ރާއްޖޭގެ ހާލަތު އޮތް ގޮތުން މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އައު ސަފީރު ވަން ލިޒިން އާއި ބައްދަލު ކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ މާބޮޑު ތަފްސީލްތަކެއް މަޖިލީހުން ހާމަކޮށްފައި ނުވެއެވެ. މިބައްދަލުވުމުގައި މަޖިލިސްގެ އަމީން އާންމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދަކީ އެމަނިކުފާނަށް ބޮމުގެ ހަމަލާ ދިނުމުގެ ކުރިން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅެކެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލީނުތަކާއި ގުޅިގެން އެއީ "ދަރަނި ދަންތުރަ" އެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.
އެނެމެފަހުން ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖަންގް ލީ ޖޮންގްގެ މަޤާމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެކެވެ. ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ.
ކޯވިޑްގެ ޙާލަތާ ގުޅިގެން ޗައިނާއިންވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ