ނޮވެމްބަރު 3 ހަމަލާރޭވީ ބާޣީންކަމަށް ކިވައިނުދޭން ނާންގަން: އެޑިއުކޭޝަން

ނޮވެމްބަރު 3 ހަމަލާރޭވީ ބާޣީންކަމަށް ކިވައިނުދޭން ނާންގަން: އެޑިއުކޭޝަން

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2021 07:27
0

3 ނޮވެމްބަރު 1988 ގައި ރާއްޖޭގައި ހިންގި ނުރައްކާތެރި ހަމަލާ އިސްކޮށް ރޭވުމުގައި ބައިވެރިވި ބާޣީންގެ ވާހަކަ ސްކޫލުތަކުގައި ކިވައިނުދޭން އަންގާފައި ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަ ކުރެއްވީ ނޮވެމްބަރު 3ގެ ހާދިސާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ ވާހަކަ ސްކޫލުތަކުގައި ކިޔަވައި ނުދިނުމަށް އެމިނިސްޓްރީން އަންގާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރު ދޮގުކޮށް ކުރި ޓްވީޓުގައެވެ. މިނިސްޓްރީން ބުނެފައިވަނީ ޤައުމީ ގޮތުން ފާހަގަކުރެވޭ ދުވަސްތަކާއި ގުޅުވައިގެން ސިޔާސީ މަންފާ ނެގުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫންކަމަށެވެ.

ގައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވާ ސިޔާސީ މަންފާ ހޯދުން މި މިނިސްޓްރީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.

– އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މިޢުދުވާނީ ޙަމަލާ ރޭވުމުގައި އިސްކޮށް އުޅުނު 7 މީހަކު ވަނީ ޝަރީޢަތަށް ސާބިތުވެފައެވެ. އެއީ މިޙަމަލާ ރާވައި ހިންގުމުގައި އިސްކޮށް އުޅުނު ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީއާއި އެކި ގޮތްގޮތުން މިކަމުގައި އިސްކޮށް ބައިވެރިވެފައިވާ އިތުރު 6 މީހުންނެވެ.

ނޮވެމްބަރު 3ގެ ޙަމަލާ ރާވައި ހިންގި ބާޣީން:

  • ޢަބްދުﷲ ލުޠުފީ، ހ. ހާޖަރާގެ (މަރަން ޙުކުމް ކުރެވުނު)
  • އަޙްމަދު ނާޞިރު، ޕެރިސް ހޮލިޑޭ – ސ. ހިތަދޫ (މަރަން ޙުކުމް ކުރެވުނު)
  • ޢަބްދުﷲ ޝާހިދު، ޒަމާނީގެ – ސ. ހިތަދޫ (މަރަން ޙުުމް ކުރެވުނު)
  • ކަރޯ ޢައްބާސް އިބްރާހީމް، ހ. ކަރޯގެ (މަރަން ޙުކުމް ކުރެވުނު)
  • މުޙައްމަދު ނަޢީމު (ޕައިލެޓު ނައީމު)، މ. ދުއްލިސާގެ (11 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  • ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު، މ. ދީފްރަމްއާގެ (15 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  • ޢުމަރު ޖަމާލު، މއ. ތިނަދޫގެ (13 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)

މަރަން ހުކުމް ކުރެވުނު މީހުންގެ އަދަބު ލުއި ކުރައްވައި އުމުރަށް ޖަލަށް ލުމަށް ފަހުން ބަދަލު ކުރިއެވެ. މިކަން މިގޮތަށް ނިންމައި ރައީސް މައުމޫން އިޢުލާނު ކުރެއްވީ 17 ސެޕްޓެމްބަރު 1989 ގައި ރޭޑިއޯ އާއި ޓީވީން ފޮނުއްވި ޚިޠާބެއްގައެވެ.

ރާއްޖެއަކީ އަސްކަރީގޮތުން ވަރުގަދަ ޤައުމަކަށް ނުވެފައި، އެފަދަ ޙަމަލާއަކަށް ދިވެހި އަސްކަރިއްޔާއިން ތައްޔާރުވާނެ ވަގުތުވެސް ނުލިބި ކުށްލިއަކަށް ދިން މިޙަމަލާއިން ދިވެހިންނަށް ލިބިގެންދިޔަ ނަސްރަކީ ޙަޤީޤަތުގައިވެސް އަޖާއިބު ކުރަނިވި ކަމެކެވެ.

ޤައުމާއި، އިސްލާމްދީނާމެދު ދިވެހިންގެ މެދުގައި އޮންނަ އިޚްލާސްތެރިކަން މިފަދަ ކޮންމެ ހާދިސާއަކުންވެސް އެނގި ހާމަވެގެންދެއެވެ. ދިވެހިން މި ބިރުވެރި ދަނޑިވަޅުގައި ރައްކާތެރިކަމަށް އެދުނީ މާތްﷲގެ ހަޟުރަތުންނެވެ. ދިވެހިންނަށް ލިބުނު ނަޞްރަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި، އިޚްލާސްތެރިކަމުގެ ވަރުގަދަ ނަމޫނާއެކެވެ. މިއީ ހުރިހާ ދިވެހިން ހިއްޞާވާ ޤައުމީ ކާމިޔާބީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.