އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސީ ވާދަވެރިކަމުގައި ޤައުމު ޤުރުބާންކޮށް ނުލުމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދަ ގޮތަކަށް ވިދާޅުވީ ސަރުކާރުން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރުތަކުގައި ރަޖިސްޓްރީވާ ދިވެހިންގެ ތެރެއިން ވަޒީފާތަކަށް ޤާބިލް ބޭފުޅުން ތިބިނަމަ، އެވަޒީފާތަކަށް ބޭރު މީހުން ނުގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު އެއް ކުންފުނިކަމުގައި އެމްއޭސީއެލް އަށް އެކަނި ބަލައިލުމުންވެސް ރައީސްގެ ވާހަކަ ދެކޮޅު ނުޖެހޭކަމަށެވެ. އެމްއޭސީއެލްވެސް ހިންގަމުންދަނީ ޑިވިޝަން ހެޑުންގެ ނަމުގައި ބިދޭސީ އެތައް ބަޔަކު ބޮޑު މުސާރަ ދީގެން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް މިފަދަ ވާހަކަތައް ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
މިއީ ވަރަށް ބޮޑު އިތުރުފުޅެއް. އެމްއޭސީއެލް ހިންގަނީ 5 ގުނަ ބޮޑު މުސާރައިގައި ޑިވިޝަން ހެޑްސްގެ ނަމުގައި ބިދޭސީން ލައިގެން! މިއީ އެމްޑީޕީގެ އިންތިޚާބަށް ރައީސް ކަމުގައި ހުންނަވައިގެން ހައްދަވާ އިތުރުފުޅެއް! 2 ރައީސުންގެ އޮޅުމުގައި ޤައުމު ޤުރުބާން ނުކުރައްވާ.
– ސައީދު ވިދާޅުވިއެވެ.
ވެރިރަށް މާލެ ފިޔަވައި، އަތޮޅު ތެރޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ހުޅުވި ޖޮބްސެންޓަރު، ރ.އަލިފުށީގައި ހުޅުވާ ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ތެރޭގައި ތައުލީމީ ގޮތުން ޤާބިލް ހުނަރުވެރި މީހުން ތިބިކަމަށެވެ. ރައީސް ވިދާޅުވީ, ޖޮބް ސެންޓަރެއް އަތޮޅުތެރޭގައި ޤާއިމްވެގެން ދިއުމަކީ ވަރަށް މުހިންމު ފެށުމެއްކަމަށެވެ. ރާއްޖޭގައި ވަޒީފާ ބޭނުންވާ ގިނަ ޢަދަދެއްގެ ޒުވާނުން ތިބިކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޖޮބް ސެންޓަރގެ އެހީގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަން ކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް ނުވަތަ ވަޒީފާ ހޯދާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤައުމީ ޖޮބް ސެންޓަރެއް އެންމެ ފުރަތަމަ މާލޭގައި ހުޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ވަޒީފާ ނެތް ދާއިރާތަކަށް ޚާއްޞަކޮށްގެން 2400 މީހުން ތަމްރީންކުރުމަށް އަމާޒުކޮށްފައިވާކަމަށާއި, މިއަހަރު 600 ފަރާތެއް ތަމްރީންކުރުމަށް ކޮލެޖުތަކާއި ސްކޫލްތަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕޮކެޓް މަނީގެ ގޮތުގައި 2000ގެ އެލަވެންސެއް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2400 މީހުން، ތަމްރީން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށާއި، މިހާތަނަށް މި އަހަރުގެ ތެރޭގައި 600 ފަރާތެއް ތަމްރީން ކުރެއްވުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސްކޫލްތަކާއި ހަވާލުކުރެވިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު، އެއިން ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި 2500 ރުފިޔާވެސް ދެމުންގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ, ވަޒީފާ ބޭނުންވެފައިތިބި މީހުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުގެ ވިސްނުންހުރިކަމަށެވެ.
ކޮމެންޓު ފޮނުވާ