"ޒީރޯ އެމިޝަން"އަށް އޭޝިއާއިން ކުރާ މަސައްކަތްތަކަށް ޖަޕާނުން 10 ބިލިއަން ޑޮލަރުގެ އެހީ ވަނީ

"ޒީރޯ އެމިޝަން"އަށް އޭޝިއާއިން ކުރާ މަސައްކަތްތަކަށް ޖަޕާނުން 10 ބިލިއަން ޑޮލަރުގެ އެހީ ވަނީ

Author
ހުސެއިން
03 ނޮވެމްބަރ 2021 09:13
0

ކުރިޔަށް އޮތް 5 އަހަރުތެރޭ، "ނެޓް ޒީރޯ އެމިޝަން" (ޖައްވަށް ބޭރުވަމުންދާ ގްރީން ހައުސް ގޭސް މިހާރު ހުރި މިންވަރަށްވުރެ އިތުރު ވިޔަ ނުދިނުން)ގެ އަމާޒަށް ވާސިލްވުމަށް އޭޝިއާއިން ކުރަމުންދާ މަސައްކަތްތަކަށް 10 ބިލިރަން ޑޮރުގެ އެހީތެރިކަން ފޯރު ކޮށްދޭނެކަން ޖަޕަނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ހާމަ ކުރައްވައިފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ބައިނަލް އަގުވާމީ ފޯރަމެއްގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްމުން، އިގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓުގައި ކިޝިޑާވަނީ، ދުނިޔެ ހޫނުވަމުންދާ މައްސަލައަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ލީޑަޝިޕް ދެއްވެމުކަށް މަސައްކަތް ކުރައްވާފައެވެ.

"އޭޝިއާ "ޒީރޯ އެމިޝަން"އަށް ވާސިލް ކުރުމަށް ޖަޕާންއިން މަސައްކަތް ކުރާނެ. ދުނިޔޭގެ އިގްތިސާދީ ކުރިއެރުމުގެ އިންޖީނަކީ މިއީ،" ޖަޕާނުގައި ބޭއްވުނު އާންމު އިންތިޚާބު ނިމުނުތަނާ ކަހަލަ ގޮތަކަށް އިނގިރޭސިވިލާތަށް ވަޑައިގެން، ގްލަސްގޯވްގައި ކުރިޔަށްދާ ކޯޕް26 ސަމިޓުގައި ވާހަކަ ދައްކަވަމުން ކިޝިޑާ ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ ޖޫންމަހު، ކްލައިމެޓް ފައިނޭންސްގެ ގޮތުން ޖަޕާނުން ހޭދަކުރާނެކަމަށް ވައުދުވެފައިވާ 60 ބިލިއަން އެމެރިކާ ޑޮލަރުގެ އިތުރަށް ދޭން ނިންމި މި އެހީއަކީ، ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުން ކޮންމެ އަހަރަކުވެސް ކްލައިމެޓް ފައިނޭންސްގެ ގޮތުގައި 100 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ބާރު އެޅުމުގެ ގޮތުން ޖަޕާން ފޯރުކޮށްދޭ ފައިސާގެ އެހީތެރިކަމެވެ.

ކްލައިމެޓް ފައިނޭންސްގެ ގޮތުގައި 100 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ދުނިޔޭގެ ތަރައްގީވެފައވާ ގައުމުތަކުން ވެފައިވާ ވައުދަކީ އިނގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓްގެ މައިގަޑު އެންމެ މުހިންމު އެއް އަމާޒެވެ.

ކޯޕް26 ސަމިޓްގައި އިތުރަށް ވާހަކަ ދައްކަވަމުން ކިޝިޑާ ވިދާޅުވެފައިވަނީ އެހެނިހެން ގައުމުތައް ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ނުރައްކަލުން ސަލާމަތްވުމަށް މިހާރު ކުރަމުންދާ 14.8 ބިލިއަން ޑޮލަރުގެ ހޭދަ ދެގުނަށް ކުރުމަށްވެސް ނިންމާފައިވާ ކަމުގައެވެ.

ޖަޕާންއިން ވަނީ 2050 އަންނަން ވާއިރަށް "ނެޓް ޒީރޯ އެމިޝަން"އަށް ވާސިލްވުމަށް ނިންމާ، އަދި 2030 އަންނަން ވާއިރަށް އެގައުމުން ޖައްވަށް ބޭރުކުރާ ގްރީންހައިސް ގޭހުގެ މިންވަރު %46 މަދުކުރުމަށް ނިންމާފައެވެ.

ނޮވެމްބަރު މަހުގެ 1 އިން 12އަށް، ސްކޮޓްލޭންޑްގެ ގްލަސްގޯވް ސިޓީގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26، އަކީ މިހާތަނަށް ދުނިޔޭގައި ބޭއްވިގެންދާ ތިމާވެއްޓާބެހޭ އެންމެ ބޮޑު އެއްވުމެވެ. މިގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން އެންމެމަތީ ވެރިންގެ އިތުރުން، އެތައް ހާސް ޑެލިގޭޓުންނާއި، މަދަނީ ޖަމްއިއއްޔާތަކުގެ މެމްބަރުންނާއި މީޑިއާތަކުންވެސް މިބައްދަލުވުމުގައި ދަނީ ބައިވެރި ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.