ބުރާސްފަތި ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމި އެކުވެރިކަމުގެ މެޗުގައި އަންނަަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ގަތަރު އަތުން ޕޯޗުގަލް މޮޅުވިއިރު، އެ މެޗާއެކު ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރިކޯޑެއް ހަދައިފިއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހާފައިވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާ ކާމިޔާބުކުރި ބައިނަލްއަޤްވާމީ 112 ވަނަ ލަނޑެވެ. މިމެޗްގައި އެޓީމުގެ ދަވަނަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހާފައިވަނީ ޖޯސޭ ފޮންޓްއެވެ. އަދި ފަހު ލަނޑު މެޗްގެ ފަހު މިނެޓްގައި ކާމިޔާބުކޮށްފައިވަނީ އެންޑްރޭ ސިލްވަރއެވެ.
މިމެޗް ވެގެން ދިޔައީ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅެދިން 181 ވަނަ މެޗަށެވެ. އަދި މިމެޗާއެކު އޭނާވަނީ ޔޫރަޕްގައި ޤައުމީ ޓީމަށް އެންމެ ގިނަ މެޗް ކުޅެދިން ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައެވެ. މިރިކޯޑް މިހާތަނަށް އޮތީ ސްޕެއިންގެ ސަރޖިއޯ ރާމޯސް އަތުގައެވެ. އަދި ދުނިޔޭގެ ރިކޯޑައި އަރާ ހަމަކުރުމަށްޓަކައި އަދި އިތުރު 14 މެޗް ބޭނުންވެއެވެ.
މި މެޗުން ޕޯޗުގަލް މޮޅުވިއިރު، އެ ޓީމުން ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ލަގްޒަމްބާގާއެވެ.