަރުކާރުގައި ސިޔާސީ މަޤާމުތައް މަދުކުރައްވާނެކަމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެން ކުރީ ސަރުކާރަށްވުރެ ގިނަ މީހުން ސިޔާސީ މަޤާމުތަކަށް އައްޔަންކުރައްވާ ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވަނީ ވެރިކަން ދަމަހައްޓަންކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ މަޤާމުތަކަށް 300 މިލިއަން ރުފިޔާ ހޭދަކުރައްވާކަމަށް ވިދާޅުވެފައެވެ. އެފަދަ ސިޔާސީ މަޤާމުތަކަށް އެހާބޮޑު ހޭދައެއް ކުރުމުގެ ބަދަލުގައި ސިވިލް ސާރވިސްގެ ތެރެއިން އެ ޚަރަދުކޮށް ކޮލިފައިޑް މީހުން ހޯދުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ. ރައިސް ޞާލިޙް އޭރު ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގައި ކޯޑިނޭޓަރުންނާއި ސްޓޭޓް މިނިސްޓަރުން "ޑަޒަނުން" އައްޔަންކުރައްވާފައިވާއިރު، އިންޑިއާ އެމެރިކާފަދަ ޤައުމުތަކުގައި އަމަލުކުރަނީ އެގޮތަށް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެވެރިކަމެއްގައި ސިޔާސީ މަޤާމުތައް މަދުކޮށް އެފަދަ މަޤާމުތަކަށް ކުރާ ހޭދަ ކުޑަކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.
މި ވާހަކަތައް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެމްޕެއިން ދުވަސްވަރު ދެއްކެވި ވީޑިއޯއާއެކު ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ވެރިކަން ހޯދުމަށް ރައްޔިތުންނަށް އޮޅުވާލަން އެފަދަ ވާހަކަތައް ދެއްކިބަޔަކު ވެރިކަން ދަމަހައްޓަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމަށެވެ.
ޝިޔާމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި އެކަނިވެސް ސިޔާސީ 1043 މަޤާމަކަށް 704 މިލިއަން ޚަރަދުކުރުމަށް ހިމަނާފައިވާކަމަށެވެ.
Verikan hoahdhan rayyithunnah olhuvaalan mifadha vahaka thakeh dhekki bayaku verikan dhamahattan konme fadha kamehves koffaane. 2022 ge budget gai ekanives siyaasee 1043 maqaamakah 704mn haradhu kuran eba oiy. @ibusolih #Mududhaaru3Aharu #FreePresidentYameenNow pic.twitter.com/7JokuhasGo
— Ahmed Shiyam (@Shiyamaldives) November 21, 2021
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުގައި ކުރީ ސަރުކާރަށްވުރެ ސިޔާސީ މަޤާމުތައް ގިނަކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ޕާޓީގެ އެކްޓިވިސްޓުން މާބޮޑު ކަމެއް ކުރައްވަމުން ނުގެންދަވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު 689 ސިޔާސީ މަގާމު އުފައްދާފައިވާއިރު އެ އަދަދު އިތުރުވަމުން އައިސް އަންނަ އަހަރު 1039 ސިޔާސީ މަގާމު އުފެދޭނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ