ޖަޕާނުގެ ކުރީގެ ޕްރިންސެސްގެ ފިރިކަލުން އެމެރިކާގެ ބާރ އިމްތިހާނުން ފެއިލް ވެއްޖެ

ޖަޕާނުގެ ކުރީގެ ޕްރިންސެސްގެ ފިރިކަލުން އެމެރިކާގެ ބާރ އިމްތިހާނުން ފެއިލް ވެއްޖެ

Author
ހުސެއިން
03 ނޮވެމްބަރ 2021 07:11
0

ޖަޕާނުގެ ކުރީގެ ޕްރިންސެސް، މާކޯއާއި ދާދިފަހުން ކައިވެނި ބައްލަވައިގެންނެވި، ކެއި ކޮމޫރޯ، ނިއުޔޯކުގެ ބާރ އިމްތިހާނުން ފެއިލް ވެއްޖެކަމަށް، މައުލޫމާތު އެގިހުރި ފަރާތްތަކާ ހަވާލާދީ، ޖަޕާނުގެ ލޯކަލް މީޑީއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯއަށް ބޮޑު ބޭބެ ވިދާޅުވާ، މާކޯއާއެކީ މުޅިން އާ ދިރިއުޅުއްވުމެއް އަންނަ މަހުން ފެށިގެން އެމެރިކާގެ ނިއުޔޯކުގައި ފެއްޓެވުމަށް މިހާރު ތައްޔާރުވަމުންދާ، ކޮމޫރޯ ބެލެވޭ ގޮތުގައި އަންނަ ފެބުރުއަރީމަހު އަލުން ބާރ އިމްތިހާނުގައި ބައިބެރިވެވަޑައިގަންނަވާނޭ ކަމަށްވެސް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ކޮމޫރޯއާއި ކުރީގެ ޕްރިންސެސް މާކޯއާއި ކައިވެނި ބައްލަވައިގެންނެވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި، ބާރ އިމްތިހާނު އިންތިޒާމްކުރި ފަރާތްތަކުން ނެރުނު އިމްތިހާނުން ފާސްވި މީހުންގެ ލިސްޓުގައި ކަމޫރޯގެ ނަމެއް ނެތެވެ.

ކުރީގެ ޕްރިންސެސްއާއި ކައިވެނި ބައްލަވައިގަތުމުގެ ކުރިން ކަމޫރޯވަނީ، އެމެރިކާގެ ލޯ ފާރމެއްގައި ލޯ ކްލާކެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. އޭނާ ގާނޫނީ ރޮގުން ކިޔަވާ ވިދާޅުވެފައިވަނީ، އެމެރިކާގެ ފޯރޑްހަމް ޔުނިވަރސިޓީގެ ލޯ ސްކޫލުންނެވެ. އަދި އޭނާ ޖޫރިސް ޑޮކްޓަރ ޑިގްރީ ހާސިލް ކުރައްވާފައިވަނީ މިއަހަރުގެ މޭމަހުއެވެ. ބާރ އިމްތިހާނުގައި އޭނާ ބައިވެރިވެ ވަޑައިގެންނެވީ މިއަހަރުގެ ޖުލައި މަހުއެވެ.

ބާރ އިމްތިހާނުގެ އެގްޒަމިނޭޝަން ބޯޑުން އިއުލާން ކޮށްފައިވާ ގޮތުން، މި އިމްތިހާނުގައި 9,227 މީހަކު ބައިވެރި ވިއިރު ފާސްވެފައި ވަނީ، 5,791 ފަރާތެކެވެ.

މި ދެމަފިރިންގެ ކައިވެނި ރަޖިސްޓަރީކޮށް އަދި މީޑިއާތަކާ ބައްދަލު ކުރައްވާފައިވަނީ، ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުއެވެ. އަދި ކައިވެނި ބައްލަވައިގެންފައިވަނީ، ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާންމު ވެގެން ދިޔަތާ 4 އަހަރު ފަހުންނެނެވެ. އަދި މި ކައިވެނި ވެގެން ދިޔައީ ޖަޕާނުގެ އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ކައިވެންޏަކަށެވެ.

ކުރީގެ ޕްރިންސެސް މާކޯ، ޖަޕާނުގެ އާދައިގެ ރައްޔިތެއް ކަމުގައިވާ ކެއި ކޮމޫރޯ އާއި ކައިވެނަ ބައްލަވައިގެންނެވީ ޝާހީ ލަގަބު ދޫކޮށްލައްވާފައެވެ.

ޖަޕާނުގެ އިމްޕީރިއަލް ގާނޫނު ބުނާގޮތުން، އެގައުމުގެ ޝާހީ އާއިލާގެ އަންހެން މެމްބަރަކު އާދައިގެ ރައްޔިތަކާ ކައިވެނި ބައްލަވާގަންނަވާ ހިސާބުން ޝާހީ އާއިލާ ދޫކޮށްލަވަން ޖެހެއެވެ. އަދި އެއަށްފަހު، އޭނާއަށް ލިބިގެން ދާނީ ޖަޕާނުގައި އާދައިގެން ރައްޔިތަކަށް ލިބިގެންވާ އިމްތިޔާޒުތަކާއި އިނާޔަތާއި ހައިސިއްޔަތެވެ.

އަދި، ޝާހީ އާއިލާގެ މެމްބަރަކު، ޝާހީ އާއިލާ ދޫކުރައްވާ އަންހެން މެމްބަރަކު އަމިއްލަ ދިރިއުޅުއްވުމަކަށް ވަޑައިގަންނަވާ އެ މެމްބަރެއްގެ އާ ދިރިއުޅުއްވުން ފެއްޓުމަށްޓަކާ ޖަޕާނުގެ ބަޖެޓުން ލިބޭގޮތަށް ހަޖެހިފައި އޮންނަ 1.3 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ ޕެކޭޖްވެސް ނުނެގުމަށް ޕްރިންސެސް މާކޯ ވަނީ ނިންމަވާފައެވެ.

ކުރީގެ ޕްރިންސެސް މާކޯ ހިމެނި ވަޑައިގަތީ، ޝާހީ އާއިލާ ދޫކުރައްވާ އަމިއްލަ ދިރިއުޅުވުމަށް ވަޑައިގަންނަވަމުން، ޝާހީ އިހުތިފާލްއާއި އަދި ޝާހީ އާއިލާއިން ލިބޭ ގޮތަށް އޮންނަ ފައިސާގެ ޕެކޭޖް ނުނަގާގޮތަކަށް ނިންމެވި، ފުރަތަމަ ޕްރިންސެސް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.