ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބާސެލޯނާގެ މައްޗަށް ކުރި ހޯދައި ބެންފީކާ އިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މިމެޗުން ބާސާ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސެލޯނާއަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ބެންފީކާ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ތިން ވަނަ މިނެޓުގެ ތެރޭގައެވެ. މިއީ އުރުގުއޭގެ ޑާވިން ކާމިޔާބުކޮށްދިން ލަނޑެކެވެ. ބެންފީކާގެ ދެވަނަ ލަނޑު ރަފާ ސިލްވާ ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ފުރަތަމަ ލަނޑުވެސް ޖެހި ނޫނޭޒްއެވެ.
ބާސެލޯނާގެ ކުޅުންތެރިޔާ އެރިކް ގާސިއާ އަށް ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު ބާސާއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އީގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބެންފީކާއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޑީނަމޯ ކިއޭވަށް ވަނީ ދެ މެޗުން އެއް ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ބާސާއަށް ކުޅުނު ދެ މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.