ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރ އެންރިކޭ ރާއްޖެ އަތުވެއްޖެ

ބޯޑަރ މައިލްސްގެ ބްރޭންޑް އެންބެސެޑަރ އެންރިކޭ ރާއްޖެ އަތުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2021 07:13
0

ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ބޯޑަރ މައިލްސް" ޕްރޮގްރާމުގެ އެމްބެސެޑަރަކަށް ހަމަޖެއްސި ހޯޒޭ އެންރީކޭ ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ކުރިން ލިވަރޕޫލް އެފްސީ އަދި ނިއުކަރސަލް ޔުނައިޓެޑްގެ ޑިފެންޑަރެއްގެ މަޤާމު އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

އެންރީކޭ މި ދަތުރުގައި މޯލްޑިވްސް ބޯޑަރ މައިލްސް ޓީމާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ އެންމެ ފުރަތަމަ އެމްބެސެޑަރަކަށް ޖޯސް ހަމަޖެއްސުމާ ގުޅިގެން އޭނާ ބުނެފައިވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް އޭނާއަށް އެންމެ ކަމުދާ މަންޒިލްކަމަށާ، އަދި ޖޯސް ރާއްޖެ ސިފަކުރެއްވީ ދުނިޔެމަތީގެ ސުވަރުގޭގެގޮތުގައެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ"އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑަށް ކިޔަނީ "އަބާރަނަ"އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، (އެމްއެމްޕީއާރްސީ)އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.