މިދުވަސް ވަރު ރާއްޖެއިްނ ބޭރުން ރާއްޖެއަށް އަންނަ ދޫނިތައް ހިފައި ފިޔަކޮށައި، ބަންދުކޮށް އަނގަމަތީގައި ޓެޕް އަޅަން ނޭދޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ބަހުސްކުރި އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކަންކަން ހިނގާގޮތުން ރަނގަޅު އޮޑިޓްހެދި އެކަންކަން ބެލޭތަން ނުފެންކަމަށެވެ. ޝިޔާމްގެ ވާހަކަ ވަކި ހިސާބަކުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ދޫނިތައް ހިމާޔަތް ކުރުމަށް ގޮވާލާފައެވެ.
ޝިޔާމް ވިދާޅުވީ ރާއްޖެއަށް މޫސުން މޫސުމަށް ދޫނިތައް ބޭރުގެ އެކި ޤައުމުތަކުން އަންނާނެކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުންވެސް ބައެއް ދޫނިތައް ރާއްޖެ އަންނަ ކަމަށާއި، އެދޫނިތައްވެސް ހިފާ ހައްޔަރުކޮށް، އަނގަމަތީގައި ޓެޕް އެޅުމަކީ އެއްވެސް ގޮތަކަށް ތާއީދު ކުރައްވާ ކަމެއް ނޫންކަމަށެވެ. ޝިޔާމްގެ ވާހަކަ އިޝާރާތް ކުރެއްވީ ރައީސް ނަޝީދަށެވެ. އެގޮތުން ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އުޅުއްވާއިރު ވަރުގަދަ ސެކިއުރިޓީއާއިއެކު އުޅުއްވާއިރު، އެމަނިކުފާނު އުޅޭކަންވެސް ގިނަ ބަޔަކަށް ނޭގެއެވެ.
އެކި މޫސުމުގައި އެކިކަހަލަ ދޫނިި އަންނާނެ. ޔޫކޭ އިން ވެސް އެބައާދޭ ދޫނި. ހަމަ މޫސުމީ އެއްޗެހި. އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ނޭދެން ސަރުކާރުން ފިޔަ ކޮށާކަށް. ސަރުކާރުން މި ދޫނި ބަންނާކަށް، އަނގަމަތީގައި ޓޭޕް އަޅާކަށް އަޅުގަނޑުމެން ނޭދެން. ރައްޔިތުން ހަމަ ނޭދޭ އިއްޒަތްތެރި ރައީސް، މި ދޫނި ބަލަހައްޓަން މާ ބޮޑު ހޭދައެއް ރައްޔިތުންގެ ފައިސާއިން ކުރާކަށް ވެސް.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަތަކަށް ފަހު ހިނިތުންވެ އިންނަވައިގެން ނަޝީދު ވަނީ ޝިޔާމަށް ޝުކުރު އަދާކުރައްވާފައެވެ.
ހިތަށް އުފާވެރިކަން ލިބޭ ދެން އަޅުގަނޑު އަމިއްލަ އަކަށް މިކަމުގައި ޝާމިލު ވީކަމަށްވެސް، އެހެންނަމަވެސް ދޫންޏެއްގެ ގޮތުގައި ސިފަކުރައްވާތީވެ ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަށް ފަހު ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވާފައި އެނބުރި ރާއްޖެ ވަޑައިގެންނެވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެން ހުންނަވަނީ މާލޭގެ އެންމެ އަގުބޮޑު އެއް ހޮޓާ ކަމަށްވާ ހޮޓެލް ޖެންގައެވެ. އެތަނުގެ އެއްފަންގިފިލާ އެއްކޮށް ނަޝީދަށް ހާއްސަ ކޮށްފައިވާ ކަމަށް ވެއެވެ. އެކަމަށް ހަރަދު ކުރަނީ ދައުލަތުންނެވެ.