ޕޯސްޓް ޓުރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ އަކީ ހަޔާތުގައި ދިމާވެފައިވާ ނުވަތަ ކުރިމަތިވެފައިވާ ހާދިސާއެއްގެ ސަބަބުން ދިރިއުޅުމުގެ އެކި ހިސާބުތަކުގައި އިންސާނާ ތަހައްމަލުކުރަންޖެހޭ، ސިކުނޑީގެ ނުކުޅެދުންތެރިކަމެކެވެ.
ނިދަން އުނދަގޫވުން، ފާޑު ފާޑުގެ ހިތްބިރުގަންނަ ފަދަ ހުވަފެންތައް ފެނުން އަދި އެންޒައިޓީ ފަދަ މައްސަލަތަށް ދިމާވާ މި ބައްޔަކީ ހަޔާތުގެ ފާއިތުވި ތަނުގައި ދިމާވެފައިވާ ކޮންމެވެސް ހާދިސާއެއްގެ ސަބަބުން ސިކުނޑިއަށް ގެނުވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ. އާއްމުކޮށް މިމައްސަލަ ދިމާވަނީ ގާތްމީހަކު ނިޔާވުން، ބޮޑެތި އެކްސިޑެންޓުތަކުގެ ސަބަބުން، ހަނގުރާމަ އަދި ޖިންސީ ހާނިއްކަ ފަދަ ކަންކަމާ ކުރިމަތިލާންޖެހޭ މީހުނަށެވެ.
މިމައްސަލައިގެ ސަބުބުން ކަންކަމާ އަސަރު ކުރާލެއް ތަފާތުވުމާއި އަމިއްލަ ނަފްސު ކުށްވެރިކުރުމާއި ބިރުހީވުމާއި ރުޅިގަދަވުމުގެ އިތުރުން ޑިޕްރެޝަންގެ މައްސަލަތަކާވެސް ކުރިމަތިލާންޖެހެއެވެ.
މިގޮތަށް ދިމާވަނީ ހިނގާ ގޮސްފައިވާ ހާދިސާ ކޮންމެވެސް ސަބަބަކާހެދި ހަނދާނަށް އައިސް ތަސްވީރު ވާހެން ތިމާއަށް އިހުސާސްކުރެވޭ ވަގުތުތަކުގައެވެ. މިކަމަށް ފަރުވާ ކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކީ އެހާދިސާއާއި ގުޅުންހުރި ނޫނީ ހަނދާންވާފަދަ އެއްވެސް ކަމަކާ ކުރިމަތިނުލުމެވެ. ސިކުނޑީގެ ހާލަތު ހަމައަކަށް އެޅެންދެން އެފަދަ ހަނދާން އައުވާފަދަ ކަންކަމާ ވީވާވެސް ދުރުގައި އުޅުމެވެ. މިސާލަކަށް ހާދިސާ ހިގާފައިވާ ތަން ނޫނީ އެހާދިސާއާއި ގުޅުންހުރި މީހުން ނުވަތަ ތަކެތި އެއްގޮތަކަށްވެސް ނުފެންނާނެ ފަދަ ގޮތަކަށް ދިރިއުޅުމުވެ.
މި މައްސަލައަކީ ސައިކޯތެރަޕީގެ އަދި ބޭހުގެ އެހީގައި މުޅިން ރަނގަޅުކުރެވިދާނެ މައްސަލައެކެވެ. އެހެން ނަމަވެސް މިކަމުން ސަލާމަތް ވުމަށްޓަކައި ހަމަ އެކަނި ސިއްހީ އެހީތެރިންގެ މަސައްކަތެއް ނުފުދެއެވެ. މިއީ ސިނކުޑީގެ މައްސަލައެއްކަމުން ތިމާ ވެސް އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި ކަންކަމުގައި ވިސްނާ ވިސްނުން ރަނގަޅުކުރުމަށް ވަރަށް މަސައްކަތްކުރަންޖެހެއެވެ.
ބަލިމީހާގެ އިތުރުން އޭނާގެ ވަށައިގެން އުޅޭ މީހުންވެސް އެފަދަ ކަންކަމަށް ހޭލުންތެރިވެ އަނެކާގެ ހާލަތުދެނެގަނެގެން އުޅުން މުހިންމެވެ. ބަލިމީހާއާ ދެކެވޭ ވާހަކަތަކަކީ އޭނާގެ ދިރިއުޅުމަށް އުއްމީދުގެނެސްދީ ހިތްވަރު ލިބޭ ވާހަކަތައް ކަމުގައި ހެދުމާއި ބަލިމީހާއަށް ދިމާވި ހާދިސާއާއި ގުޅުންހުރި ކަންކަމާއި ވީހާވެސް އެމީހަކު ދުރުގައި ބެހެއްޓޭތޯ ބެލުމަކީ ކޮންމެ މީހަކަށްވެސް ކޮށްދެވިދާނެ މުހިއްމު ކަމެކެވެ.