ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލްގައި ޔޫރޯ މުބާރާތުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިޓަލީގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާ އާއި އެކު ސްޕެއިނުން ވަނީ އިޓަލީން ބަލި ނުވެ ހަދަމުން އައި ރެކޯޑު ނިމުމަކަށް ގެނެސްފަ އެވެ. ޖެހިޖެހިގެން 37 މެޗުން ބަލިނުވެ އިޓަލީން ރެކޯޑު ހަދާފައި ވާއިރު، އިޓަލީ ވަނީ 28 މެޗުން މޮޅުވެ، ނުވަ މެޗުން އެއްވަރު ކޮށްފަ އެވެ. މި މެޗުގެ ކުރިން އިޓަލީން އެންމެ ފަހުން ބަލިވީ 2018 ވަނަ އަހަރު ޕޯޗުގަލް އަތުންނެވެ.
މި މެޗުގައި ފާހަގަކުރެވުނު އެހެން ހާއްސަ ކަމެއް ވެސް އެބައޮތެވެ. އިޓަލީ އާއި ސްޕެއިން ބައްދަލުކުރި ވަރުގަދަ މެޗުގައި ސްޕެއިންގެ ފުރަތަމަ 11 ގައި ލުއިސް އެންރީކޭ ވަނީ 17 އަހަރުގެ ޕަބްލޯ ގަވީ ހިމަނާފައެވެ. އެއާއެކު ގަވީ ވެގެން ގޮސްފައި ވަނީ ސްޕެއިންގެ ތާރީހުގައި އެންމެ ޅަ އުމުރުގައި ޑިބަޓް ހެދި ކުޅުންތެރިޔާ އަށެވެ.
އިޓަލީން މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް ސްޕެއިން ވަނީ މެޗުގެ 17 ވަނަ މިނިޓުގައި ލީޑް ނަގައިފައެވެ. މި ލަނޑު އެ ޓިމަށް ކާމިޔާބު ކޮށްދިނީ މިކެލް އޮޔާޒަބަލްގެ އެހީތެރިކަމާ އެކު، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ފެރަން ޓޯރޭޒްއެވެ. މި ގޯލަށް ފަހު ވެސް އިޓަލީން ގިނަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް އެޓީމަށް މައްސަލަ ދިމާވީ ޓީމުގެ ކެޕްޓަން ބޮނޫޗީ އަށް މެޗުގެ 42 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކުމުންނެވެ. ރެފްރީއާ ދެބަސްވެގެން ރީނދޫ ކާޑެއް ވެސް ދައްކާފައިވާ ބޮނޫޗީއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ މަތިން އައި ބޯޅައެއް ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް އަަށް ލިބުމުގެ ކުރިން ހޯދަން އުޅުމުގެ ތެރޭގައި ބުސްކެޓްސް ކަރުގައި އުޅަނބޮށިން ޖެހުމުންނެވެ.
ސްޕެއިންގެ ދެވަނަ ގޯލަކީ ވެސް އޮޔާޒަބަލް ނަގައިދިން ހުރަހަކުން ފެރަން ޓޮރޭސް ޖަހައިދިން ގޯލެކެވެ. އިޓަލީން ޖެހި ގޯލަކީ ކައުންޓާ އެޓޭކެއްގައި މުޅިން ހުސްކޮށް ހުރެފައި ކިއޭސާ ދިން ޕާހަކުން ލޮރެންޒޯ ޕެލެގްރިނީ ކާމިޔާބު ކޮށްދިން ގޯލެކެވެ. ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ބައްދަލުކުރާނީ ބެލްޖިއަމް އާއި ފްރާންސްއެވެ.