ޑިކްޓޭޓަރުންގެ އެންމެ ބޮޑު ބިރަކީ ވެރިކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައި އޮތުން ކަމުގައި ކްރިމިނަލް ކޯޓިގެ ކުރީގެ އިސް ޤާޞީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ރައްޔިތުންގެ ވޯޓާއި ނުލައި، ވެރިކަމުގައި ދެމިތިބުމަށް ނިޒާމު ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައެވެ. ހައިލަމް ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ވެރިކަމުގައި މާގިނަ ދުވަހު އެއްބޭފުޅަކު ހުރުމަކީ ގޯހެއްކަމަށް ވިދާޅުވެ ޚުދުމުހުތާރު ސިފަ ނައްތާލާނެކަމަށް ވާހަކަ ދައްކަވައިގެންކަމަށެވެ.
ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވެރިކަމުގެ ނިޒާމަކީ، އަދި އިންތިޚާބުވާ ރައީސަކީ ރައްޔިތުންގެ 51 އިންސައްތަ އަށްވުރެ ގިނަ ވޯޓު ލިބިގެން އިންތިޚާބު ކުރެވޭ ވެރިއެއްކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އެވެރިއަކަށްވެސް އެންމެ ގިނަވެގެން 2 ދައުރަށްވުރެއް އިތުރަށް ވެރިކަން ނުދޭގޮތަށް އޮތް އޮތުމަކީ ރައްޔިތުން ބޭނުންވާ ގޮތްކަމަށެވެ.
ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ އެއްބޭފުޅަކު މާ ގިނަދުވަހު ވެރިކަން ކުރައްވާ ވާހަކަ ދައްކަވައިގެން. ޑިކްޓޭޓަރުންގެ އެންމެ ބޮޑު ބިރަކީ ވެރިކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައި އޮތުން. ދިވެހިން ބޭނުންވަނީ %50 ވުރެ ގިނަ ވޯޓުން ހޮވޭ ވެރިއަކު ގިނަވެގެން 2 ދައުރު ވެރިކަން ކުރުމަށް.
– ހައިލަމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދުގެ އެންމެ ބޮޑު އަމާޒެވެ. ނަމަވެސް މިނިޒާމަށް ވެރިކަމުގެ ކޯލިޝަންގެ ޕާޓީޓަކުންވެސް އަދި އިދިކޮޅު ކޯލިޝަނުންވެސް ތާއީދެއް ނުރެއެވެ. ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ވިދާޅުވަމުންދަނީ ރައީސް ނަޝީދު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަނީ، އެމަނިކުފާނަށް ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް އާދެވޭނެ އެއްވެސް ގޮތެއް ނެތުމުންކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ގެންދަވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއިވެސް މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ އެއްވެސް މަޝްވަރާއަަކށް ދާނީ ރައީސް ޔާމީން މިނިވަންކޮށް ރައީސް ޔާމީނާއިއެކުގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ