ޗެންޕިއަންސް ލީގުގައި އެންމެ ގިނަ މެޗު ކުޅުނުމުގެ ރެކޯޑު ހެދި މެޗުގައި ލަނޑު ޖަހައި ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑް މޮޅު ކޮށްދީފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ހިމެނޭ ޔުނައިޓެޑު މި މެޗު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ދަނޑުގައި ސްޕެއިންގެ ވިޔަރެއާލް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މި މެޗުގައި ރޮނާލްޑޯ ލަނޑު ޖެހިއިރު، މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު 178 ވަނަ މެޗެވެ. އެއާއެކު ރޮނާލްޑޯ ވަނީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެގެން ރެއާލް މެޑްރިޑުގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިއަސް މީގެ ކުރިން ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ. އަދި މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮތީވެސް ރޮނާލްޑޯގެ އަތުގައެވެ.
މެޗުގެ ފުރަތަމަ ހާފުުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ވިޔަރެއާލް އެވެ.
ވިޔަރެއާލް އިން މެޗުގައި ލީޑުނެގި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. މމި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަކޯ އަލްކަސާ އެވެ. ނަމަވެސް މި ލީޑުގައި ވިޔަރެއާލް އަށް މާ ގިނައިރަކު ނުހުރެވުނެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓުފަހުން ޔުނައިޓެޑުގެ އެލެކްސް ޓެލޭސް އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައަކުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ޔަންގް ބޯއިސް ވަނީ އެޓަލަންޓާ އަތުން 1-0 އިން ބަލިވެފައެވެ. މި މެޗުތަކާއެކު ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ އެޓަލަންޓާ އެވެ. ދެވަނައިގައި ޔަންގް ބޯއިސް އޮތްއިރު ތިންވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.