ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރޭވިފައިވާ ގިނަ ކަންތައްތައް މަޑުޖައްސާލައި ނުވަތަ ކުރިއަށް ނުގެންދެވިފައިވީނަމަވެސް، ބައެއް ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާކަން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވިދާޅުވީ ކޯވިޑް-19 ޖަލުތަކަށް ނުފެތުރި ހިފެހެއްޓިފައިވަނީ އެމްސީއެސްއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އިތުރުން ހީވާގި އޮފިސަރުންނާއި މުވައްޒަފުންގެ މަސައްކަތުންކަމަށެވެ.

އެކި ދާއިރާތަކުގެ އިލްމުވެރި އަދި ފަންނީ އޮފިސަރުންނާއި މުވައްޒަފުން ބިނާކުރުމުގެ މުހިއްމުކަމަށް އަލި އަޅުއްވައި، އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރުމާސް ކޮމިޝަނަރ ވަނީ ބާރު އެޅުއްވާފައެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރޭވިފައިވާ ގިނަ ކަންތައްތައް މަޑުޖައްސާލައި ނުވަތަ ކުރިއަށް ނުގެންދެވިފައިވީނަމަވެސް، ބައެއް ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މުވައްސަސާއަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ އޭޖެންސީތަކުން ގާތުން ބަލަމުންދާ މުވައްސަސާއަކަށް ވާތީ، މި މުވައްސަސާގެ ކަންތައްތައް ހުރިހާ ފަރާތްތަކުން ބަލައިގަންނާނެ ލެވަލްއަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ރަސްމީއްޔާތުގައި ވޭތުވެދިޔަ އަހަރު ތެރޭގައި އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުމާއި ޕްލާގް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ގަޑިއަށާއި ހާޟިރީއަށް ފަރުވާތެރިވި އޮފިސަރުންނާއި މާފުށީ ޖަލަށް އެކި ގޮތްގޮތުން އެހީތެރިވެދިން އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން މާފުށީ ޖަލަށް ރީތި ނަން ހޯދައިދިން އޮފިސަރުން ފާހަގަކުރުން ހިމެނެއެވެ.

ހަނދާނީ ލިޔުމާއި ޕްލާގް ހަވާލުކުރުމުގެ އިތުރުން ވޭތުވެދިޔަ އަހަރު މާފުށީ ޖަލުގެ މަސައްކަތްތައް ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަން ދެއްކުން އޮތެވެ. އަދި މި ރަސްމީއްޔާތު ނިމިގެންދިޔައީ ހުރިހާ އޮފިސަރުންގެ އަޒުމް ކިޔުމާއި ޤައުމީ ސަލާމުންނެވެ.
ކޮމެންޓު ފޮނުވާ