ޖަޕާނަށް ކުރު މުއްދަތަކަށް އެތެރެވާ، ވެކްސިން ޖަހާފައިވާ ބޭރުގައުމުތަކުގެ މީހުންގެ ތެރެއިން ވިޔަފާރަވެރިންނާއި، ކިޔާވާކުދިންގެ އިތުރުން، ކުރު ޓްރެއިނިންގތަކަށް ޖަޕާނަށް އެތެރެވާ މީހުންގެ ކަރަންޓީންގެ މުއްދަތު 10 ދުވަހުން 3 ދުވަހަށް ދަށްކުރުމަށް ޖަޕާން ސަރުކާރުން ވިސްނަމުންދާ ކަމުގައި ލޯކަލް މީޑިއާތަކުން ރިޕޯޓު ކޯށްފިއެވެ.
އަދި ހަމަ މި އުސޫލު، ވިޔަފާރި ދަތުރުތަކުގައި ގައުމުން ބޭރަށް ދަތުރު ކޮށްފައި އެބުރި އަންނަ ޖަޕާންގެ ރައްތިޔުންނަށްވެސް ތަންފީޒު ކުރާނެކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ މި ފިޔަވަޅަށް ލުއި ދިނުމަށް ޖަޕާން ސަރުކާރުން ނިންމާފައިވާ މި ނިންމުމާ ގުޅިގެން، އެހެން ގައުމުތަކާ އެކީ ޖަޕާނުން ބާއްވަމުން އަންނަ ވިޔަފާރީގެ ގުޅުންތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކޯވިޑް19އާއި ގުޅިގެން ޖަޕާނަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމާއި ގުޅިގެން، ކިޔަވާ ކުދިންނާއި އަދި ޓެކްނިކަލް މީހުންނަށް އެކިއެކި ތަމްރީންތަކަށްވެސް ޖަޕާނަށް އައުމަށްވަނީ ބޮޑެތި ހުރަސްތަކަކާއި ކުރިމަތި ލާންޖެހިފައެވެ.
ޖަޕާނަށް ދަތުރު ކުރާ ފަރާތަތަކުގެ ވަޒީފާ ދޭފަރާތުން ކޯވިޑް19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ފުރިހަމަޔަށް ތަންފީޒު ކުރާނެކަމުގެ ޔަގީންކަމް ދޭނަމަ ދަތުރުކުތާ ފަރާތްތަކުގެ ކަރަންޓީން މުއްދަތު ކުރު ކުރާގޮތަށް ޖަޕާން ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، ދުނިޔޭގެ އެހެން ގައުމަކުން ކޯވިޑް19ގެ އާ ވޭރިއެންޓެއް ފެނިއްޖެނަމަ، އަލުން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރުމަށްވެސް ވަނީ ނިންމާފައެވެ.
މިގޮތުން ހޯމަ ދުވަހުން ފެށިގެން އަމަލް ކުރަން ފަށާ އުސޫލުގައިވާ ގޮތުން ޖަޕާނަށް އެތެރެ ވުމާއެކު، 3 ދުވަސް ވަންދެން ކަރަންޓީން ވުމަށަފަހު، ކޯވިޑަށް ޓެސްޓުކޮށް، ޕޮޒިޓިވް ނުވާނަމަ، 4 ވަނަ ދުވަހު ކަރަންޓީނުން ދޫ ކޮށްލެވޭނެއެވެ.
ފާއިތުވެދިޔަ މަސްތަކުގައި ޖަޕާނުގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު ދަށްވެފައި ވާއިރު، މިހަފްތާގެ ހޯމަ ދުވަހު މުޅި ޖަޕާނުގައިވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އެންމެ 86 މީހުންނެވެ. އަދި ޖަޕާން ސަރުކާރުން މިހާރުދަނީ އަލުން ޖަޕާން ހުޅުލުމާއި ގުޅޭގޮތުން ވިސްނަމުންނެވެ.
ކޮމެންޓު ފޮނުވާ