ކުރީ ސަރުކާރުން ހުޅުމާލޭގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ސަރުކާރު ހުޅުވުމާއެކު އެކަން ދިރާސާކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނާ ގޮތުން އެޗްޑީސީއިން ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކަށް ޖެހޭ ޖުމުލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކަމަށް ހުށަހެޅި އަދަދަށް ވުރެ ކުޑަ ކުރުމުން އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ.
ރައީސްއޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ހިޔާ އޮޑިޓްގައި ސަރުކާރުން ކަންބޮޑުވުން ފާޅުކުރި ކަންކަން ފެންނަން އެބަހުރި ކަމަށާއި، އެ ކަންތައްތަކަކީ ކޮންމެވެސް ބަޔަކު ޒިންމާވާންޖެހޭ ކަންތަކެއް ކަމަށެވެ. އަދި އަގުއް މައްސަލައިގައި ސަރުކާރުން ބުނަމުން އައި ވާހަކަތައް އޮޑިޓްގައިވާ ކަމަށާއި، އޮޑިޓް ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމަށްޓަކައި އާދީއްތަ ދުވަހު ސަރުކާރު ހުޅުވުމާއެކު އެ ރިޕޯޓް ދިރާސާކުރަން ފަށާނެ ކަމަށެވެ.
އެ ރިޕޯޓުގައި އަންދާޒާ ކޮށްފައިވަނީ، ކުރީގެ ސަރުކާރުން ހުށަހެޅި ގޮތަށް ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓަކަށް، 6600 ރުފިޔާގެ މަހު ކުއްޔެއް ކަނޑައެޅި ނަމަ، ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރުފިޔާ އަދި ނެޓް ކޭޝްފްލޯގެ ގޮތުގައި އެޗްޑީސީއަށް 9.2 ބިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށެވެ. މި ސަރުކާރުން ކުލީގެ ގޮތުގައި ނަގަން ނިންމީ 8500 ރުފިޔާއެވެ. އެހެން ނަމަވެސް އެ ރޭޓުގައި ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
އެޗްޑީސީއިން ހުށަހެޅީ ހައުސިން ޔުނިޓަކުން މަހު ކުލީގެ ގޮތުގައި 11،000 ރުފިޔާ ނެގުމަށެވެ. އެޗްޑީސީއިން އެ އަދަދު ހިސާބު ކުރީ މިފަދަ ހައުސިން މަޝްރޫއުތަކުގެ ޔުނިތުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ ގޮތް ކަމަށްވާ، އީކުއޭޓަޑް މަންތުލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑު ބޭނުންކޮށްގެން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި އޮޑިޓަރ ޖެނަރަލްވަނީ ލޯނު ނަގައިގެން ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީއެމްއައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުމަށް ލަފާދެއްވާފައެވެ.
ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ 8،500 ރުފިޔާކަމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީމް މަހުގެތެރޭގައެވެ.
One Response
މީ އެޗްޑީސީން ކުޅޭގޭމަށް ތާއީދު ހޯދައިޑޭން އޮޑިޓަރޖެނެރަލް ލައްވައި ކުޅެން ފަށައިގެ އުޅޭ ގޭމެއް! ރައްޔިތުން ދެން މި ބައިމީހުންގެ ފަހަތުން ދުވަންފަށާނެ!