ކުރީގެ ސަރުކާރުން ހިޔާ ހައުސިން ޔުނިޓަކަށް އަގު ކަނޑައެޅުމުގައި ބޮޑެތި އޮޅުވާލުން އޮޅުވާލައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަސް މައްސަލައެއް ހުށަހަޅައިފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްއެވެ.
ފަލާހު ހުށަހެޅުއްވި މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ހިޔާ ފެލްޓުތަކުގެ ކުލި ބޮޑުވެގެން ރައްޔިތުން ޝަކުވާކުރަމުން އަންނަނިކޮށް، އެކަމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގައި ކުރީ ސަރުކާރުން ކަނޑައެޅި އަގަކީ ގޯސް ހިސާބެއްކަން ހާމަވެފައިވާ ކަމަށެވެ. މި ސަރުކާރުން ކަނޑައެޅި އަގު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުން އައިއިރު، ގޯސް ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް، ގަސްތުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
މައްސަލަ ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ބޯހިޔާ ވަހިކަމުގެ ސިޔާސަތު އެންމެ ފުރަތަމަ ފެށީވެސް އެމްޑީޕީގެ ސަރުކާރުންކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހައުސިން ޔުނިޓްތައް އެޅުމަށް ނާދީ ހުރި ސަރަހައްދާއި، އޯޑިއޯން ހިމެނޭ ސަރައްދުގައިވެސް ފްލެޓް އަޅަން ނިންމައި އެގްރީމަންޓް ކުރި ނަމަވެސް އެކަންވެސް ހުއްޓުވާފައިވާކަމަށެވެ. ބޯހިޔާ ވަހިކަމަކީ އަސާސީ ހައްގަކަށްވާއިރު ނިމިދިޔަ ވެރިކަމުގައި ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވާގޮތަށް ހިޔާގެ ނަމުގައި އެޅި ފްލެޓްތަކަކީ ބޮޑެތި މަކަރާއި އޮޅުވާލުން ހިމެނޭ ކަމެއްކަމަށެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް ތާއީދު ކުރާ މެމްބަރުންވަނީ ކުރީ ސަރުކާރުން ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ނަމުގައި ކޮށްފައިވާ މަސައްކަތަކީ ވަރަށް ބޮޑު ޚިޔާނާތެއްކަމަށެވެ. އެކަން އޮޑިޓް ރިޕޯޓުން ވަރަށް ސާފުކޮށް ފެންނަން އޮތްއިރު، މިކަމުގައި ޝާމިލުފާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ކޮންހެން ކުރަންޖެހޭ ކަމެއްކަމަށެވެ. ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ އަގު ކަނޑައަޅާފައިވަނީ ކުރީގެ ހައުސިން މިނިްޓަރ އަދި މިހާރުގެ މާލޭ މޭޔަރު އިސްވެ ހުންވައިގެން ސަރުކާރަށް ޖެއްސުން ކުރުމަށް ޓަކައި ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުން ހިޔާ ހައުސިން ޔުނިޓަކަށް ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10،419 ރުފިޔާކަމަށާއި، އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަދި މެއިންޓަނެންސް ފީގެ 1،000 ރުފިޔާ ހިމެނޭހެން ހައުސިން ޔުނިޓަކަށް މަހަކު ދައްކަން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ 8،500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި އެއް ސަތޭކަ ތިރީސް އަށް މިލިއަން ފަސްދޮޅަސް ތިން ހާސް ހަ ސަތޭކަ ހަތްދިހަ ރުފިޔާގެ ދަރަންޏެއް އަރާނެ ކަމަށްވެސް އޮޑިޓަރ ޖެނަރަލްވަނީ އަންދާޒާ ކުރައްވާފައެވެ.
މި ރިޕޯޓުގައިވާ ގޮތުން މިއަހަރު އެޗްޑީސީން ކަނޑައެޅި 11،000 ރުފިޔާއަށް ހައުސިން ޔުނިޓެއް ވިއްކައިފިނަމަ، 20 އަހަރުގެ މުއްދަތަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ދެ ބިލިއަން އެއް ސަތޭކަ ނުވަދިހަ ފަސް މިލިއަން އަށް ލައްކަ ފަސްދޮޅަސް ފަސް ހާސް ފަސްސަތޭކަ އަށްޑިހަ ފަސް ރުފިޔާ ލިބޭނެކަމަށްވަނީ އަންދާޒާކުރައްވާފައެވެ.
އެޗްޑީސީން ކުރި ހިސާބަކީ އެ ކުންފުނިން މި މަޝްރޫޢަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، އެ އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނަރަލްވަނީ ލަފާކުރައްވާފައެވެ.
އަދި މިފަދަ މަޝްރޫޢުތަކުގެ އަގު ކަނޑައެޅުމުގައި ޢާންމުކޮށް ބޭނުންކުރާ އީ.އެމް.އައި މެތަޑް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޭނުންކުރިނަމަ 2018ވަނަ އަހަރު ކަނޑައަޅާފައި އޮންނަންވާނެ ސައްޙަ އަގަކީ ހައުސިން ޔުނިޓަކަށް މަހަކަށް 10،419 ރުފިޔާ ކަން މިރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އޭރު ކަނޑައެޅި 5،600 ރުފިޔާއަށް ވިއްކި ނަމަ، އެޗްޑީސީ އަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށާއި ސަބަބަކީ މަޝްރޫޢު ހިންގުމަށް ފުރަތަމަ ނެގި ލޯނުތަކާއި، ރީފައިނޭންސިންގއަށް ނެގި ލޯނުތަށް އަނބުރާ ދެއްކުމަށް ބޭނުންވާ މިންވަރަށް ފައިސާ ހޯދަން ހައުސިންގ ޔުނިޓުތައް އަގުކުރެވިފައި ނުވުމުން ފައިސާ ނުލިބޭނެތީކަން މި ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.
މި ރިޕޯޓުގައި އޮޑިޓަރ ޖެނަރަލްވަނީ ލޯނު ނަގައިގެން ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީއެމްއައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުމަށް ލަފާދެއްވާފައެވެ.
ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8،500 ރުފިޔާކަމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީމް މަހުގެތެރޭގައެވެ.